ދުނިޔޭގެ ވިޔަފާރި

މަރުތީ ސުޒުކީއަށް ކުރިން ލަފާކުރި ވަރަށް ވުރެ ބޮޑު ފައިދާއެއް


ކާރުތަކަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން އިންޑިއާގެ އެންމެ ބޮޑު ކާރު އުފައްދާ ކުންފުނި މާރޫތީ ސުޒުކީ އިންޑިއާ ލިމިޓެޑްގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ފައިދާ އިތުރުވެއްޖެއެވެ.

އިންޑިއާގެ އެއްގަމު ދަތުރުފަތުރު ނިޒާމުގައި %40 އަށް ވުރެ ގިނަ މާކެޓް ހިއްސާ އޮންނަ މާރުތީގެ ފައިދާ ދެގުނައަށް ވުރެ އިތުރުވެ، ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އެ ކުއާޓަރުގައި 23.51 ބިލިއަން ރުޕީސް ނުވަތަ 288.5 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެވްރެޖްކޮށް 18.81 ބިލިއަން ރުޕީސްގެ ފައިދާއެއް ލިބޭނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ލަފާކޮށްފައިވެއެވެ.

އިންޑިއާގެ ޖީޑީޕީގެ %50 އަށްވުރެ ބޮޑު ހިއްސާއެއް އޮޓޯ އިންޑަސްޓްރީން ހިއްސާކުރާއިރު، މަރުތީއަށް ލިބުނު ފައިދާ އަކީ ގައުމުގައި އަމިއްލަ ފަރާތްތަކުން ބޭނުންކުރާ މިންވަރުގެ މުހިންމު ބެރޯމީޓަރެކެވެ.

މިދުވަސްވަރުގެ ޑިމާންޑާއި، ސެމީކޮންޑަކްޓަރުތައް ލިބޭނެ ގޮތްވުމުގެ ސަބަބުން މިދިޔަ ކުއާޓަރުގައި ކުންފުނިތަކުގެ ކާރު ވިއްކުން ގާތްގަނޑަކަށް %23 އަށް އިތުރުވެފައިވާ ކަމަށް ސޮސައިޓީ އޮފް އިންޑިއަން އޮޓޯމޮބައިލް މެނުފެކްޗާސް އިން ވަނީ ބުނެފައެވެ.

ޖަޕާނުގެ ސުޒުކީ މޮޓޯ ކޯޕަރޭޝަންގެ މެޖޯރިޓީ ހިއްސާވާ މަރުތީ އިން ބުނީ ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން 430،668 ޔުނިޓް ވެހިކަލް ވިއްކިއިރު، އެ ކުއާޓަރުގައި ވަނީ 465،911 ޔުނިޓަށް އިތުރުވެފައިކަމަށެވެ.