ތަޢުލީމު

ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތް ސްކްރީނިންގް ފަށަނީ


ގްރޭޑް އެކެއްގައި ކިޔަވާ ކުދިންގެ ޞިއްޙީ ޙާލަތު ދެނެގަތުމުގެ ސްކްރީނިންގެ މިއަހަރުގެ ބުރުގެ މަސައްކަތްތައް އަންނަ ހަފްތާތެރޭގައި ފަށްޓަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.މިދިޔަ އަހަރު ކުރިއަށް ގެންދެވި މި ސްކްރީނިންގެ ފުރަތަމަ ބުރުގެ ނަތީޖާތަކަށް ބަލާއިރު އެންމެ ގިނައިން ފާހަގަކުރެވުނީ ދަތްފަނިކައިފައި ހުރުމާއި ލޮލުގެ މައްސަލަތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވަނީ ހާމަކުރައްވާފައެވެ.ގްރޭޑް އެކެއްގައި ކިޔަވާ ކުދިންގެ ޞިއްޙީ ޙާލަތު ދެނެގަތުމުގެ ސްކްރީނިންގގެ ފުރަތަމަބުރު ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ 2015 ވަނަ އަހަރުގައެވެ. އަދި މި ސަރވޭގެ ދެވަނަބުރުގެ މަސައްކަތްތައް އަންނަ ހަފްތާތެރޭގައި ފަށްޓަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މި ހެލްތް ސްކްރީނިންގ ކުރިއަށް ގެންދެވުމަށް ބޭނުންވާ ޓްރެއިނިންގތަކުގެ މަސައްކަތް ފަދަ ކަންކަން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. އަދި އަތޮޅުތަކުގެ ސްކޫލްތަކުގެ ހެލްތް ސްކްރީނިންގ އަންނަ މަރޗް މަހުގެ ތެރޭގައި ފަށްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ހެލްތް ސްކްރީނިންގެ މަސައްކަތް މުޅިން ނިންމަވައި، އަންނަ ޖޫންމަހުގެ ތެރޭގައި ނަތީޖާ ޢާންމުކުރެއްވޭނެކަމަށް މިނިސްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ސްކޫލްތަކުގައި ދިމާވާ ކުއްލި ޙާލަތްތަކަށް ޓީޗަރުން ތަމްރީންކުރެއްވުމުގެ މަސައްކަތްވެސް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ ކަމުގައެވެ. އަދި މިއަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއް ހިމެނޭގޮތުން ދުއިސައްތަ ފަންސާސް ޓީޗަރުން ފުރަތަމަ އެހީގެ ތަމްރީން ފުރިހަމަކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތު ސްކްރީނިންގއާބެހޭ ގައިޑްލައިނެއް މިހަރު ވަނީ އިފްތިތާޙު ކުރައްވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީއާއި އެމްއެންޑީއެފް ގުޅިވަޑައިގެން އެކުލަވާލެއްވި މި ގައިޑްލަނަކީ މިދިޔަ އަހަރު ހިންގެވި ހެލްތް ސްކްރީނުން ފާހަގަކުރެއްވުނު މައްސަލަތައް ދިރާސާކުރައްވައި، އެ މައްސަލަތަކަށް ޙައްލުހޯއްދަވައި އެފަދަ މައްސަލަތައް ދިމާނުވާނެ ފަދަ ގޮތަކަށް ކަންކަން ރޭއްވެވުމަށް އެކުލަވާލެއްވި ގައިޑްލައިނެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.