މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި ރިިޔާސީ ޕްރައިމަރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައިފިއެވެ. މިއާއެކު ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް އެމަނިކުފާނު މިވަނީ ކަށަވަރުކުރައްވާފައެވެ.
އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ތެރެއިން މިހާތަނަށް ގުނުނު 163 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރުކުރައްވާފައިވަނީ %62 ވޯޓާއެކުއެވެ. މި އިންތިޚާބުގައި އެމަނިކުފާނާއި ވާދަކުރެއްވި، އެމް.ޑީ.ޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވަނީ %38 ވޯޓެވެ.
މިއީ ދައުލަތުގެ ދެ ބާރެއްގެ ވެރިޔަކު ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރެއްވި ފުރަތަމަ ފަހަރެވެ. އަދި މިއީ އެޕާޓީގެ ތާރީޚުގައިވެސް ބޭއްވުނު އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ރިޔާސީ ޕްރައިމަރީއެވެ.
ރިޔާސީ ޕްރައިމަރީގައި އިސްކަންދަރު ސްކޫލުގައި ހުރި ވޯޓުފޮއްޓަށް ވޯޓުލެއްވުމަށްފަހު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ، އެޕާޓީގެ އެތެރޭގެ އެއްވެސް އިންތިޚާބެއްގައި ވޯޓު އޮޅުވާލުމުގެ އެއްވެސްކަމެއް މިހާތަނަށް ހިނގާފައި ނުވާކަމަށެވެ. އެމަނިކުފާނު ވަނީ ޕާޓިގެ އެތެރޭގެ އިންތިޒާމުތައް ފުރިހަމަކަމަށްވެސް ވިދާޅުވެފައެވެ.
ރަނިންމޭޓަކު ކަނޑައެޅުއްވުމާގުޅޭގޮތުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޕްރައިމަރީއަށްފަހު، ރަނިންމޭޓަކު ކަނޑައެޅުމަށް ޕާޓީގެތެރޭގައި މަޝްވަރާކުރައްވާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ނިކުނަވާއިރު ވޯޓު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އެގޮތުން މަސްވެރިކަމާއި ފަތުރުވެރިކަމާއި، ތަޢުލީމާއި ސިއްޙަތާއި، އެނޫންވެސް ދާއިރާތަކުން ފަށާފައިވާ މަސައްކަތްތަކާއެކު އެމްޑީޕީން ރިޔާސީ އިންތިޚާބު ކާމިޔާބުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެހެން ޕާޓީތަކުގެ ތާއީދުވެސް ހޯދަންޖެހޭކަމަށާއި، އެކަން ކުރެވޭނީ ޕްރައިމަރީއަށްފަހު މަޝްވަރާކުރެވިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީގައި މާލެއާއި އަތޮޅުތަކުގައި 200 އަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓާފައިވާއިރު، މި އިންތިޚާބުގައި 50 ހާހަށްވުރެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާކަމަށް އެޕާޓީން ނެރުނު ލިސްޓުގައި ވެއެވެ.