ޚަބަރު

ޗައިނާގެ އީސްޓަން އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި


ޗައިނާގެ އީސްޓަން އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. ޗައިނާ އީސްޓަން އެއަލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

ޗައިނާ އީސްޓަން އެއަލައިނުން މި ދަތުރުތަކުގައި ބޭނުންކުރަމުންދަނީ އޭ-300 މަރުކާގެ ބޯޓެކެވެ. މިއެއަރލައިން ރާއްޖެއަށް ދަތުރުކުރަނީ، ޝަންހާއީ ޕުޑޮންގ އިންޓަނޭޝަނަލް އެއަރޕޯޓުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން މަޢުލޫމާތުދޭ ގޮތުގައި ޗައިނާ އީސްޓަން އެއަރަލައިންގެ ފުރަތަމަ ފްލައިޓުން ރާއްޖެއަށް އައިސްފައިވަނީ 207 ފަތުރުވެރިންނެވެ. އަދި މި އެއަރލައިންއިން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 1 ދަތުރެވެ.

ޗައިނާ އީސްޓަން އެއަރލައިންގެ އިތުރުން، ޗައިނާ ސަދާން އެއަރލައިންއިންވެސް ރާއްޖެއަށް ދަތުރުތައް ފެށުމަށްވެސް ވަނީ ހަމަޖެހިފައިއެވެ. އެ އަރލައިން ރާއްޖެއަށް ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ޗައިނާއަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ޗައިނާގައި ދަތުރުކުރުމަށް އެޅި ފިޔަވަޅުތަކާއެކު މިވީ 3 އަހަރު ތެރޭގައި ރާއްޖެއަށް ޗައިނާއިން އެއްވެސް ވަރަކަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ.

އެހެންނަމަވެސް، ޗައިނާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއި ގުޅިގެން ޗައިނާގެ ބެއިޖިންގ ކެޕިޓަލް އެއަރލައިން އިން ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. ޗައިނާ ބެއިންޖިން އެއަލައިންގެ ފުރަތަމަ ފްލައިޓުން އައިސްފައިވަނީ 198 ފަތުތުރުވެރިންނެވެ.

މިއެއައލައިން އިން މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހަފްތާއަކު 4 ދަތުރުކޮށްފައިވާއިރު، ޗައިނާއިން މިހާރު 5390 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ. މިއާއިއެކު ޗައިނާ މިހާރު ވަނީ ރާއްޖެއަށް ދަތުރުކުރާ މާކެޓްތަކުގެ ތެރެއިން 8 ވަނަ މާކެޓްގައި ހިމެނިފައެވެ.