ސިޔާސީ

ދީން ހިމާޔަތްކުރުމުގައި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ


ސަރުކާރު ދެމި އޮންނަނީ އިސްލާމްދީނުގެ ރިވެތި އުޞޫލުތަކުގެ މަތީ، އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާ ސަރުކާރެއްގެ ގޮތުގައި ކަމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމުން ބުނެފިއެވެ.އަދާލަތު ޕާޓީން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދެއްކެވި ބައެއް ބޭފުޅުންގެ ވާހަކަތަކުގައި ރާއްޖޭގައި މިހާރު މިއޮތީ ދީނީ ކަންކަމަށް ޙުރުމަތްތެރިކޮށް ނުހިތާ ލާދީނީ ސަރުކާރެއްކަމަށް ތުހުމަތުކުރައްވައިފައިވާތީ އެ ވާހަކަތަކުގައި އަސާސެއް ނެތްކަމަށް ބުނެ ޕީޕީއެމުން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރަށް ނިސްބަތްކުރައްވައި ޢަދާލަތު ޕާޓީގެ ބައެއް ބޭފުޅުން ދެއްކި ވާހަކަތައް ކުށްވެރިކޮށްފައެވެ.ޕީޕީއެމްގެ ބަޔާނުގައި ސަރުކާރުން ލާދީނީ އެއްވެސް ކަމެއްކުރައްވާފައި ނުވާނެކަމަށާއި، އެފަދަ ކަމެއް ކުރިއަށް އޮތް ތަނުގައިވެސް ނުކުރައްވާނެ ކަމުގެ ޔަޤީންކަންދޭކަމަށް ބުނެފައިވެއެވެ.ޢަދާލަތު ޕާޓީގެ ޖަލްސާގައި ވާހަކަދެއްކި ބޭފުޅުންގެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ، ޕީޕީއެމްއިން ވަނީ ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޙަރަކާތްތެރިވުމަށް އެޕާޓީއަށް ގޮވާލާފައެވެ. ދީނީ ގޮތުން ކަންކަން ރައްޔިތުންނަށް އޮޅުވާނުލައި، ޙަޤީޤަތާ އެއްގޮތަށް ވާހަކަތައް ދެއްކުމަށްވެސް ޕީޕީއެމުން ވަނީ  އަދާލަތު ޕާޓީއަށް ގޮވާލާފައެވެ.