ޚަބަރު

1 ބިލިއަން ރުފިޔާގެ ފައިދާއާއެކު އެސްޓީއޯ ތާރީޚުގެ ތެރެއަށް


ނިމުނު 2022 ވަނަ އަހަރު ސްޓޭޓް ޓޭރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން މިކަން ހާމަކޮށްފައިވަނީ އެކުންފުނިން އާއްމުކޮށްފައިވާ ކުއާޓަލީ ރިޕޯޓުގައެވެ.

2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 4594 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 3295 މިލިއަން ރުފިޔާއެވެ. މިއާއިއެކު 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ލިބުނު ޖުމްލަ އާމްދަނީ 1299 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު ސާފު ފައިދާވެސް ވަނީ އެހެން ކުއާޓަރުތަކާއި އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިއެވެ. އެގޮތުން، މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓާރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 131 މިލިއަން ރުފިޔާއާއި އަޅާބަލާއިރު 138 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެސްޓީއޯގެ ކުއާޓަލީ ރިޕޯޓުގައިވާގޮތުން، 2022 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު 10.2 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު %79 އިތުރު އަދަދެއް ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރު އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު 0.6 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު %66 އިތުރު އަދަދެކެވެ. އަދި މިއީ އެސްޓީއޯގެ ތާރީޚުގައިވެސް ހިންގުމުގެ ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބުނު ފުރަތަމަ ފަހަރުވެސްމެއެވެ.

މިދިޔަ އަހަރު އެސްޓީއޯގެ ހިންގުމުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެފައިވާއިރު، މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ސާފު ފައިދާވެސް ވަނީ 2021 ވަނަ އަހަރަށްވުރެ އިތުރުވެފައިއެވެ. އެގޮތުން، 2022 ވަނަ އަހަރު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއަދަދަކީ 2021 ވަނަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 486 މިލިއަން ރުފިޔާއާއި އަޅާބަލާއިރު %52.6 އިތުރު އަދަދެކެވެ.

އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ކުރާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.