ދުނިޔޭގެ ވިޔަފާރި

ނެސްލޭގެ ބޮޑު އިންވެސްޓެއް ކޮލޮމްބިއާއަށް


ކާބޯތަކެތި އުފައްދާ ކުންފުނި ނެސްލޭ އިން ކޮލަމްބިއާގެ އޮޕަރޭޝަންތަކަށް ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 100 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށް ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވެއްޖެއެވެ. ކޮލަމްބިއާގެ ރައީސް މިކަން ހާމަކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ.

ދުނިޔޭގެ އެންމެ ބޮޑު ކާބޯތަކެއްޗާއި، ބުއިން އުފައްދާ ކުންފުނި، ނެސްލޭ އިން މިހާރުވެސް ވަނީ މިކަމަށް 13 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައި ކަމަށް ކޮލަމްބިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"ފަގީރުކަމުން އަރައިގަންނަން ބޭނުންނަމަ ކޮލަމްބިއާ އިންޑަސްޓްރިއަލައިޒް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" ކޮލަމްބިއާގެ ރައީސް ޕެޓްރޯ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިކަމާއި ބެހޭ ގޮތުން ނެސްލޭ އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ލެޓިން އެމެރިކާގެ އެންމެ އިސް އެގްޒެކެޓިވް ލޯރެންޓް ފްރެއިކްސްއާއި ހަވާލާދީ ސަރުކާރުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި އިންވެސްޓްމެންޓްގެ ސަބަބުން ޒުވާނުންގެ ވަޒީފާ އިތުރުވުން ފަދަ ސަރުކާރުން އިސްކަންދޭ ބައެއް ކަންކަމާ އެއްގޮތަށް ޕްރޮޑަކްޓް ޕޯޓްފޯލިއޯ ހަރުދަނާ ކުރެވޭނެއެވެ.