ޚަބަރު

ބްރޯޑް ކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

ކޮމިޝަންގައި މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުވަރީމަހުގެ 5ވަނަ ދުވަހާއި 6 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސްގެ ޙައިސިއްޔަތުން މަސައްކަތްކުރައްވަމުން ގެންދެވި މެންބަރު، އަޙުމަދު ގައިސް މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެން މިމަހުގެ 12 ގައިވެސް ރައީސް އޮފީހުން ވަނީ އެކޮމިޝަނަށް އައު މެމްބަރަކު އައްޔަންކުރުމަށްޓަކައި އެފުރުސަތު ހުޅުވާލާފައެވެ. އަދި މިމަގާމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެކޮމިޝަންގެ މެމްބަރު މުހައްމަދު ފަޒީން ހަމަޖައްސަވާފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވިގެންވަނީ 7 މެންބަރުންގެ މައްޗަށެވެ. އެކޮމިޝަންގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއާއި، ނައިބު ރައީސް މުހައްމަދު ފަޒީންގެ އިތުރުން ކޮމިޝަންގެ މެމްބަރުން ކަމަށްވާ އަމްޖަދު ވަހީދު އާއި އަލީ ޔޫސުފް އާއި އާމިނަތު އަމީނާ އާއި ޝިފްލާ އިބްރާހީމްއެވެ.