ޚަބަރު

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުން އަންނަ މަހު 10ގައި


މާލެ ސަރަޙައްދުން ދަތުރުދިއުމަށް ޚާއްސަ ރަށެއް ތަރައްޤީކުރުމުގައި އޮތީ އެންމެ ވިސްނުމެކެވެ. ތޮއްޖެހިފައި އޮތް މާލޭގެ ނުތަނަވަސްކަމުން ދުރައްޖެހިލާ ހިންދެމިލާނެ ފުރުޞަތެއް މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ފަހިކޮށްދިނުމެވެ.

މާލޭގެ ރައްޔިތުން ދަތުރުދިއުމަށް އޭރު ބޭނުންކުރި ކުޑަ ބަނޑޮހަށްވުރެ ފުރިހަމަ، ޚިދުމަތް ރަނގަޅު ތަނެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވަޢުދެކެވެ. މިވަޢުދު ފުރިހަމަ ކުރުމަށް މާލެ ކައިރީ ކުޑަގިރި ފަޅު ހިއްކާ، މާލޭގެ ރައްޔިތުން ދަތުރުދިއުމަށް ރަށެއް ހެދުމުގެ މަސައްކަތް ފެށީ 2021ވަނަ އަހަރު ނޮވެމްބަރު މަހުއެވެ. ޕްރޮޖެކްޓަށް އަހަރެއްވެ ދިޔައިރު ހިއްކި ބިން، ހިތްގައިމު ރަށަކަށް ބަދަލުކޮށްލައިފިއެވެ.

މިއަދު އެ މަންޒަރު ވަރަށް ސާފެވެ. ކުޑަގިރި ޕިކްނިކް އައިލެންޑް، އެންމެ ޒަމާނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރަައްޤީކޮށް ނިމި ޚިދުމަތަށް ވަނީ ތައްޔާރުވެފައެވެ.

މިއިން ކޮންމެ ޚިދުމަތެއްގެ ބޭނުމަކީ އާއިލާއާއެކު އުފާވެރި ވަގުުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. ބުރާސްފަތި ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަހީގައި، ހުޅުމާލޭ ހޮސްޕިޓަލްގެ ކްލިނިކް ހުޅުއްވައިދެއްވާ ދެކެވި ވާހަކަފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ މިފަދަ މަޝްރޫޢެއްގެ މުހިންމުކަން މިސަރަޙައްދަށް އޮތް މިންވަރު ފާހަގަކުރައްވާފައެވެ.

ނަފްސާނީ މައްސަލަތައް މުޖުތަމަޢުގައި އިތުރުވާ އެންމެ ބޮޑު އެއް ސަބަބަކީވެސް ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދިރި އުޅެން ޖެހިފައިވާ ދަތި ހާލަތުކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، މިއީ ގުޅުންތައް ބަދަހިކޮށް ހިތްހަމަޖެހުމަށްޓަކާ ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. ހުސްކޮށް ލިބޭ ވަގުތު އާއިލާއާއި ރައްޓެހިންނާކު، އުފާވެރިކަމާއެކު ހެޔޮގޮތުގައި ބޭނުންކުރުމަށް ލިބޭ ފުރުޞަތެއްކަމަށެވެ. ނައިބު ރައީސް ވިދާޅުވީ ކުޑަ ގިރި ޕިކްނިކް އައިލެންޑް އަންނަ މަހުގެ ކުރީކޮޅު ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ.

"3ސްޓަރ ފެންވަރަށް މި ޕިކްނިކް އައިލެންޑް ތަރައްޤީކުރަނީ، ބޭނުންވާ ހުރިހާ ވަސީލަތެއް ހުންނާނެ. 10 ފެބްރުއައީގައި ޚިދުމަތަށް ހުޅުވާލުމަށް ވަނީ ތައްޔާރުވެފައި. އެއްފަހަރާ 500-600އާއި ދެމެމެދުގެ މީހުންނަށް ޚިދުމަތް ދެވޭނެ." ނައިބު ރައީސް ވިދާޅުވިއެވެ.

8 ހެކްޓަރުގެ މިރަށުގައި 1.5 ހެކްޓަރުގެ ފިނޮޅެއްވެސް ވަނީ ހަދާފައެވެ. ދަތުރުދާ ރަށަކުން ބޭނުންވާނެ ފަދަ ރީތި މޫދަކާއި، ދަތުރުދާ ފަރާތްތަކަށް ބޭނުންވާނޭ ހުރިހާ ފެސިިލިޓީތައް ކުޑަގިރީގައިވަނީ ޤާއިމުކޮށް ނިމިފައެވެ.

އެގޮތުން ރަށް ބަލަހައްޓާ އޮފީހަކާއި، މިސްކިތާއި، ފާޚާނާ ބަރި، ކެފޭ، ފިހާރަ، ހަޓުތަކާއި އަދި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތައް ހިމެނެއެވެ. ދަތުރުދާ މީހުން މަޑުކޮށްލަން ހަދާފައިވާ ހަޓުތައްވެސް ހަދާފައިވަނީ އެތަނުގައި ފަސޭހައިން އިށީނދެލައިގެން ތިބެވޭނެ ގޮނޑިއާ މޭޒާއެކުއެވެ. އަދި ކެއްކުމަށް ޚާއްސަ ތަނެއްވެސް ހިމެނެއެވެ. އަދި މި ހަޓުތަކުން ކަރަންޓުވެސް ލިބޭގޮތަށް ވަނީ ހަދާފައެވެ.

މިޕިކްނިކް އައިލެންޑުން ފެނިގެންދާ ފަންނުވެރި ކުރެހުންތަކާއި މަންޒަރުތަކަކީވެސް، އެކަމުން ހިތްހަމަޖެހުން ގެނެސްދޭ ކަމެކެވެ. ކުޑަކުދިން ކުޅޭ ޕާކުވެސް ހިމެނެއެވެ. ރަށް ތަރައްޤީކޮށްފައިވަނީ ފުރޮޅުލީ ގޮނޑީގައާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ރަށް ބޭނުންކުރެވޭ ގޮތަށެވެ.