ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި، ރާއްޖޭގެ އެންމެ އާބަދީ ބޮޑު ސަރަހައްދުތަކުންވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހް ކުރި ހޯއްދަވައިފިއެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. އެމަނިކުފާނު ވަނީ ކުޅުދުއްފުށީ ސިޓީ ފިޔަވައި ރާއްޖޭގެ އާބާދީ ބޮޑު ހުރިހާ ސަރަހައްދަކާއި ސިޓީއަކުން ކުރި ހޯއްދަވާފައެވެ.
ނަތީޖާ ދައްކާގޮތުން މާލެ ސިޓީން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ %51 ކާމިޔާބުކުރައްވާފައެވެ. އެއީ 2199 ވޯޓެވެ. ރައީސް ނަޝީދަށް މާލެއިން ލިބިވަޑައިގަތީ %49 ވޯޓެވެ. އެއީ2115 ވޯޓެވެ.
މާލެ އިތުރުން އާބާދީ އެންމެ ބޮޑު އައްޑޫ ސިޓީންވެސް ކުރި ހޯއްދެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އައްޑޫ ސިޓީން އެމަނިކުފާނު ވަނީ 2757 ވޯޓު ހޯއްދަވާފައެވެ. އެއީ%52 އެވެ. ރައީސް ނަޝީދަށް އައްޑޫ ސިޓީން ލިބިވަޑައިގަތީ 2536 ވޯޓެވެ. އެއީ %48 އެވެ.
ފުވައްމުލަކު ސިޓީން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ކުރި ހޯއްދެވީ %53 ހޯއްދަވައިގެންނެވެ. އެމަނިކުފާނަށް ވަނީ 773 ވޯޓު ލިބިވަޑައިގެންފައެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 699 ވޯޓާއެކު %47އެވެ.
އައްޑޫއާއި ފުވައްމުލަކުގެ ޖުމްލަ ނަތީޖާއިން ރައީސް ޞާލިޙް ކުރިހޯއްދަވާފައިވާއިރު، އެއީ ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުންވެސް ޔަޤީންކުރެއްވި ދާއިރާތަކެކެވެ.
ރައީސް ނަޝީދަށް ކުރި ލިބިވަޑައިގަތީ ކުޅުދުއްފުށީ ސިޓީންނެވެ. އެ ސިޓީން ރައީސް ނަޝީދަށް ލިބިވަޑައިގަތީ245 ވޯޓެވެ. ކުޅުދުއްފުށީ ސިޓީން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 219 ވޯޓެވެ.
ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ރައިސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވަނީ މި އިންތިޚާބުން ސާފުވާ އެއް މަންޒަރަކީ ރާއްޖޭގެ ހުރިހާ ސިޓިއެއްވެސް އޮތީ އެމަނިކުފާނާއެކުކަމަށެވެ. އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
"އަޅުގަނޑު މިހުރީ އެމްޑީޕީއާއެކީގައި ތި ހުރިހާ ބޭފުޅުންނާއެކީގައި ކުރިއަށްގޮސް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުކުރުން. މި ނަތީޖާގައި އަޅުގަނޑުމެންނަށް ވަރަށް ރީތި ވަރަށް ސާފު މަންޒަރެއް ފެނިގެން ހިނގައްޖެ. މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި، ކުޅުދުއްފުށި ސިޓީގައިވެސް ޖުމްލަ ނަތީޖާއިން މިއޮތީ އެމްޑީޕީއާއެކު ކުރިއަށްދާން. ހުރިހާ ސިޓީއެއް އެއްކޮށް މިއޮތީ އަޅުގަނޑުމެންނާއެކު. ވިސްނުން ތަފާތެއްނޫން. އެހެންވީމަ މި ލިބުނު ބޮޑު ކާމިޔާބީއާއެކީގައި އަޅުގަނޑުމެންގެ ވާދަވެރިންނާއެކީގައި ނިކުމެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރަންވީ" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.
މުޅި ޕްރައިމަރީގެ ނަތީޖާ ދައްކާގޮތުން ހުރިހާ އަތޮޅަކުންވެސް ކުރި ހޯއްދެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ. މުޅި އިންތިޚާބުން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ %61 ވޯޓެވެ. އެއީ 24،572 ވޯޓެވެ. މި އިންތިޚާބުން ރައީސް ނަޝީދަށް ލިބިވަޑައިގަތީ %39 ވޯޓެވެ. އެއީ 15،631 ވޯޓެވެ.