އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޒާމުކޮށްފައިވަނީ، ވޯޓުގެ ޞައްޙަކަމާމެދު ސުވާލު ނުއުފެދޭނެގޮތަށްކަމަށާއި، އިންތިޚާބުގެ އިންތިޒާމުތައް ފުރިހަމަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ ޕްރައިމަރީގައި އިސްކަންދަރު ސްކޫލުގައި ހުރި ވޯޓުފޮއްޓަށް ވޯޓުލެއްވުމަށްފަހު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެޕާޓީގެ އެތެރޭގެ އެއްވެސް އިންތިޚާބެއްގައި ވޯޓު އޮޅުވާލުމުގެ އެއްވެސްކަމެއް މިހާތަނަށް ހިނގާފައި ނުވާކަމަށެވެ. އެމަނިކުފާނު ވަނީ ޕާޓިގެ އެތެރޭގެ އިންތިޒާމުތައް ފުރިހަމަކަމަށްވެސް ވިދާޅުވެފައެވެ.
ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އިންތިޚާބަކީ ޑިމޮކްރަސީގެ ހަޔާތުގައި މުހިންމު މަންޒަރެއް ފެނިގެންދާނެ އިންތިޚާބެއްކަމަށާއި، އުއްމީދަކީ ސުލްހަވެރިކަމާއެކު އިންތިޚާބު ނިމިގެން ދިއުންކަމަށެވެ. އަދި ކުރިއަށް އޮތީ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ހުރިހާ މެންބަރުން ގުޅިގެން މަސައްކަތް ކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޒާމުތައް ހަމަޖެހިފައި ހުރީ އެއަށް ވުރެން ރަނގަޅަށް. ކުރިންވެސް އެކަން ކޮށްފައި ތިއްބެވި ބޭފުޅުން އެތިއްބެވީ ހިންގަން. އެހެންވީމާ އެކަހަލަ އެއްވެސް ކަމެއް މި ވޯޓު ތެރޭގައި ހިނގާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ.." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝިދެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާނެކަމަށެވެ.
"މިކުރާ މަސައްކަތަކީ ޑިފަރެންސް [ތަފާތު] ބޮޑު ކުރުމަށް ކުރާ މަސައްކަތެއް. އަޅުގަނޑު އުއްމީދު ކުރަނީ "ޑަބަލް ޑިޖިޓު [ދެގުނަ]އިގެ ތަފާތެއް ފެންނާނެކަމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޕްރައިމަރީއަށްފަހު، ރަނިންމޭޓަކު ކަނޑައެޅުމަށް ޕާޓީގެތެރޭގައި މަޝްވަރާކުރައްވާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ނިކުނަވާއިރު ވޯޓު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އެގޮތުން މަސްވެރިކަމާއި ފަތުރުވެރިކަމާއި، ތަޢުލީމާއި ސިއްޙަތާއި، އެނޫންވެސް ދާއިރާތަކުން ފަށާފައިވާ މަސައްކަތްތަކާއެކު އެމްޑީޕީން ރިޔާސީ އިންތިޚާބު ކާމިޔާބުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެހެން ޕާޓީތަކުގެ ތާއީދުވެސް ހޯދަންޖެހޭކަމަށާއި، އެކަން ކުރެވޭނީ ޕްރައިމަރީއަށްފަހު މަޝްވަރާކުރެވިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.