ދުނިޔޭގެ ވިޔަފާރި

ދަތިތަކާއެކުވެސް އެލްވީއެމްއެޗްގެ ވިޔަފާރިއަށް ކުރިއެރުން


ޗުއްޓީ މޫސުން އައުމާއެކު، ދުނިޔޭގެ އެންމެ ބޮޑު ލަގްޒަރީ ވިޔަފާރި ގްރޫޕް، އެލްވީއެމްއެޗް ނުވަތަ ލުއި ވިތޮން މޮއެޓް އެނެސީގެ ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެލްވީއެމްއެޗްއިން ބުނީ ޖިއޮޕޮލިޓިކަލް މައްސަަލަތަކާއި ދިރިއުޅުމުގެ އަގު ބޮޑުވި ނަމަވެސް އާމްދަނީއާއި ފައިދާއާއެކު ޖެހިޖެހިގެން ދެވަނަ ފަހަރު ރެކޯޑް އަހަރެއް އެ ކުންފުނިން ތަޖުރިބާކޮށްފައިވާ ކަމަށެވެ.

އެލްވީއެމްއެޗްގެ ވިޔަފާރި ވަނީ މިދިޔަ އަހަރުގެ ފަހު 3 މަސްދުވަހުގެ ތެރޭގައި 9 އިންސައްތަ ކުރިއަރައި، ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރަށް އަރާފައެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުން ފޫބައްދައިދިނީ ޔޫރަޕާއި އެމެރިކާ އަދި ޖަޕާނުން ކަމަށް އެލްއެމްއެޗް އިން ބުނެއެވެ. އެ ގައުމުތަކުގައި ކުންފުނީގެ ވިޔަފާރި ވަނީ ވަރަށް ރަނގަޅުވެފައެވެ.

ޗައިނާއިން ގެންގުޅުނު ޒިރޯ ކޯވިޑު ސިޔާސަތުގެ ސަބަބުން އޭޝިއާގައި އެލްވީއެމްއެޗްގެ ވިޔަފާރި މިދިޔަ އަހަރުގެ ފުރަތަމަ 9 މަސް ދުވަހުގެ ތެރޭގައި ވަނީ %20 ދަށްވެފައެވެ.

ނަމަވެސް އެލްވީއެމްއެޗްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް ބާނާޑް އާނޯލްޓް ވިދާޅުވީ ޗައިނާއާ ދޭތޭރޭ އުންމީދު އެބަ އޮތް ކަމަށެވެ. އެގޮތުން މަކާއޯގައި ހުންނަ އެ ކުންފުނީގެ ފިހާރައިން ޗައިނާ މީހުން ވިޔަފާރިކުރާ ކަމަށް ބާރނާޑް ވިދާޅުވިއެވެ.

އެލްވީއެމްއެޗްގެ ބްރޭންޑްތަކުގެ ތެރޭގައި ޓިފަނީސް، ކްރިސްޓިއަން ޑިއޯ، ސެފޯރާ، އެނެސީ އަދި މޮއެޓް ހިމެނެއެވެ.

އެ ކުންފުނީގެ ޑިޒައިނަރ ލޭބަލް، ލުއި ވިތޮންގެ ވިޔަފާރި ވަކިން ހާއްސަކޮށް ވަނީ ރަގަޅުވެފައެވެ. ލުއި ވިތޮންގެ އާމްދަނީ ވަނީ ފުރަތަމަ ފަހަރަށް 21.7 ބިލިއަން އެމެރިކާ ޑޮލަރު ފަހަނައަޅައި ގޮސްފައެވެ.

"ދުނިޔޭގެ އިގްތިސާދީ ހާލަތު ދަށްވުމުން އައި ނަމަވެސް ޕާސަނަލް ލަގްޒަރީ މާކެޓް އަންނަ އަހަރު މަދުވެގެން %3-8 އަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ" ކޮންސަލްޓިން ކުންފުނީގެ ރިޕޯޓެއްގައިވެއެވެ.

މި މަހުގެ ކުރީކޮޅު އެލްވީއެމްއެޗުން ވަނީ އެ ކުންފުނީގެ ލީޑަޝިޕް ސްޓާފުންނަށް ބަދަލުތަކެއް ގެނެސްފައެވެ. ދުނިޔޭގެ އެންމެ މުއްސަނދި އެއް ބޭފުޅާ ކަމަށްވާ މިސްޓަރ ބާރނާޑް ވަނީ އޭނާގެ އަންހެން ދަރިފުޅުމ ފެޝަން ހައުސް ޑިއޯގެ ވެރިއަކަށް އައްޔަން ކުރައްވާފައެވެ. އަދި ލުއި ވިތޮންގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ޕިއެޓްރޯ ބެކާރީގެ ބަދަލުގައި އުމުރުން 47 އަހަރުގެ ޑެލްފިން އާނަލްޓް ވަނީ ހަމަޖައްސާފައެވެ.