ޑަބްލިއުއެޗްއޯގެ ހުރިހާކަމަކަށް ޚަރަދުކުރާނެ ގޮތާއި ޚަރަދުކުރުމުގައި އިސްކަންދޭނެ ކަންކަން ނިންމާ ބައްދަލުވުމުގެ ރިޔާސަތު ދިވެއްސަކު ބަލަހައްޓައިފިއެވެ.
ޑަބްލިއުއެޗްއޯގެ ޕްރޮގްރާމް ބަޖެޓް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ 37 ވަނަ ބައްދަލުވުމުގެ ރިޔާސަތު މިއަހަރު ބަލަހައްޓާފައިވަނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޢައިޝަތު ރިޝްމީއެވެ.
ކޮންމެ އަހަރަކުވެސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އެއަހަރު ތެރޭގައި ސިއްޙީ ދާއިރާއިން ކުރާނެ ކަންކަން ނިންމާ އެކަންކަމުގައި ޚަރަދުކުރުމަށް އިސްކަންދޭނެ ކަންކަން ނިންމުމަށް ޕްރޮގްރާމް ބަޖެޓް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ބައްދަލުވުންތަކެއް ބާއްވައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މިކޮމިޓީގެ ރިޔާސަތަށް ރާއްޖެ ހަމަޖައްސާފައިވަނީ މިދިޔަ އަހަރުއެވެ. މިއާއެކު މިދިޔަ އަހަރުގެ ތެރޭގައި އޮންލައިންކޮށް ބޭއްވި މީޓިންގތަކުގައި ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. އަދި އޭގެފަހުން ހުރިހާ ޤައުމަކުން އެއްތަންވެ، ޖެނީވާގައި މިމަހުގެ 25 އިން 27 އަށް ކުރިއަށްގެންދިޔަ ފުރަތަމަ ބައްދަލުވުމުގެ ރިޔާސަތުވެސް ރާއްޖެއިން ވަނީ ބަލަަހައްޓާފައެވެ.
މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވީ މި ބައްދަލުވުމުގެ ރިޔާސަތުގައި ރާއްޖެ ތަމްސީލުކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޢައިޝަތު ރިޝްމީކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ރިޝްމީ ވިދާޅުވީ މިއީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ. އަދި މިއީ ދެކުނު އިރުމަތީ އޭޝިއާގެ ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ތެރެއިން ކުޑަ ޤައުމަކުން އަންހެނަކު މި ކޮމިޓީގެ ރިޔާސަތު ބެލެހެއްޓި ފުރަތަމަ ފަހަރުކަންވެސް ރިޝްމީ ފާހަގަކުރެއްވިއެވެ.
"މިއީ ރާއްޖެ ފަދަ ޤައުމަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއް. އެއީ ރާއްޖެ ފަދަ ކުޑަ ޤައުމަކުން ޑަބްލިއުއެޗްއޯގެ ރިޔާސަތު ބެލެހެއްޓުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. އަދި މިއީ ރާއްޖެ ހިމެނޭ ސަރަޙައްދަށްވެސް ލިބިގެންދިޔަ ޝަރަފެއް." ރިޝްމީ ވިދާޅުވިއެވެ.
ޢާއްމު ގޮތެއްގައި ޤައުމުތަކަށް ޕްރޮގްރާމް ބަޖެޓް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ރިޔާސަތަށް އާދެވެނީ، ކޮމިޓީގެ ނައިބުގެ ގޮތުގައި އެއް އަހަރު މަސައްކަތް ކުރުމަށްފަހުއެވެ. އެހެންނަމަވެސް ރާއްޖެއިން އޭގެ ކުރީ އަހަރު މިކޮމިޓީގައި އަދާކުރި މުހިއްމު ދައުރު ފާހަގަކޮށް ނައިބުގެ ގޮތުގައި އެއް އަހަރު ހޭދަނުކޮށް ސީދާ ރިޔާސަތަށް އައުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެން ގޮސްފައިވާކަމަށް ރިޝްމީ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ހިންގުމާއި އިދާރީ ޚަރަދުތަކާއި، ޑަބްލިއުއެޗްއޯއިން ހިންގާނެ އެހީގެ ޙަރަކާތްތަކާއި، ޤައުމުތަކަށް ފޯރުކޮށްދޭނެ އެހީއާއި ސިއްޙީ ދާއިރާއިން ޤައުމުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ވަނީ ނިންމާފައެވެ. މިބައްދަލުވުމަށްފަހު ކުރިއަށްއޮތް ޑަބްލިއުއެޗްއޯގެ ޖެނެރަލް އެސެމްބްލީގެ ކުރިން އިތުރު ކޮމިޓީ ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭއިން ބަލަހައްޓާ ރިޔާސަތުގެ ދަށުން ޑަބްލިއުއެޗްއޯއަށް ކަނޑައަޅާ ބަޖެޓަކީ ޑަބްލިއުއެޗްއޯގެ ތާރީޚުގައިވެސް އެންމެ ގިނަ ފަރާތްތަކަށް ފާއިދާ ވާނެ ފަދަ ގޮތަކަށްމިހާތަނަށް ކަނޑައަޅާ ބަޖެޓެވެ.
އެންމެ ފަހުން ބޭއްވި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޢާއްމު ބައްދަލުވުމުގައި ރާއްޖެވެސް ހިމެނޭހެން ޤައުމުތަކުން ވަނީ ޑަބްލިއުއެޗްއޯގެ ހިންގުމަށް މިހާރު ދެމުންދާ އެހީ 20 އިންސައްތަ އިތުރުކުރުމަށް ނިންމާފައެވެ. މި ނިންމުމާއެކު ރާއްޖެ ފަދަ ޤައުމުތަކަށް ޑަބްލިއުއެޗްއޯގައި ނިންމާ ނިންމުންތަކާއި ކުރިއަށްގެންދާ ޙަރަކާތްތަކާއި ގުޅޭގޮތުން ބަސްބުނުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން ކަނޑައެޅިގެން މިދާ ބަޖެޓާއެކު ޑަބްލިއުއެޗްއޯއިން ކުރާ މަސައްކަތް އިތުރަށް ހަރުދަނާވެ، ގިނަ ޤައުމުތަކަކަށް އެހީތެރިކަން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ފޯރުކޮށްދެވޭނެކަމަށް އެޖަމުއިއްޔާއިން ދެކެއެވެ.