ޚަބަރު

ބޮޑު ސަރަހައްދަކަށް މިއަދު ވައި ނުސާފުވެ، ދުރުފެންނަ މިންވަރު ދަށްވާނެ: މެޓު


ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިނުސާފުވެ، ލޮލަށްފެންނަ ދުރުމިން ދަށްވެފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ވިދާޅުވީ، މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް އުތުރުން ވައި ޖެހެމުންދާއިރު، މެދޔރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައި ނުސާފުވެ ލޮލަށް ފެންނަ ދުރުމުން ދަށްވެފައިވާކަމަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ޢާންމުގޮތެއްގައި 10 ކިލޯމީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް، މިއަދު ހެނދުނު 07:00 އިން ފެށިގެން، ޚާއްޞަކޮށް މެދުރާއްޖެތެރޭ ހިމެނޭ ސަރަހައްދުގައި އެ މިންވަރު 4 ކިލޯމީޓަރަށް ދަށްވެފައިވާކަމަށެވެ.

ދުރު ފެންނަ ނިސްބަތް ދަށްވުމުގައި ވައިގެ މިސްރާބާއި، ވައިގެ ބާރުމިން އަދި ވާރޭ ވެހުން މުހިންމު ދައުރެއް އަދާކުރާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި އިރުވައި މުދުމުގެ ގިނަ ދުވަސްތަކުގައި ޢާންމުކޮށް ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ، ދުރުފެންނަ މިންވަރު ދަށްވާކަމަށްވެސް އެ އޮފީހުން ވިދާޅުވެއެވެ.


ރާއްޖޭގެ ސަރަހައްދުގައި އެވަގުތެއްގެ ވައިގެ މިސްރާބު ސާފު މިންވަރު ނުވަތަ "އެއަރ ކޮލިޓީ އިންޑެކްސް" އައި.ކިއު އެއަރގެ ވެބްސައިޓް ނުވަތަ އެއަރވިސުއަލް މޮބައިލް އެޕްލިކޭޝަނުން ބަލައިލެވޭނެއެވެ. ދުނިޔޭގެ ވައިގެ ސާފުމިން ވަޒަންކުރާ އައި.ކިއު އިން ވައިގެ ސާފުކަން ބަލަނީ 6 މިންކުރުމަކުންނެވެ. އެގޮތުން އެންމެ ގޯސްވާނީ އެއްވަނަ ދަރަޖައިގައެވެ. މިވަގުތު އެ ވެބްސައިޓުން ދައްކާގޮތުގައި ރާއްޖެ ސަރަހައްދުގައި އެ މިންކުރުން ހުރީ 2.5ގައެވެ.

މި މިންކުރުމުގައި ބުނާގޮތުގައި ރާއްޖޭގެ ބައެއް ހިސާބުތަކުގެ ވައިގެ ސާފުމިން މިވަގުތު ހުރީ ނާޒުކު ފަރާތްތަކުގެ ސިއްޙަތަށް ނުރަނގަޅު މިންވަރެއްގައެވެ. މި ދަރަޖައިގައި ހުންނައިރު ޚާއްސަކޮށް ނޭވާލާ ނިޒާމު މައްސަލަ ހުންނަ މީހުންނަށް ނުރައްކާ ބައެއް ހާލަތްތަޖުގައި ބޮޑުވެއެވެ.

ރާއްޖޭގެ ވައި ނުސާފުވެ ޖައްވު ފުސްވުމުގެ މައްސަލައަކީ މީގެ ކުރިންވެސް ބައެއް ދުވަސްވަރު ރާއްޖެއިން ފެންނަ މަންޒަރެކެވެ. އެގޮތުން މިދިޔަ ޑިސެމްބަރުމަހާއި މި ޖެނުއަރީ މަހުގެ ކުރީ ކޮޅުވެސް، މިމައްސަލަވަނީ ކުރިމަތިވެފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން އޭރު ވިދާޅުވީ ރާއްޖޭގެ ޖައްވުން މި ފެންނަ ބަދަލަކީ، ދުނިޔޭގެ މާ ދުރު ޤައުމުތަކުގެ މޫސުމީ ބަދަލަކާ ގުޅިފައިވާ ކަމެއްކަމަށެވެ. އަދި އެ ހިސާބުތަކުގެ ވައި ޖެހޭ މިސްރާބު ބަދަލުވުމުގެ ސަބަބުން، ރާއްޖޭގެ ސަރަޙައްދުންވެސް މި ބަދަލު ފެންނަނީކަމަށް މެޓް އޮފީހުން އޭރުވަނީ ބުނެފައެވެ.