ޚަބަރު

އެމްޑީޕީ ޕްރައިމަރީ: 10 ޖެހުމުގެ ކުރިން ނަތީޖާ އިއުލާންކުރާނެ


އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ 10ގެ ކުރިން އިއުލާންކުރެވޭނެކަމަށް ލަފާކުރެވޭކަމަށް އިންތިޚާބާއި ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ވަޙީދު ވިދާޅުވީ، މިއީ ޕާޓީގެ އެތެރޭގެ އަދި ބޮޑު އިންތިޚާބެއްކަމުން ބައެއް ޝަކުވާތައް ހުންނާނެކަމަށެވެ. އަދި އިންތިޚަބާއި ގުޅިގެން ލިބޭ ޝަކުވާތައް ބަލަމުން އަންނަކަމަށްވެސް ވަޙީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ ރަޖިސްޓްރީގައި ނެތް މީހުން ވޯޓުލީކަމަށް ސޯޝަލް މީޑިއާއިން ފެންނަކަމށާއި، ނަމަވެސް އެފަދަ މައްސަލަތައް ބަލަން ޕާޓީގައި ނިޒާމްތަކެއް ކަނޑައެޅިފައި ހުންނަކަމަށެވެ. ވަޙީދު ވިދާޅުވީ، އިންތިހާބާއި ޝަކުވާ ހުށައެޅުމުން ފުރަތަމަ ބަލަނީ އެއީ ހިނގާފަ ހުރި ކަމެއްތޯއާއި އެކަމުގެ ހައްލަކީ ކޮބައިތޯކަމަށެވެ. އޭނާ ވިދާޅުވީ، މާލެއާއި އަތޮޅުތެރެއިން ވޯޓްލުމުގެ ކަންކަން ހިންގަމުން ދާގޮތް ގާތުން ބަލަމުން ދާކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވޯޓްލާން ގިނައަދަދެއްގެ ބަޔަކު އަދިވެސް ބައެއް މަރުކަޒުތަކުގައި ކިއުގައި އެބަތިއްބެވެ. ވޯޓުލުން ކުރިއަށްދާނީ 5 ޖެހުމާއި ހަމައަށެވެ. ނަމަވެސް ލަހުން ވޯޓުލާން ފެށި މަރުކަޒުތަކުގައާއި، ވޯޓުލާން ކިއު އޮތް މަރުކަޒުތަކުގައި ވޯޓު ފޮށި ބަންދުކުރާ ގަޑި ލަސްވާނެކަމަށް އެމްޑީޕީން ބުންޏެވެ.

މިއީ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ވާދަވެރި އެތެރޭގެ އިންތިޚާބެވެ. މި އިންތިހާބުގައި އެމްޑީޕީގެ 57،255 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެގެންވެއެވެ.