ޚަބަރު

ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑު ފްލޯޓިންގ ސޯލާ ޕާކު ތާޖު އެގްޒޯޓިކާގައި


1.05 މެގަވޮޓްގެ ފްލޯޓިން ސޯލާ ޕާކްއެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާއިން ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތާޖް އެގްޒޯޓިކާ ރިސޯޓްއާއި ސްވިމްސޯލް ނަމަކަށް ކިޔާ ކުންފުންޏަކާއެކުއެވެ. ސްވިމްސޯލްއަކީ ފޮޓޯވޯލްޓައިކްސްގެ ވިޔަފާރީގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން ކްލަސްޓާ ޖެނެރަލް މެނޭޖަރު ކޮރިންނާ ލުއެބެ ވިދާޅުވީ ސްވިމްސޯލްއާއެކު ރާއްޖޭގެ އެންމެ ބޮޑު އެއް ސޯލާ ޕާކު ތަަރައްޤީކުރުމަކީ އެރިސޯޓުން ވަރަށް ފަޙުރުވެރިވާކަމެއްކަމަށެވެ.

1.05 މެގަވޮޓްގެ ފްލޯޓިން ސޯލާ ޕާކްއެއް ތަރައްޤީކުރަނީ އައިއެޗްސީއެލްގެ އީއެސްޖީ ޕްލަސް ފްރޭމްވޯކް، "ޕާތިޔާ" އާއި އެއްގޮތްވާ ގޮތުގެ މަތިން، ހަކަތަ ހިމާޔަތްކުރުމަށް އެ ޖަމްޢިއްޔާއިން ވެފައިވާ ވަޢުދާ އެއްގޮތަށެވެ. އަދި މިއީ 2030 ވަނަ އަހަރުގެ ނިޔަލަށް ކަރަންޓު އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

1.05 މެގަވޮޓްގެ މިސޯލާ ޕާކުގެ ސަބަބުން އަހަރަކު 1189 ޓަނުގެ ގްރީންހައުސް ގޭސް ބޭރުކޮށް، އަހަރެއްގެ މައްޗަށް 439000 ލީޓަރުގެ ޑީސަލް ބޭނުންކުރުން މަދުކުރެވޭނެއެވެ. މިއާއިއެކު ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ ވެގެންދާނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށް ޖަނަރޭޓަރު ބޭނުންކުރުން ރާއްޖޭގައި މުޅިން ހުއްޓާލާ ފުރަތަމަ ރިސޯޓަށެވެ.

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން މިވަގުތު ރާއްޖޭގައި ތަފާތު އެކި މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ. އެގޮތުން، ތިލަފުއްޓާއި، އައްޑޫ ސިޓީގައި ކުނިން ހަކަތަ އުފައްދާ ޕްލާންޓްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ތިލަފުށީގައި ޤާއިމުކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓް މެދުވެރިކޮށް މެދުވެރިކޮށް ދުވާލަކު 10 މެގަވޮޓާއި 12 މެގަވޮޓާ ދެމެދުގެ ކަރަންޓު އުފެއްދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން ސަރުކާރުން ދަނީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް، ބިޔަ މަޝްރޫޢުތަކެއް ފެށުމަށް ތައްޔާރުވަމުންނެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ރާއްޖޭގެ 6 ސަރަހައްދެއްގައި 11 މެގަވޯޓު ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫޢެވެ.