ދުނިޔޭގެ ވިޔަފާރި

ފިލިޕީންސްގައި ފިޔާ ކިލޯއެއް 12 ޑޮލަރަށްވުރެ މަތީގައި!


ފިލިޕީންސްގައި ފިޔާ ކިލޯއެއްގެ އަގު މިދިޔަމަހު ގާތްގަނޑަކަށް 700 ޕެސޯ ނުވަތަ 12.80 އެމެރިކާ ޑޮލަރަށް އުފުލިފައިވާކަމަށް އެ ގައުމުގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއީ އެ ގައުމުގައި ވިއްކާ އެއްގަމު މަހުގެ އަގަށްވުރެ ބޮޑު އަގަކަށްވާއިރު މިއީ ފިލިޕީންސްގައި ދުވާލަކު ލިބޭ އެންމެ ކުޑަ އުޖޫރައަށް ވުރެވެސް ބޮޑު އަދަދެކެވެ.

ފާއިތުވި ހަފްތާތަކުގައި އަގަށް ލުއި ލިބުނު ނަމަވެސް، އާއްމުން އަދިވެސް އުޅެނީ ފިޔާގެ އަގުބޮޑުވެގެންކަމަށް ހަބަރުތައް ބުނެއެވެ.

"ކުރިން ދުވާލަކު ތިން ހަތަރު ކިލޯގެ ފިޔާ ގަންނަން. ނަމަވެސް މިހާރު ބައި ކިލޯ ގަންނަނީ އެއީ އަހަރެމެންނަށް މިހާރު ގަނެނޭވެ މިންވަރު،" ޕިއްޒާ ފިހާރައެއް ހިންގާ ރިޒާލްޑާ މައުނޭސް ބުންޏެވެ.

ފިޔަލުގެ އަގު ފިލިޕީންސްގައި އުފުލިފައިވާއިރު، އާއްމުން ބޭނުންކުރާ އެހެން ހުރިހާ އެއްޗެއްގެ އަގުތައްވެސް ވޭތުވެދިޔަ 14 އަހަރު ނުދާހާ މައްޗަށް ގޮސްފައިވާކަމަށް ހަބަރުތައް ބުނެއެވެ.

އެގްރިކަލްޗާރ ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާ ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއާ ވަނީ ކާބޯތަކެތީގެ އަގު އުފުލުމަކީ "ކުއްލި ހާލަތެއް" ކަމަށް ވިދާޅުވެފައެވެ. އަދި ފިޔަލުގެ ސަޕްލައި އިތުރުކުރުމުގެ ގޮތުން މި މަހުގެ ކުރީކޮޅު މާކޯސް ވަނީ ރަތް އަދި ރީނދޫ ފިޔާ އެތެރެކުރުމަށް ހުއްދަވެސް ދީފައެވެ.

މާކޯސް ގަބޫލުކުރާ ގޮތުގައި ފިޔާގެ ސަޕްލައި އިތުރު ކުރުމުން އަގު ހަމައަކަށް އެޅޭނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ފިލިޕީންސްގެ އިގްތިސާދު އަލުން ހުޅުވިގެން ދިއުމުން ޑިމާންޑް އިތުރުވަމުން އަންނައިރު، މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ހިމެނޭ ގޮތަށް ކާބޯތަކެތި އުފެއްދުމަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.

"ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާއިން އޮގަސްޓް މަހު ލަފާކޮށްފައި އޮތީ ރޫޓް ކްރޮޕްގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް. އޭގެ މަދު މަސްކޮޅެއް ފަހުން ފިލިޕީންސްއަށް ބާރުގަދަ ދެ ތޫފާނެއް އައިސް ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބުނު،" އައިއެންޖީ ބޭންކުގެ އިސް އިގްތިސާދީ މާހިރު ނިކޮލަސް މާޕާ ވިދާޅުވިއެވެ.

ފިޔަލުގެ އަގު އުފުލުމުގެ ސަބަބުން ފިލިޕީންސްގެ ސެބޫގެ މަގުމަތީގެ ކާބޯތަކެތީގެ ސްޓޯލްތަކަށްވެސް ވަނީ އަސަރުކޮށްފައެވެ.

އަގު އުފުލުމުގެ ސަބަބުން އެފްރިކަލްޗަރ ސެކްރެޓަރީގެ މަގާމުގައި ހުންނަވައިގެން ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށް ވައުދުވެވަޑައިގެންނެވި މާކޯސްއަށްއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އަދި އެގްރިކަލްޗަރ ވުޒާރާ ހިންގުން އެހެން ބޭފުޅަކާއި ހަވާލުކުރަންވެސް ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ގޮވާލައްވާފައެވެ.