ދުނިޔެ

ނޭޕާލުގެ ބޮޑުވަޒީރު ހާއްސަ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް


އިންޑިޔާއަށް ވަޑައިގެން އުޅުއްވާ ނޭޕާލްގެ ބޮޑުވަޒީރު ޚާޖާ ޕްރަޝާދް ޝަރުމާ، އޮލީ، އިންޑިޔާގެ އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާ ބައްދަލުކުރައްވައިފިއެވެ.ނޭޕާލްގެ ބޮޑުވަޒީރު އިންޑިޔާއަށް ވަޑައިގެން އުޅުއްވަނީ 77 މެންބަރުންގެ މައްޗަށް އެކުލެވޭ ނޭޕާލުގެ އިސް މަސްއޫލުވެރިންގެ ވަފްދަކާއެކުގައި ކަމަށް ޚަބަރުލިބެއެވެ. މިދަތުރުފުޅަކީ 6 ދުވަހުގެ ދިގު ދަތުރުފުޅެކެވެ.މިދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ނޭޕާލަށް ގެނައި ޑިމޮކްރެޓިކް އިސްލާހްތަކާއެކު  އެޤައުމުގައި އެކުލަވާލި ފުރަތަމަ ޤާނޫނު އަސާސީއާ މެދު އުފެދުނު ޚިލާފްތަކުގެ ސަބަބުން އިންޑިޔާއާއި ނޭޕާލުގެ ގުޅުންތަކަށް އައިސްފައިވާ ހީނަރުކަން ފިލުވާލުމެވެ. މި ދެޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަތަކުގައި މިކަމަށް އިސްކަން ދީފައިވާކަމަށް ޚަބަރު ލިބެއެވެ.ނޭޕާލާއި އިންޑިޔާގެ ބޮޑުވަޒީރުން ދެމެދުގައި ބޭއްވި  ރަސްމީ ވާހަކަތައް ކުރިޔަށް ދިޔައީ ރަސްމީ ވަފްދުގެ ފެންވަރުގައެވެ. މިވާހަކަތަކުގައި ދެޤައުމުގެ ޑިޕްލޮމެޓިކް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނާއި އިގްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމުގެ ގޮތުން ދެޤައުމުގެ ވަފްދުގެ ބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރެވުނު ކަމަށް ޚަބަރުލިބެއެވެ. އަދި ނޭޕާލުގެ ހަކަތައާއި އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގައި އިންޑިޔާގެ އެހީތެރިކަން ހޯދުމާބެހޭގޮތުން ދެޤައުމުގެ ވަފްދުން ވަނީ ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރައްވާފައެވެ. މިމަޝްވަރާތަކަށްފަހު ދެޤައުމުގެ މަސްއޫލުވެރިންވަނީ 9 އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.ހޮނިހިރު ދުވަހު، ނޭޕާލުގެ ބޮޑުވަޒީރު އިންޑިޔާއަށް ވަޑައިގަތުމުން އިންޑިޔާގެ ރައީސްގެ ރަސްމީ ގަނޑުވަރުގައި އޭނާއަށް ދަންނަވާފައިވަނީ ވަރަށް ހޫނު މަރްޙަބާއެކެވެ. އިންޑިޔާގެ ރައީސް ގަނޑުވަރުގައި ބޭއްވި މަރްޙަބާގެ ރަސްމިއްޔާތުގައި ނޭޕާލުގެ ބޮޑުވަޒީރަށް އިސްވެ މަރްޙަބާ ދެންނެވީ އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާއި އޭގެ ކެބިނެޓްގެ ވަޒީރުންނެވެ. މޯދީއާއެކު ނޭޕާލުގެ ބޮޑުވަޒީރަށް މަރްޙަބާ ދެންނެވި ބޭފުޅުންގެ ތެރޭގައި އިންޑިޔާގެ ޚާރިޖީ ވަޒީރު ޝުޝްމާ ސްވަރާޖް އާއި ދިފާއީ ވަޒީރު މަނޫހަރު ޕަރިކާއާއި މާލީ ވަޒީރު އަރޫން ޖެއިޓްލީ ހިމެނިވަޑައިގަންނަވައެވެ. އެއަށްފަހު ނޭޕާލުގެ ބޮޑުވަޒީރަށް މަރްހަބާ ކިޔުމުގެ ގޮތުން ބޭއްވި އިންޑިޔާ ސިފައިންގެ ޝަރަފުގެ ގާޑެއް އޭނާ ވަނީ އިނިސްޕެކްޓް ކޮށްދެއްވާފައެވެ.އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާއި ނޭޕާލުގެ ބޮޑުވަޒީރު ޚާޖާ ޕްރަޝާދް ޝަރުމާ އޮލީގެ ރަސްމީ ވާހަކަތަކުގައި މޯދީ ވަނީ މިދޔައަހަރު ނޭޕާލަށް ކުރިމަތިވި ބިންހެލުމުގެ ޙާދިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި 250 މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް ނޭޕާލަށް ދިނުމަށް ނިންމަވާފައެވެ. މިދިޔަ އަހަރު ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގައި 9000 މީހުން މަރުވެފައިވާއިރު އެޤައުމުގެ މިލިޔަނެއްހާ އިމާރާތް ހަލާކުވެ އިންފްރާސްޓްރަކްޗަރގެ ބޮޑުބައެއްވެސް ވަނީ މުޅިން ހަލާކުވެފައެވެ. ބިންހެލުމަށްފަހު ނޭޕާލުން ކުރިޔަށް ގެންދާ، ޤައުމު އަލުން ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަމެވެ. މިކަމަށް ބޭނުންވާ މަޝްރޫޢުތަކަށް މަދުވެގެން 5 ބިލިޔަން ޑޮލަރު ބޭނުންވާއިރު އިންޑިޔާއިންވަނީ 250 މިލިޔަން ޑޮލަރުގެ ހިލޭއެހީ ދިނުމުގެ އިތުރުން 750 މިލިޔަން ޑޮލަރުގެ ލޯނެއްވެސް ނޭޕާލަށް ދިނުމަށް ނިންމާފައެވެ.