ޚަބަރު

ސިޓީ ކައުންސިލުން ޤަވާއިދާ ޚިލާފަށް ޖަމާކުރި ކުނިތައް ނެގުމަށް އީޕީއޭއިން އަންގައިފި


ސިޓީ ކައުންސިލުން މާލެތެރެއިން ކުނި ނެގުމަށްފަހު ޤަވާއިދާ ޚިލާފަށް ކުނި ޖަމާކޮށްފައި ބެހެއްޓުމުން، އެތަން ސާފުކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން މާލޭ ސިޓީ ކައުންސިލަށް އަންގައިފިއެވެ.

އީ.ޕީ.އޭއިން ވިދާޅުވީ، މާލޭ ތެރެއިން ކުނި ނެގުމަށްފަހު ޤަވާއިދާ ޚިލާފަށް ސިޓީ ކައުންސިލުގެ ބިމެއްގައި ޖަމާކޮށްފައި ބެހެއްޓި މައްސަލައެއް އެ އެޖެންސީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެކުނިތައް އެތަނުން ނަގާ، އެ ތަން ސާފުކުރުމަށް ސިޓީ ކައުންސިލަށް ލިޔުމުން އަންގާފައިވާކަމަށެވެ. މިކަން ހިނގާދިޔަގޮތް ބަލަމުންދާކަމަށްވެސް އީ.ޕީ.އޭއިން ވިދާޅުވެއެވެ.

ކުނި މެނޭޖްކުރުމުގެ ޤަވާއިދާއި އުޞޫލުތަކުގައިވާގޮތުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރެވޭނީ އެކަމަށް ޚާއްސަކޮށްގެން ހުއްދަ ދީފައިވާ ތަންތަނުގައެވެ. އެހެންކަމުން ސިޓީ ކައުންސިލުގެ ބިމެއްގައި ޤަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައި ބެހެއްޓި މައްސަލަ ބަލާ، އޮންނަ އުޞޫލުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށް އީ.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ.

އީ.ޕީ.އޭއިން އެންގުމާއެކު ސިޓީ ކައުންސިލުން ވަނީ އެތަން ސާފުކުރުމުގެ މަސައްކަތްކޮށްފައެވެ. ސިޓީ ކައުންސިލުން މި ކުނިތައް ޖަމާކޮށް ބަހައްޓާފައިވަނީ އެދުރުހިޔާ ފްލެޓްތަކާ ޖެހިގެން ހުރި އެ ކައުންސިލުގެ ކޮށްޓެއްގައެވެ.

މިކަމާގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކަށް ބަލާއިރު ގިނަ ޢަދަދެއްގެ ކުނި އެ ސަރަހައްދަށް ޖަމާކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދި ފެންނަ ފެނުމަށް މިއީ އެންމެ ދުވަހަކުން ޖަމާކޮށްފައި ހުރި ކުނިތަކެއް ނޫންކަމަށްވެސް ބެލެވެއެވެ.

މާލެތެރެ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން ހަމަވުމުން، އެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ކުރަމުންދަނީ ކައުންސިލުގެ މުވައްޒަފުންނާއި ވަޞީލަތްތައް ބޭނުންކޮށްގެން އަމިއްލައަށެވެ.