ޚަބަރު

ހާހަކަށްވުރެ ގިނަ އެނދާއިއެކު އައްޑޫއަށް ފަތުރުވެރިކަމުގެ ބިޔަ މަޝްރޫއެއް


އައްޑޫ ސިޓީ ހަންކެޑައިގަ ހާހަކަށްވުރެ ގިނަ އެނދާއިއެކު، އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބިޔަ ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމްއަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް އިޤްތިޞާދު ފުޅާކުރަން ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދަން ރާވާފައިވާ ޕްރޮޖެކްޓެކެވެ.

އައްޑޫ ސިޓީގައި 8000 އެނދު ސަރުކާރުން ތަރައްޤީކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ. އައްޑޫގެ މަރަދޫއާއި ގައުކެނޑިއާ ދޭތެރޭ އޮންނަ ހަންކެޑެއަކީ އައްޑޫގައި ފަތުރުވެރިކަމަށް ޚާއްސަކުރި ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ. މި ސަރަހައްދުގައި އަޅަނީ ގެސްޓު ހައުސްއާއި ހޮޓާ އެކަންޏެއް ނޫނެވެ. މިސަރަހައްދުގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އެކި ބާވަތުގެ ވިޔަފާރިވެސް ޤާއިމު ކުރެވޭނެއެވެ.

މިކަމާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ، އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއްދީގެން ކުރަމުން އަންނަ ކަމެއްކަމަށެވެ. އެގޮތުން، ހަންކެޑެ މަޝްރޫޢުގެ އެންމެ ފަހުގެ ޕްލޭންތައް ކުރެވި، މިމަޝްރޫޢަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިވަގުތު ކުރިއަށް ދަނީ މިމަޝްރޫގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

" ހަންކެޑެގައި އަޅާ 1000 އަށްވުރެ ގިނަ ކޮޓަރިއާއިއެކު މުޅި އައްޑޫ ސިޓީއަށް 8000 އެނދު އިތުރުކުރުމަށް އަޅުގަނޑުމެން ވީ ވަޢުދު އިރާދަކުރެއްވިއްޔާ ފުދެމުންދާތަން ތިބޭފުޅުންނަށް ލަސްތަކެއް ނުވެ ފެނިގެންދާނެ. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަންކެޑެއިގައި ހިންގަން ހަމަޖެހިފައިވާ ޓޫރިޒަމް އިންޓަގްރޭޓެޑް ޕްރޮޖެކްޓްގައި ޖުމްލަ 1041 ކޮޓަރި ހިމެނެއެވެ. މިއިން ކޮންމެ ކޮޓަރިއެއްވެސް ތަރައްޤީކުރާނީ ތަފާތު ޑިޒައިންތަކަށް، ޒަމާނީ ފެންވަރަށް ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އަދި ހަންކެޑެ ތަރައްޤީކުރުމަށްޓަކައި އެރަށުގެ ތެރެއިން އެއްބައި ލިންކްރޯޑުގަ އޮތުމުން، އޭގެ ބަދަލުގައި ރަށުގެ ހުޅަނގު ފަރާތުން ބްރިޖަކުން މަރަދޫއާއި ގުޅުވާލުމުގެ މަސައްކަތްކުރެވޭނެ ގޮތަށް މަގުހެދުމުގެ މަޝްރޫޢު ވަނީ ހަވާލު ކުރެވިފައެވެ.

މިމަޝްރޫޢަކީ ފަތުރުވެރިކަމުގެ ނަފާ ސީދާ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް ކުރެވޭ މަސައްކަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ސަބަބުން ގިނަ ވަޒީފާތައް އުފެދި، ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފަހިވެ، ދެކުނުގެ އިޤްތިޞާދީ ހަބަކަށް އައްޑޫ ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކައްތަކަށްވެސް އިތުރު ބާރެއް ލިބިގެން ދާނެއެވެ.

އައްޑޫސިޓީ އަކީ ޒަމާނުއްސުރެ ފަތުރުވެރިކަމުގެ ދާއިރާއާއި ވަރަށް ގާތް ރައްޔިތުން ތަކެއް ދިރިއުޅެމުން އަންނަ ސިޓީ އެކެވެ. މިދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ބެލި ނަމަވެސް މިސިޓީއަށް ނިސްބަތްވާ އެތަކެއް ހުނަރުވެރިން މިދާއިރާގެ އެކި ފަންތީގައި ހަރަކާތްތެރި ވަމުންދާތަން ފެނެއެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ކޯވިޑާއި ގުޅިގެން ބަންދުކުރި އައްޑޫ ސިޓީގެ އެންމެ ބޮޑު ރިސޯޓު، ޝަންގްރިއްލާ އަންނަ އޮގަސްޓް މަހު ނުވަތަ ސެޕްޓެމްބަރުމަހު ހުޅުވޭނެކަމުގެ އުފާވެރި ޚަބަރު ރައީސް ވަނީ ދެއްވާފައެވެ.