ޚަބަރު

ނުވަ މީހުން ޝަހީދުކޮށްލުމަށްފަހު ޔަހޫދީން ފަލަސްޠީނަށް ބޮންއަޅަން ފަށައިފި


ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ފަލަސްޠީނަށް ބޮންއަޅަން ފަށައިފިއެވެ. ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ހުޅަނގު އައްސޭރީގެ ޖިނީންގައި ލާއިންސާނީ އުދުވާންތަކެއް ހިންގުމަށްފަހު، ފަލަސްޠީނުގެ ނުވަ މީހުން ޝަހީދުކޮށްލުމަށް ފަހުއެވެ. ޝަހީދުންގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެނެއް ވެސް ހިމެނެއެވެ.

ޔަހޫދީންގެ އުދުވާންތަކުގައި ފަލަސްޠީނުގެ ހޮސްޕިޓަލެއްގެ ކުޑަކުދިންގެ ވޯޑަކަށް ވަދެ، އެ ތަނުގެ ތެރެއަށް ކަރުނަގޭސް ވެސް ޖަހާފައިވެއެވެ. މި އުދުވާންތަކުގެ ބަދަލުހިފުމުގެ ގޮތުން ފަލަސްޠީނުގެ މުޖާހިދުން ވަނީ އިސްރާޢީލަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. އިސްރާޢީލުން ބުނީ މުޖާހިދުންގެ ރޮކެޓްތައް ވައްޓައިލާފައިވާ ކަމުގައެވެ.

ރޮކެޓް ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ޔަހޫދީން ބޮންއަޅާފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުގެ އަމާޒުތަކަށެވެ. ހަމަލާތައް އަމާޒުކޮށްފައި ވަނީ ހަމާސްއިން ހަތިޔާރު އުފައްދަން ބޭނުންކުރާ ކާރުޚާނާއަކާއި އަސްކަރީ މަރުކަޒަކަށް ކަމުގައި ޔަހޫދީން ބުންޏެވެ. މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ރިޕޯޓުކޮށްފައެއް ނުވެއެވެ.

އިސްރާޢީލަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދީފައި ވަނީ އިސްލާމިކް ޖިހާދު ޖަމާޢަތުގެ މުޖާހިދުންނެވެ. އެ ޖަމާޢަތުން ބުނީ، ފަލަސްޠީނު ރައްޔިތުންގެ ލޭއޮހޮރުވައިލުމުގެ އަގު އިސްރާޢީލުން ދޭން ޖެހޭނެ ކަމުގައެވެ. ހަމާސް ޖަމާޢަތުން ވެސް ވަނީ އިސްރާޢީލުގެ ކިބައިން ބަދަލުހިފާނެ ކަމަށް ބުނެފައެވެ.

ޔަހޫދީން ޖިނީންގައި ހިންގި ލާއިންސާނީ އުދުވާންތަކާ ގުޅިގެން ފަލަސްޠީނުގެ ސަރުކާރުން ވަނީ އިސްރާޢީލާ ދެމެދު އޮތް ބައެއް ގުޅުންތައް ކަނޑައިލަން ނިންމާފައެވެ. މީގެ ތެރޭގައި އިސްރާޢީލާ ގުޅިގެން ހުޅަނގު އައްސޭރީގެ އަމަން ބެލެހެއްޓުން ހިމެނެއެވެ. މި ނިންމުމާ މެދު އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޔަހޫދީންގެ އުދުވާނުގައި ޝަހީދުކޮށްލާފައިވާ އެކަކަކީ 61 އަހަރުގެ އަންހެނެއް ކަމުގައިވާ މާޖިދާ އުބައިދެވެ. އޭނާ ޝަހީދުކޮށްލާފައި ވަނީ، އަމިއްލަ ގޭގެ ކުޑަދޮރުން ބޭރު ބަލައިލި ވަގުތު، އޭނާގެ ގަޔަށް ޔަހޫދީންގެ ޖައްބާރު ސިފައިން ބަޑިޖަހައިގެންނެވެ.

"މާމަ ނަމާދުކޮށް ނިންމައިލުމަށްފަހު ކުޑަދޮރުން ބޭރު ބަލައިލީ ޔަހޫދީންގެ ސިފައިން ބަޑިޖަހާ އަޑުފައްގަނޑު އިވުމުން. އެއިރު، ޔަހޫދީ ސިފައިން ދިޔައީ، މި ގެޔާ މާދުރުނޫން ހިސާބެއްގައި ހުރި އެހެން ގެޔަކަށް ހަމަލާދެމުން. އެ މީހުން މާމަ ގަޔަށް ބަޑިޖަހާފައި ވަނީ ކުޑަދޮރުން ބޭރު ބަލައިލުމުން،" އުބައިދާގެ މާމަ ދަރިފުޅު ކިޔައިދިނެވެ.

ޖަނަވަރީ 26 ވަނަ ދުވަހު ވެސް ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގެ ރާމަاللهގައި ފަލަސްޠީނުގެ އިތުރު މީހަކު ޝަހީދުކޮށްލާފައެވެ. ޔަހޫދީންގެ ސިފައިން ބުނީ ޖިނީންގައި އުދުވާންތައް ހިންގާފައި ވަނީ އިސްލާމިކް ޖިހާދުގެ މުޖާހިދުން ހައްޔަރު ކުރުމަށް ކަމުގައެވެ.

ޔަހޫދީން ސިފައިން ޖިނީންގެ ސަރުކާރުގެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑަށް ދިން ކަރުނަގޭސް ހަމަލާގެ ސަބަބުން ގިނަ ޢަދަދެއްގެ ކުޑަކުދިންނަށް އަނިޔާވި ކަމުގައި އެ ހޮސްޕިޓަލުގެ އޮފިޝަލުން ބުނެއެވެ. ޔަހޫދީ ސިފައިން ބުނީ ހޮސްޕިޓަލަށް ހަމަލާދީފައި ވަނީ އޮޅުމަކުން ކަމުގައެވެ.

ޔަހޫދީންގެ ޖައްބާރު ސިފައިން އެއްވެސް ޖެހިލުމެއް ނެތި މި ފަދަ ލާއިންސާނީ އުދުވާންތައް ހިންގަމުންދާއިރު ބައިނަލްއަޤުވާމީ މުޖުތަމަޢު ހިމޭނުން އޮތުމުން ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވެސް ވަނީ އެ ކަމާ ނުރުހުން ފާޅުކުރައްވާފައެވެ. އައްބާސްގެ ތަރުޖަމާނު ނާބިލް އަބޫ ރުދައިނާ ވިދާޅުވެފައި ވަނީ، މި ފަދަ އަމަލުތަކާ މެދު ބައިނަލްއަޤުވާމީ މުޖުތަމަޢުން އަޅައިނުލުމުގެ ސަބަބުން ޔަހޫދީންގެ ޖައްބާރު ސަރުކާރާއި ސިފައިންނަށް އިތުރު ހިތްވަރެއް ލިބެމުންދާ ކަމުގައެވެ.

ޖިނީންގައި ހިންގާފައިވާ އުދުވާންތަކާ އެކު، ޔަހޫދީންގެ ޖައްބާރު ސިފައިންގެ ލާއިންސާނީ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނު ރައްޔިތުންގެ ޢަދަދު މި ވަނީ 30 އިން މައްޗަށް އަރާފައެވެ. މީގެ ތެރެއިން ގިނަ މީހުން ޝަހީދުކޮށްލާފައި ވަނީ އެ މީހުންގެ ގަޔަށް ބަޑިޖަހައިގެންނެވެ.

ހުސްވި 2022 ވަނަ އަހަރަކީ ވެސް، ޔަހޫދީންގެ ސިފައިންގެ ލޭއޮހޮރުވުންތައް ގިނަ އަހަރެކެވެ. ފަލަސްޠީނުގެ އެތަކެއް ސަތޭކަ ބަޔެއްގެ ލޭ ބިމަށް އޮހޮރުވައިލި އަހަރެކެވެ. އެ އަހަރުގެ ތެރޭގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނު ރައްޔިތުންގެ ޢަދަދު 200 އަށްވުރެ މައްޗަށް އަރައެވެ. މީގެ ތެރެއިން 150 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވަނީ ހުޅަނގު އައްސޭރީގައެވެ.