ޚަބަރު

ރުއްގަސް ކެނޑި މައްސަލައިގައި އައްޑޫސިޓީ ކައުންސިލު 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި


ޤަވާއިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ރުއްގަސް ކެނޑި މައްސަލައިގައި އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭ އިން އައްޑޫސިޓީ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީ.ޕީ.އޭއިން ވިދާޅުވީ، އައްޑޫސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ރުއްޖެހެރެ ސަރަޙައްދުގެ ހޭޅިފަށުން ގިނަ ޢަދަދެއްގެ ރުއްގަސް ކަނޑާ، އެ ސަރަޙައްދުގައި ފެންގަނޑެއް ކޮނުމާއި، އަދި ގޮނޑުދޮށަށް ވެލި އެޅުމާގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން އެކަން ބަލާފައިވާކަމަށެވެ.

އީ.ޕީ.އޭއިން ބެލިބެލުމުން، ޤަވާއިދާއި ޚިލާފަށް އައްޑޫ ރުއްޖެހެރެ ސަރަޙައްދުގެ 17818.09 އަކަ މީޓަރުގެ ސަރަޙައްދަކުން ބިން ސާފުކޮށް، އެ ސަރަޙައްދުން 1712.26 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަން ދެނެގަނެވިފައިވާ އެ އެޖެންސީއިން ވިދާޅުވެއެވެ.

އެހެންކަމުން ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އައްޑޫސިޓީ ރުއްޖެހެރެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން ޖުމްލަ 30,897,955.00 (ތިރީސް މިލިއަން އަށް ލައްކަ ނުވަދިހަ ހަތްހާސް ނުވަސަތޭކަ ފަންސާސް ފަހެއް) ދިވެހި ރުފިޔާ އިން އައްޑޫސިޓީ ކައުންސިލް އިދާރާ އީ.ޕީ.އޭއިން ވަނީ ޖޫރިމަނާކޮށްފައެވެ.


މި ފައިސާ ދެއްކުމަށް އީ.ޕީ.އޭއިން އައްޑޫސިޓީ ކައުންސިލަށް ދީފައިވަނީ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

ޕިކްނިކް އޭރިއާއެއް ތަރައްޤީކުރުމަށްކަމަށް ބުނެ އީ.ޕީ.އޭގެ ހުއްދަ ހޯދުމަކާ ނުލާ އައްޑޫ ސިޓީގެ ހިތަދޫ ކުނިކޮށީގެ ދެކުނުން އޮތް ސަރަޙައްދުގައި ތިމާވެއްޓަށް ގެއްލުންވާނެހެން މަސައްކަތްތަކެއްކުރި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.

ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ތިމާވެއްޓަށް ބަދަލު އަންނަ ފަދަ ގޮތަކަށް ކުރާ ޢުމްރާނީ ތަރައްޤީގެ އެއްވެސް މަސައްކަތެއް ކުރިއަށްގެންދިޔުމުގެ ކުރިން އެކަމުގެ ސަބަބުން ނުކުމެދާނެ ތިމާވެށީގެ މައްސަލަތައް ދެނެގަތުމަށް ހަދާ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓު އީ.އަ.އިއޭ ހެދުމަށްފަހު އީ.ޕީ.އޭގެ ހުއްދަ ހޯދަންޖެހެއެވެ. އެހެންނަމަވެސް އައްޑޫސިޓީ ކައުންސިލުން މި މަސައްކަތް ކުރިއަށްގެންދިޔުމުގެ ކުރިން އީޕީއޭގެ ހުއްދަ ހޯދާފައެއްނުވެއެވެ.