ޚަބަރު

ޑިންގީއަކުން ޖެހި ފަތުރުވެރިއަކު މަރުވެއްޖެ


ކ.ތުލުސްދޫ ކައިރިއަށް މޫދަށް އެރިއުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއަކުން ޖެހި މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ 52 އަހަރުގެ ޕޮލެންޑު ފިރިހެނެކެވެ.

އޭނާ މޫދަށް އެރުނީ ތުލުސްދޫ ކައިރީގައި ކުޑަވިގިލި ކަނޑުއޮޅިއާ ދިމާއަށެވެ. މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ތުލުސްދޫ ކައިރިއަށް ސްނޯކްލިންއަށް ގޮސްއުޅުނު ފަތުރުވެރިއެއްގެ ގައިގައި އެސަރަހައްދުން ދަތުރުކުރި ޑީންގީއެއްޖެހި ހާދިސާއެއް ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 11:10 ހާއިރުކަމަށެވެ.

އޭނާ ތުލުސްދޫ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަަމށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

މި ހާދިސާއާއި ގުޅޭގޮތުން ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ މި ހާދިސާގައި މަރުވީ ރާއްޖެގައި ޗުއްޓީ ހޭދަކުރަން އައި މީހެއްކަމަށާއި، އޭނާއާއިއެކު އިތުރު 3 މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އޭނާ މޫދަށް އެރުނު ސަރަހައްދަކީ އޮއެބަރު ސަރަހައްދެއްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މި ހާދިސާގައި މަރުވި ފަތުރުވެރިއާއަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވަކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.