ޚަބަރު

މިދިޔަ ކުއާޓަރުގައި މައިގަނޑު ހުރިހާ ސިނާޢަތްތަކަށް ކުރިއެރުން


ރާއްޖޭގެ އިޤްތިޞާދުގައި މައިގަނޑު ގޮތެއްގައި ހިއްސާވާ ސިނާޢަތްތައް މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ކުރިއަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ހާމަކޮށްފިއެވެ.

އެމް.އެމް.އޭއިން މިކަން ހާމަކޮށްފައިވަނީ، ކޮންމެ 3 މަހަކުން ނެރޭ ކުއާޓަލީ ބިޒްނަސް ސާރވޭ ރިޕޯޓުގައެވެ. އެމް.އެމް.އޭގެ ކުއާޓަލީ ބިޒްނަސް ސާރވޭ ރިޕޯޓަކީ ރާއްޖޭގެ އިޤްތިޞާދުގެ މިހާރުގެ ޙާލަތާއި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި ގުޅޭގޮތުން، އިޤްތިޞާދުގައި ހިމެނޭ މުހިއްމު 4 ދާއިރާކަމަށްވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުޢާސަލާތީ ޚިދުމަތްތައް، ހޯލްސޭލް އަދި ރީޓެއިލް ސިނާޢަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކާއި، ސުވާލުކޮށް މަޢުލޫމާތު އޮޅުން ފިލުވުމަށް ކުރިއަށްގެންދާ ސާރވޭއަކަށްފަހު ނެރޭ ރިޕޯޓެކެވެ.

އެމް.އެމް.އޭގެ ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އިޤްތިޞާދު ހިއްސާވާ މައިގަނޑު ހުރިހާ ސިނާޢަތްތައްތައްވެސް ކުރިއަރަފައިވެއެވެ. އޭގެތެރޭގައި ޢިމާރާތްކުރުމުގެ ސިނާޢަތް، ފަތުރުވެރިކަން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ހިމެނެއެވެ. އެގޮތުން، އެންމެ ބޮޑަށް ކުރިއަރައިފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތްކަމަށް އެމް.އެމް.އޭގެ ރިޕޯޓުގައިވެއެވެ.

އެމް.އެމް.އޭގެ ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާޢަތް އެންމެ ބޮޑަށް ކުރިއެރި މައިގަނޑު އެއް ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވެ، އެދާއިރާއިން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާތީއެވެ.

މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވަނީ، އެދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަންކަމަށްވުމުންނެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރއަށްވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަން ދެމިގެންދާނެތީ، ރާއްޖޭގެ އިޤްތިޞާދުގެ މައި ސިނާއަތްތަކަށް ކުރިއެރުން ލިބިގެންދާނެކަމަށް އެމް.އެމް.އޭގެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ. އެހެންނަމަވެސް، ކުރިއެރުން ލިބޭ ދުވެއްޔަށް ފުރަތަމަ ކުއާޓަރުގެ ތެރޭގައި މަޑުޖެހުމެއް އަންނާނެ ކަމަށްވެސްވަނީ ލަފާކޮށްފައެވެ.

މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ދެން އެންމެ ބޮޑަށް ކުރިއަރައިފައި ވަނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި ދަތުރުފަތުރާއި މުވާސަލާތުގެ ސިނާއަތްކަމަށް އެމް.އެމް.އޭގެ ރިޕޯޓުގައިވެއެވެ. އެހެންނަމަވެސް، ދަތުރުފަތުރާއި މުވާސަލާތުގެ ސިނާއަތް ކުރިއަރާފައިވަނީ 2022 ވަނަ އަހރުގެ 3 ވަނަ ކުއާޓަރަށްވުރެ މަޑުމިނެއްގައިކަމަށް އެރިޕޯޓުގައިވެއެވެ.

އެމް.އެމް.އޭގެ ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ޢިމާރާތްކުރުމުގެ ސިނާޢަތަށް ކުރިއެރުން ލިބުނުކަމުގައިވީ ނަމަވެސް، މިސިނާޢަތް ކުރިއަރައިފައިވަނީ އެހެން ކުއާޓަރުތަކާއި އަޅާބަލާއިރު މަޑު މިނެއްގައިއެވެ. އެހެންނަމަވެސް، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މިސިނާއަތް ބާރު މިނެއްގައި ކުރިއަރާނެކަމަށް އެމް.އެމް.އޭގެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.

އެމް.އެމް.އޭގެ ބިޒްނަސް ސާރވޭ ރިޕޯޓުގައި މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި މިހުރިހާ ސިނާޢަތްތަކުންވެސް ވަޒީފާގެ ފުރުޞަތުތައް އިތުރުވެފައިވާކަމަށް ވަނީ ފާހަގަކޮށްފައިއެވެ. އަދި މިދިޔަ ކުއާޓަރުގައި މިހުރިހާ ދާއިރާތަކުގެ ކުންފުނިތަކުގެ މާލީ ޙާލަތަށް ކުރިއެރުން ލިބިފައިވާކަންވެސް ވަނީ ފާހަގަކޮށްފައިއެވެ.

2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 4 ފަހަރު އެމް.އެމް.އޭއިން އާއްމުކުރާ ބިޒްނަސް ސާރވޭ ރިޕޯޓުގެ މަޤްޞަދަކީ ކުރު މުއްދަތުގައި އިޤްތިޞާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދިނުން ކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ.