ޚަބަރު

އެސްޓީއޯގެ މި ފިހާރާގައި ސޭލްސްމަނެއް ކޭޝިއަރެއް ނުހުންނާނެ


ކޭޝިއަރެއް އަދި ސޭލްސް މީހެއް ނެތި ވިޔަފާރިކުރެވޭނެ ފަދަ ފިހާރައެއް ހުޅުވަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ތައްޔާރުވެއްޖެއެވެ.

މިއީ ރާއްޖޭގައިވެސް މިފަދަ ފިހާރައެއް ހުޅުވާ ފުރަތަމަ ފަހަރެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ރާއްޖެއަށް މުޅިން އަލަށް ތަޢާރަފްކުރާ މި ފިހާރައާއި ގުޅޭގޮތުން އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު ވިދާޅުވީ، ރާއްޖެއަށް އައު ޓެކްނޮލޮޖީ ތަޢާރަފްކުރުމާއި، އައު ޓެކްނޮލޮޖީއަށް އިންވެސްޓް ކުރުމަކީ އެކުންފުނީގެ މުހިއްމު އެއް އަމާޒުކަމަށެވެ. އެގޮތުން، މިޓެކޮނޮލަޖީއާއެކު ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަކޮށް، ފައިސާގެ މުޢާމަލާތްތައް ކުރުމުގައިވެސް ފަސޭހަވެގެންދާނެކަމަށް އެސް.ޓީ.އޯއިން ވިދާޅުވެއެވެ.

އަމްރު ވިދާޅުވީ، މިފިހާރަ ހުޅުވާނީ އަންނަ މަހުގެ ފަހު ކޮޅު ހުޅުމާލޭގައި ކަމަށެވެ. މި ފިހާރައިން ވިޔަފާރީގެ މުޢާމަލާތް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެ އެފްލިކޭޝަންގައި ބޭންކު ކާޑު ރަޖިސްޓްރީކުރުމަށްފަހު ލޮގިންވުމުން ފިހާރައިން ވިޔަފާރި ކުރުމުގެ މަގުފަހިވާނެއެވެ.

އެސްޓީއޯއިން ވިދާޅުވީ، މިފިހާރައިން ލިބެން ހުންނާނީ ހަމައެކަނި އެސްޓީއޯއިން އެތެރެކޮށް ވިއްކާ އުފެއްދުންތައް ނޫންކަމަށެވެ. އެގޮތުން، މި ފިހާރައިގައި ކުދި ވިޔަފާރިތަކުގެ އުފެއްދުންތައްވެސް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

މި ފިހާރައިގައި ކޭޝިއަރެއް އަދި ސޭލްސް މީހެއްވެސް ނެތްނަމަވެސް، ފިހާރައިގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅިފައިވާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. އެގޮތުން، މި ފިހާރައިގެ އެކިތަންތަނުގައި އާރޓިފިޝަލް އިންޓެލިޖެންސް ކެމެރާ ނުވަތަ އޭއައި ކެމެރާތައް ހަރުކޮށްފައި ހުންނާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މި އޭއައި ކެމެރާތަކުން ހަރުތަކާއި، ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ޤާބިލުކަން ލިބިފައިވެއެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފިހާރަތަކުގައި ބޭނުންކުރަމުން އަންނަ ޓެކްނޮލަޖީއެކެވެ. މިޓެކްނޮލަޖީ އެންމެ ފުރަތަމަ ދުނިޔެއަށް ތަޢާރަފްކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. އެގޮތުން، ދުނިޔޭގެ އެކިކަންކޮޅުގައި ޖުމްލަ 3000 އަށް ވުރެ ގިނަ ކޭޝިއަރ-ލެސް ފިހާރަ މިހާރުވެސް ދަނީ ހިންގަމުންނެވެ.