ޚަބަރު

ކެލިފޯނިޔާގައި ބަޑީގެ ހަމަލާތަކެއްގައި އިތުރު ހަތް މީހުން މަރާލައިފި


އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގައި ބަޑިޖަހައި ޢާންމުންގެ އިތުރު ހަތް މީހުން މަރައިލައިފިއެވެ. ހަމަލާދީފައި ވަނީ ސެން ފްރެންސިސްކޯގެ އައްސޭރިފަށުގައިވާ ހާފް މޫން ބޭ ކިޔާ ރަށެއްގައެވެ. މި ހާދިސާގައި ޒިންމާވާ އޭޝިޔާ ނަސްލުގެ މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހާދިސާ ހިނގާފައި މި ވަނީ، ލޮސް އެންޖެލެސްގެ މޮންޓެރޭ ޕާކްގެ ކްލަބެއްގައި ބަޑިޖަހައި 11 މީހުން މަރައިލި ހާދިސާގެ އެއް ދުވަސް ފަހުންނެވެ.

ހާފް މޫން ބޭގައި ބަޑިޖެހައި ގިނަ ބަޔަކު މަރައިލާފައި ވަނީ ދަނޑުވެރިކަން ކުރާ ދެ ނަރސަރީއެއްގައި ކަމަށް ސެން މެޓޭޔޯ ކައުންޓީގެ ފުލުހުން ބުނެއެވެ. ހަމަލާގައި އިތުރު މީހަކު ވަނީ ޒަޚަމުވެފައެވެ. އަދި، ހަމަލާގައި ޒިންމާވާ ކަމަށް ބެލެވޭ 67 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ޗުންލީ ޜާއޯ ކިޔާ މީހެއް ކަމުގައި ފުލުހުން ބުނެއެވެ. މި ހާދިސާގައި މަރައިލާފައި ވަނީ އޭނާއާ އެކު ދަނޑުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންތަކެކެވެ.

ލޮސް އެންޖެލެސްގެ އޮފިޝަލުން އަދިވެސް ދަނީ މޮންޓެރޭ ޕާކްގައި ދިން ބަޑީގެ ހަމަލާތައް ތަހުޤީޤު ކުރަމުންނެވެ. އެ ހަމަލާދީފައި ވަނީ ޗައިނާގެ އައު އަހަރު ފާހަގަކުރުމުގެ އިހުތިފާލުތައް ކުރިއަށްދިޔަ ވަގުތެއްގައެވެ. އެ ހަމަލާގައި ޒިންމާވާ 72 އަހަރުގެ ހޫ ކާން ޓްރާން ވަނީ، ފުލުހުން އޭނާ ހައްޔަރުކުރަން މަސައްކަތް ކުރުމުން، އަމިއްލައަށް ފުރާނަ ނަގައިލައިގެން މަރުވެފައެވެ.

ޓްރާންއަކީ، ޤަވާޢިދާ ޚިލާފަށް ހަތިޔާރު ގެންގުޅުމުގެ ކުށުގައި 1994 އަހަރު ވެސް ހައްޔަރުކޮށްފައިވާ މީހެއްކަން ތަހުޤީޤަށް ވަނީ ހާމަވެފައެވެ. އޭނާ ވަނީ، ކްލަބްގައި ތިބި މީހުންނާ ދިމާލަށް އަމާޒުކޮށް 42 ފަހަރު ބަޑިޖަހާފައެވެ. އަދި، އެއަށްފަހު އެހެން ކްލަބަކަށް ގޮސް، އެ ތަނުގައި ތިބި މީހުންނަށް ހަމަލާދޭން ވެސް އޭނާ މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް، އެ ތަނުގައި ތިބި ޢާންމުންގެ ދެ މީހަކު ވަނީ ޓްރާން ހުއްޓުވާފައެވެ.

ހާފް މޫން ބޭގެ ނަރސަރީއެއްގައި ބަޑިޖަހައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުމާ އެކު ފުލުހުން ވަނީ އެ ތަނަށް ހާޒިރުވެފައެވެ. އަދި، ދެވަނަ ނަރސަރީގައި ބަޑިޖަހައި ހަމަލާދީފައި ވަނީ އޭގެ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ފުރަމަތަ ނަރސަރީގައި ހަތަރު މީހަކު މަރައިލާ، އިތުރު މީހަކު ޒަޚަމުކޮށްލާފައިވާ ކަމުގައި ފުލުހުން ބުނެއެވެ. މި ދެ ހަމަލާ ވެސް ދީފައި ވަނީ، އެ ދެ ތަން ކައިރީގައި ގިނަ ޢަދަދެއްގެ ކުޑަކުދިންތަކެއް ވެސް އުޅުނު ވަގުތެއްގައި ކަމަށާއި، ބައެއް ކުދިންނަށް އެ މަންޒަރުތައް ފެނުނު ކަމުގައި ވެސް ފުލުހުން ބުނެއެވެ.

ހާފް މޫން ބޭއާއި މޮންޓެރޭ ޕާކްގައި ދިން ހަމަލާތަކަކީ 2022 މޭ މަހަށް ފަހު އެމެރިކާގައި ހިނގާފައިވާ މި ފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ. ޓެކްސަސްގެ އުވާލްޑޭގެ ސްކޫލެއްގައި 2022 މޭ މަހު ދިން މި ފަދަ ބަޑީގެ ހަމަލާތަކެއްގައި ދެ ޓީޗަރުންނާއި 19 ދަރިވަރުން ވަނީ މަރައިލާފައެވެ. ކެލިފޯނިޔާގައި މިހާތަނަށް ދީފައިވާ މި ފަދަ އެންމެ ނުރައްކާތެރި ހަމަލާ ދީފައި ވަނީ 1984 ވަނަ އަހަރުއެވެ. ސެން ޑިއޭގޯގައި ހުންނަ މެކްޑޮނަލްޑްސްގެ ރެސްޓޯރެންޓެއްގައި ތެރޭގައި ބަޑިޖަހައި ދިން ހަމަލާގައި 21 މީހުން މަރުވިއެވެ.