ޚަބަރު

ރައީސް ސާލިހުއަށް ރިޔާސީ ޓިކެޓް ހަވާލުކުރުން އަންނަމަހު


އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއަށް އެރުވުން އޮންނާނީ އަންނަމަހުގެ މެދުތެރޭގައިކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއަރޕަސަންގެ ނާއިބު އިބްރާހިމް ވަހީދު ވިދާޅުވީ އަސާސީ ގަވާއިދުގައިވާ ގޮތަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި އިއުލާންކުރާނެކަމަށެވެ.

އިބްރާހިމް ވަހީދު ވަހީދު އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށްފަހު އަންނަމަހުގެ މެދުތެރޭގައި ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ސާލިހުއަށް ރަސްމީކޮށް އެރުވުން އޮންނާނެކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާއިރު، މި ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް ސާލިހު ކުރި ހޯއްދެވީ 61.10 އިންސައްތައިގެ ބޮޑު އަޤްލަބިއްޔަތަކުންނެވެ. މި އިންތިހާބުގައި ރައީސް ނަޝީދަށް ލިިބިވަޑައިގަތީ 38.09 އިންސައްތައެވެ.

އެމްޑީޕީން ބުނީ މިއީ މިހާތަނަށް ބޭއްވި އެންމެ ޝަކުވާ މަދު އިންތިހާބުކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަ އެއްވެސް ޝަކުވާއެއް ނެތްކަމަށްވެސް އެމްޑީޕީން ބުނެއެވެ..