ޚަބަރު

އިންޑިއާ ސިނަމާތަކަށްް ތާރީހީ ދުވަހެއް، އޮސްކާގެވެސް އާރްއާރްއާރްގެ ލަވަ


95 ވަަނަ އޮސްކާ އެވޯޑްގެ ނޮމިނޭޝަންތައް މިވަނީ އިއުލާންކޮށްފައެވެ. މި އިއުލާނާއެކު އިންޑިއާގެ ސިނަމާތަކަށް އިއްޔެ މިވަނީ ތާރީހީ ދުވަހަކަށްވެފައެވެ. ސަބަބަކީ އިންޑިއާގެ ތިން އުފެއްދުމެއް އޮސްކާ ނޮމިނޭޝަންގެ ތެރޭގައި ހިމެނުމުންނެވެ.

އެސްއެސްް ރާޖްމޯލީގެ "އާރްއާރްއާރް" ގެ ލަވަ "ނާޓު ނާޓު" މި ވަނީ އޮސްކާގައިވެސް އެންމެ މޮޅު ލަވައިގެ ކެޓަރީގައި ހިމެނިފައެވެ. މި ލަވަ ވަނީ މިއަހަރުގެ ގޯލްޑަން ގްލޯބް އެވޯޑްސްގައިވެސް ވާދަކޮށްް އެންމެ މޮޅު ލަވައިގެ އެވޯޑް އުފުލާލާފައެވެ. އަދި އެއީ އިންޑިއާގެ ލަވައަކަށްް ގޯލްޑަން ގްލޯބް އެވޯޑް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ރޭ އޮސްކާ ނޮމިނޭޝަން އިއުލާންކުރިއިރު އޮސްކާގައިވެސް މި ލަވަ ވަނީ " ބެސްޓް އޮރިޖިނަލް ސޯންގް" ގެ ބައިން ނޮމިނޭޓްވެފައެވެ.

މި ލަވަ ވާދަކުރަނީ ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތަރިން ކަމަށްވާ ލޭޑީ ގާގާ، ރިހާނާ އަދި ޓޭލަރ ސްވިފްޓްގެ ލަވަތަކާއެވެ. މި ލަވަ ގޯލްޑަން ގްލޯބް އެވޯޑް އުފުލާލީވެސް މި ލަވަކިޔުންތަރިންނާއި ވާދަކޮށެވެ.

އޮސްކާގެ މި ނޮމިނޭޝަނާއި އެކު އިންޑިއާގެ ސިނަމާތައް މިވަނީ ތާރީހުގެ ތެރެއަށް ވަދަފައެވެ. މިކަން "އާރްއާރްއާރް" ގެ ޓީމުންވެސް ވަނީ ފާހަގަކޮށްފައެވެ.

"އާރްއާރްއާރް" ގެ އިތުރުން އިންޑިއާގެ ދެ ޑޮކިއުމެންޓަރީވެސް ވަނީ އޮސްކާއަށް ނޮމިނޭޓްވެފައެވެ.

ރާޖްމޯލީގެ "އާރްއާރްއާރް" ވަނީ ސިނަމާތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މި ފިލްމަށް 1200 ކްރޯޑްް ރުޕީސް ވަނީ ލިބިފައެވެ.

1920ގައި އިންގިރޭސީން އިންޑިއާގައި ވެރިކަންކުރިއިރު އެމީހުންނާއި ދެކޮޅަށްް ނުކުތް ދެ ޒުވާނެއްގެ ވާހަކަތައް ގެނެސްދިން މި ފިލްމުގެ ލީޑްްރޯލުން ފެނުނީ ތެލުގޫގެ މަޝްހޫރު ސުޕަރސްޓާރުން ކަމަށްވާ ރާމް ޗަރަން އާ އެންޓީ ރާމާ ރާއޯ ޖޫނިއާއެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ދެތަރިންކަމަށްްވާ އަޖޭ އާއި އާލިއާވެސް މި ފިލްމުގައި މުހިއްމު ރޯލެއް އަދާކުރިއެވެ.