ޚަބަރު

ކަރެކްޝަނާއި އަލަށް ގުޅޭ އޮފިސަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފަށައިފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެސްސީއެސްއިން "ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމުގެ 9 ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފިއެވެ. މިއީ އެމް.ސީ.އެސްގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުން ތަމްރީންކުރުމަށް ހިންގާ އަސާސީ ތަމްރީން ޕްރޮގްރާމްގެ 27 ވަނަ ބެޗެވެ.

3 މަސް ދުވަހުގެ މި ޕްރޮގްރާމްގެ މި ފަހަރުގެ ބެޗްގައި އެމް.ސީ.އެސްގެ ވަޒީފާއާ އަލަށް ގުޅޭ 37 ފިރިހެން އަދި 16 އަންހެން ޓްރޭނީން ވަނީ ބައިވެރިވެފައެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވީ، އިންސާނެއްގެ ސިކުނޑި ތަރައްޤީކޮށް ކުރިއަރުވަދޭ އެއްކަމަކީ ޢިލްމުކަމަށާއި، ޢިލްމާއި ހުނަރު ތަރައްޤީކޮށް، އިންސާނާގެ ސިކުނޑިއަށް ލިބިދޭ ކާނާއަކީ ވެސް ތަޢުލީމުކަމަށެވެ.

މި ފެށުނު އަސާސީ ތަމްރީން ޕްރޮގްރާމަށް އިޝާރާތްކުރައްވާ ޑީސީޕީ ވިދާޅުވީ، މި ތަމްރީނަކީ އައު އެއްޗެހި ދަސްވުމުގެ އިތުރުން އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ ތަމްރީނެއް ކަމަށެވެ. އަދި މި ތަމްރީން ޕްރޮގްރާމްގައި ދަސްކޮށްދޭ އައު ޢިލްމާއި ހުނަރުގެ ނާޖާއީޒު ފައިދާ ނުނަގާ، އޭގެ ބޭނުން ޢަމަލީ މައިދާނުގައި އެންމެ ފުރިހަމައަށް ކުރުމަށް ޑީސީޕީ ބާރުއެޅުއްވިއެވެ.

މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. އަދި މި އޮފިސަރުންނަކީ އަޚްލާޤު ރަނގަޅު، ސިފަވަންތަ ބަޔަކަށް ހެދުމާއި، ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުންތަކަކަށް ހެދުމަކީވެސް މި ތަމްރީން ޕްރޮގްރާމްގެ އެއް އަމާޒެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ފިޒިކަލް ޓްރެއިނިންގއާއި، ލީޑަރޝިޕް ކްލާސްތަކާއި، އެތިކްސްއާއި، ޤާނޫނާއި ޤަވާއިދުތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި ގިނަ މޮޑިއުލްތަކެއް ކިޔަވައިދެވޭނެއެވެ. މިއީ ކޮންމެ ޕްރިޒަން އޮފިސަރެއްވެސް ފުރިހަމަ ކުރަންޖެހޭ ކޯހެކެވެ.