ޚަބަރު

1250 ފަތުރުވެރިނާއިއެކު 2 ކްރޫޒަލައިނާއެއް އައްޑޫއަށް


ގިނަ ޢަދަދެއްގެ ފަތުރުވެރިންނާއިއެކު އައްޑޫއަށް 2 ކްރޫލައިނާއެއް އައިސްފިއެވެ. މީގެތެރެއިން އެއް ކްރޫޒްލައިނާއަކީ މިދިޔަ ހޯމަ ދުވަހު މާލެއައި ކްރޫޒްލައިނާއެކެވެ.

ކޯވިޑާއި ގުޅިގެން ކުރޫޒްލައިނާތައް ރާއްޖެ އައުން މެދުކެނޑިފައި އޮތުމަށްފަހު، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ގިނަ ކްރޫޒްލައިނާތަކުން ވަނީ ރާއްޖެއަށް ދަތުރު ފަށާފައެވެ. މިކްރޫޒްލައިނާތައް ރާއްޖެއަށް އަންނަން ފެށީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ގުޅިގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައްޑޫ ކައުނސިލުން ވިދާޅުވީ އައްޑޫއަށް ގޮސްފައިވަނީ "އެމްއެސް އާރްޓާނިއާ" އަދި "ކޮރަލް އެކްސްޕެޑިޝަން" ނަމަކަށް ކިޔާ 2 ކްރޫޒްލަިއނާއެވެ. ކޮރަލް އެކްސްޕެޑިޝަން އިން 50 ފަތުރުވެރިން އަދި އާރޓިއާނާ 1200 ފަތުރުވެރިން އައްޑޫއަށް ވަނީ އައިސްފައެވެ.

މިކްރޫޒްލައިނާތަކުން އައި ފަތުރުވެރިން ފޭދޫ ބަނދަރު ސަރަހައްދަށް ފައިބާފައިވާއިރު، މި ފަތުރުވެރިންނަށް އައްޑޫ ކައުންސިލްގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައިއެވެ.

ކޯވިޑްގެ ކުރިން ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒަލައިނާތަކުން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. އެގޮތުން، މިއަހަރުވެސް ގިނަ ޢަދަދެއްގެ ކްރޫޒަލައިނާތަކުން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، މާޔާއިން މަޢުލޫމާތުދެއެވެ.


މާޔާއިން ބުނީ މިހާތަނަށް 9 ކްރޫޒްލައިނާއަކުން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ކްރޫޒްލައިނާތަކަކީ މިދިޔަ އަހަރު ރާއްޖެއައި ކްރޫޒްލައިނާތަކަށް ވުރެ ބޮޑު ކްރޫޒްލައިނާތަކެއްކަމަށް މާޔާއިން ފާހަގަކުރެއެވެ. އެގޮތުން، 2826 މީހުންގެ ޖާގައިގެ ކްރޫޒްލައިނާއަކާއި، 2050 މީހުންގެ ޖާގައިގެ ކްރޫޒްލައިނާއެއް ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި 1000 އާއި 1500 މީހުންގެ ޖާގައިގެ 4 ކްރޫޒްލައިނާއެއްގެ އިތުރުން، 300 އާއި 700 މީހުންގެ ޖާގައިގެ 3 ކްރޫޒްލައިނާވެސް ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މާޔާއިން މަޢުލޫމާތުދެއެވެ.