ޚަބަރު

ޔޫޓިއުބުން އެންމެ ގިނައިން ސްޓްރީމް ކުރި އާޓިސްޓަކަށް އަލްކާ


އިންޑިއާގެ ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކްއަކީ އޭނާގެ ރީތި އަޑުގެ ސަބަބުން މަޝްހޫރުވެ އިންޑިއާގައި މިވަގުތު ތިބި ލަވަކިޔުންތެރިންތަކުގެ ތެރެއިން އެންމެ މޮޅު ލަވަކިޔުންތެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

"އަގަރު ތޫމް ސާތު ހޯ" އިން ފެށިގެން "ޔޫ އާ މައި ސޯނިޔާ" ފަދަ ލަވަތަކަކީ ހުރިހާ ޒަމާނެއްގެ ލަވަތައް ކިޔާލަންވެސް އަލްކާ ފިޓް ކަން ޔަޤީންވާނެ ލަވަތަކެކެވެ. ބޮޑު ފޭން ބޭސް އެއް އޮންނަ އަލްކާ ވަނީ ފިލްމުފެއަރ އެވޯޑުގެ އެންމެ މޮޅު އަންހެން ޕްލޭބެކް ލަވަކިޔުންތެރިޔާގެ މަޤާމު 36 ނޮމިނޭޝަނުން 7 ފަހަރު ހޯދާފައެވެ.

އޭނާ ވަނީ ދެ ޤައުމީ އެވޯޑުވެސް ޙާޞިލުކޮށްފައެވެ. އަލްކާއަކީ ބޮލީވުޑް މިއުޒިކް އިންޑަސްޓްރީގެ ތާރީޚުގައި އެންމެ ގިނައިން ސޯލޯ ލަވަ ކިޔާފައިވާ އަންހެން ފަންނާނުންގެ ތެރޭގައި ހިމެނޭ އެއް ފަންނާނުވެސްމެއެވެ.

އަލްކާއަށް ބެލުންތެރިންގެ ސަޕޯޓު ވަރަށް ބޮޑަށް ލިބޭކަން އެންމެ ފަހުން ފާހަގަވެފައި ވަނީ މިދިޔަ އަހަރު އެންމެ ގިނައިން ޔޫޓިއުބުން ސްޓްރީމްކުރި އާޓިސްޓަކަށް އޭނާ ހޮވުމުންނެވެ. ގިނިސް ވޯލްޑް ބުކް ރެކޯޑްސްއިން އިން ދައްކާ ގޮތުގައި މިދިޔަ އަހަރު ޔޫޓިއުބްގައި 15.3 ބިލިއަން ސްޓްރީމް ކުރިއިރު، އެވްރެޖްކޮށް ދުވާލަކު 42 މިލިއަން ޔޫޓިއުބް ސްޓްރީމް ކުރި އާޓިސްޓަކީ އަލްކާއެވެ.

14.7 ބިލިއަން ސްޓްރީމް ލިބުނު ބެޑް ބަނީ (ޕުއެރްޓޯ ރީކޯ) ފަހަނައަޅައި ގޮސް، އަލްކާ ވަނީ މި ލިސްޓުގެ އެއް ވަނަ ހޯދާފައެވެ. މީގެއިތުރުން ޔޫޓިއުބްގައި އެންމެ ގިނައިން ސްޓްރީމް ކުރި އާޓިސްޓަކީ އަލްކާ ކަމަށް ވެސް ލިސްޓުން ވަނީ ހާމަވެފައެވެ. 2021 ވަނަ އަހަރު 17.7 ބިލިއަން ފަހަރު އަލްކާ ސްޓްރީމް ކުރިއިރު 2020 ވަނަ އަހަރު 16.6 ބިލިއަން ފަހަރު ވަނީ ސްޓްރީމް ކޮށްފައެވެ.

ޔޫޓިއުބް ބޭނުންކުރާ ގާތްގަނޑަކަށް %25 މީހުންނަކީ އިންޑިއާ މީހުންނެވެ. ބައްރުތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ އޭޝިއާއެވެ. އޭޝިއާ އިން ގަދަ 10 ގައި 7.95 ބިލިއަން ސްޓްރީމް ލިބިފައިވާ ދެކުނު ކޮރެއާގެ ސުޕަސްޓާސް ބީޓީއެސް އާއި 7.03 ބިލިއަން ލިބިފައިވާ ބްލެކްޕިންކް ހިމެނެއެވެ.

މީގެ އިތުރުން 4.33 ބިލިއަން ސްޓްރީމިންގް އާއެކު 26 ވަނައިގައި ޓޭލާ ސްވިފްޓް އޮތްއިރު، 50 ވަނައިގައި އޮތީ 2.9 ބިލިއަން ސްޓްރީމިންގް އާއިއެކު ޑްރޭކްއެވެ. އަދި 13 ވަނައިގައި އޮތީ 5.7 ބިލިއަން ސްޓްރީމިންގް އާއެކު ދަ ވީކްންޑްއެވެ.

ރީތި އަދި ހިތްގައިމު ލަވަތަކެއް އާންމުންނަށް ދޫކޮށްލާފައިވާ އަލްކާ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 1990 ގެ އަހަރުތަކުގައެވެ. ގާތްގަނޑަކަށް 40 އަހަރުގެ ދިގު ކެރިއަރުގައި އަލްކާވަނީ އަލްބަމްތަކާއި ފިލްމުތަކަށްވެސް 20،000 އަށް ވުރެ ގިނަ ލަވަ ރެކޯޑްކޮށްފައެވެ. ލެޖެންޑަރީ ލަވަކިޔުންތެރިޔާގެ ލަވަތައް ބީބީސީގެ ޓޮޕް 40 ބޮލީވުޑް ސައުންޑްޓްރެކް އޮފް އޮލް ޓައިމްގެ ލިސްޓުގައި ވެސް ހިމެނިފައިވެއެވެ.