ޚަބަރު

ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ސަރަހައްދީ ޤައުމުތަކަށް މިސާލެއް: ޑރ.ޝަޢުޤީ


ރާއްޖޭގެ ތައުލީމީ ދާއިރާއަކީ މިސަރަހައްދުގެ ގައުމުތަކަށް މިސާލެއްކަމަށް ޓްރާންސްފޯމިން އެޑިޔުކޭޝަން ސަމިޓް ކޮންސަލްޓޭޓް ކޮންވިނޭޓް އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރމަޙްމޫދު ޝައުޤީ ވިދާޅުވެއްޖެއެވެ. ޑރ.މަޙްމޫދު ޝައުޤީ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ތައުލީމާ ބެހޭ ދުވަހާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ބައިނަލްއަގުއާމީގޮތުން ފާހަގަކުރާ ތަޢުލީމާބެހޭ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑރ.މަޙްދޫމު ޝައުޤީ ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާކަމަށެވެ. އެގޮތުން ހަމަހަމަކަމާއެކު އެއްވެސް ކުއްޖަކު ބާކީކުރުމެއް އަދި ތަފާތުކުރުމެއްނެތި ތަޢުލީމު އުގެނުމު ފުރުޞަތަކީ މިސަރައްޙަދުގެ އެހެން ގައުމުތަކަށް ނަމޫނާއެއްކަމަށެވެ. ކޮންމެ ދަރިވަރަކަށްވެސް ހިލޭ ރާއްޖޭގައި ކިޔެވުމުގެ ފަހިވެފައި އޮންނަ ފުރުސަތަކީވެސް އެހެން ޤައުމުތަކަށް މިސާލެއްގެ ގޮތުގައި ޑރ.މަޙްމޫދު ޝަޢުޤީ ސިފަކުރެއްވިއެވެ.


ތައުލީމީ ދާއިރާ ކުރިއެރުވުމަށް އަދިވެސް ގިނަ ކަންކަން ރަނގަޅު ކުރުމަށް ހުރިކަން ފާހަގަކުރަމުން ޑރ މަޙްމޫދު ޝައުގީ ވިދާޅުވީ އުމުރުން 16 އަހަރާ 18 އަހަރުގެ ކުދިން ނުވަތަ އޭލެވެލް ނުކިޔަވާ ދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމަށް އިސްކަމެއް ދޭންޖެހޭކަމަށެވެ.

"އޭލެވެލްއަށް ވަދެވޭ ކުދިންގެ އިތުރަށް އޭލެވެލް ނުކިޔަވާ ދަރިވަރުން ވަރަށް ގިނަ. އެހެންނަމަވެސް އެ އުމުރުފުރާގައިވެސް އެބަ ހުންނަޖެހޭ އެހެން ހުނަރުތަކެއް ދަސްކުރެވޭނެ ފުރުސަތުތަކެއް. އެއީ ޚާއްޞަ އިސްކަމެއް ދޭނެޖެހޭ ދާއިރާއެއް" ޑރ މަޙްމޫދު ޝައުގީ ވިދާޅުވިއެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ގެނެސްފައިވާ ބަދަލާއިއެކު މިސަރަޙައްދުގައި ކޮންމެ ކުއްޖަކަށް 14 އަހަރު ދުވަހުގެ މުއްދަތަށް ހިލޭ ތަޢުލީމް ފޯރުކޮށްދޭ ފުރަތަމަ ޤައުމަށް ރާއްޖެ ވަނީ ވެފައެވެ. އެއްވެސް ކުއްޖަކު ބާކީނުކޮށް ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދީ، ހިލޭ މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހި ޤައުމަކަށް ރާއްޖެ ވަނީ ވެފައެވެ.

މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަން އެން.އައި.އީގެ ސީނިއަރ ކަރިކިއުލަމް ޑިވަލޮޕްމަންޓް އެނަލިސްޓް، ގުލްފިސާން ޝަފީއު ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ މުގައްރިރަށްވެސް ބޮޑެތި ބަދަލުތަކެއް ގެނަސްފައިވާކަމަށެވެ. އެކަމުގެ ހެޔޮ އަސަރު ތައުލީމީ ދާއިރާއަށް އައިސްފައިވާކަމަށް ގުލްފިސާން ވިދާޅުވިއެވެ. އެގޮތުން ކުދިންގެ ޤާބިލުކަން އިތުރުވެ، ގުޅިގެން މަސައްކަތް ކުރުމަށް ދަސްވެގެން ދާތަން ފެންނަމުންދާކަމަށް ވިދާޅުވިއެވެ.

"މަންހަޖު ތަންފީޒު ކުރަން ފެށުމުން ވަރަށް ބޮޑެތި ބަދަލުތަކެއް ކުދިންނަށް އަންނަމުން އެބަދޭ. ކުދިން އަމިއްލައަށް ކިޔަވަން ދަސްކުރުމާ ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ކުދިންގެ ޓެކްނޮލޮޖީއަށް ކޮންފިޑެންސް އިތުރުވަމުން އަންނަކަންކަން ފާހަގަކުރެވޭ. ކަރިކިއުލަމްއަށް ބޮޑެތި ބަދަލުތަކެއް އެބަގެނެވޭ. އޭގެތެރެއިން ކުދިން ކިބައިގައި އިންޖިއަރިންގް މެތްސް ޓެކްނޮލޮޖީ މައުލޫމާތާ ހުނަރު އަށަގެންނެވުމުގެ ކަންކަން ރާވަމުން އެބަދަން" ގުލްފިސާން ޝަފީއު ވިދާޅުވިއެވެ.


މިއަހަރުގެ ތައުލީމާ ބެހޭ ދުވަހުގެ ޝިއާރަކީ "ޓު އިންވެސްޓިން ޕީޕަލް ޕްރިއޮރަޓައިޒް އެޑިއުކޭޝަން"އެވެ. މިދުވަސް ފާހަގަކުރަނީ ޔުނެސްކޯއިންނެވެ. މިއީ މިދުވަސް ބައިނަލްއަޤްވާމީ ފާހަގަކުރާތާ ފަސްވަނަ އަހަރެވެ. މިދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް ތައުލީމީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ.