ޚަބަރު

ގުޅިފަޅު ފްލެޓަށް ފައިސާ ދެއްކި ފަރާތްތަކަށް އުފާވެރި ޚަބަރެއް


ފްލެޓް ގަތުމަށް ފައިސާ ދެއްކުމަށްފަހު ވާނުވާ ނޭނގި، ކަންބޮޑުވުންތަކެއްގައި ތިބުމުގެ އިޙްސާސް އެންމެ ބޮޑަށް ކުރެވޭނެ އެއް ބަޔަކީ ގުޅިފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކެވެ.މީގެތެރޭގައި މާލޭގައި ކުދިކުދި ތަންތަންކޮޅުގައި ކުއްޔަށް އުޅެމުންދާ ފަރާތްތަކާއި، މާލެ ސަރަޙައްދަށް ބަދަލުވުމަށް ތައްޔާރަށް ތިބި ބައެއް ޢާއިލާތައްވެސް ހިމެނެއެވެ. ޢާއިލާއާއެކު ހިތްގައިމު ފްލެޓެއްގައި ދިރިއުޅުމަށް އެ ފަރާތްތަކުން ވަނީ ފާއިތުވެދިޔަ 6 އަހަރުގެ ތެރޭގައި ހުވަފެންތަކެއް ދެކެފައެވެ.  ފެލްޓްތައް ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީވެސް އެފަރާތްތަކުން އެއްތަނެއްގައި ބައްދަލުކޮށް، އެކަމަށް ކުރެވޭނެ ކަންތައްތަކާމެދު ޚިޔާލު ބަދަލުކޮށް، ކަމާގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް މަސައްކަތް ކުރި ދުވަސްތަކެކެވެ. ކޮމެޓީއެއް އުފައްދައިގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެފަރާތްތަކުން ދިޔައީ ކޮފީމޭޒުތަކުން ބައްދަލުކުރަމުންނެވެ. ފްލެޓް ލިބުން ލަސްވެ، ކުރި އިންތިޒާރު ހިތި ގޮތަކަށް ދިއުމުގެ ބިރު އެފަރާތްތަކުން ދިޔައީ އިޙްސާސްކުރަމުންނެވެ. ދެއްކި ފައިސާތައް ބޭކާރު ވެގެންދާނެތީ އެ މީހުން ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. ނަމަވެސް މިއަދު އެ މީހުން ތިބީ އުފަލުންނެވެ. ހުޅުމާލެއިން ފްލެޓް ލިބޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވުން ވެގެން ދިޔައީ ޢާއިލާތަކަށް ލިބުނު އާ އުންމީދަކަށެވެ. ފާއިތުވި ހަ އަހަރުގެ ކޮންމެ ދުވަހަކީވެސް އެމީހުން ތަޙައްމުލުކުރި ހިތްދަތި ދުވަސްތަކެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ގުޅިފަޅުން ފްލެޓް ގަތުމަށް 158 ޢާއިލާއަކުން 37 މިލިއަން ރުފިޔާ އެތަން ތަރައްޤީކުރި ޖީ.ޕީ.ޑީއަށް ދައްކާފައިވެއެވެ.ރަތްމަންދުއަށް އުފަން ޙާމީދާއަކީ ގުޅިފަޅުން ހަތަރު ކޮޓަރީގެ އެޕާޓްމަންޓަކަށް ފައިސާ ދައްކާފައިވާ ފަރާތެކެވެ. ފްލެޓް ލިބޭނެ ކަމުގެ އުންމީދު އެތައް ފަހަރަކު އޭނާ އާކުރިއެވެ." ޖީ.ޕީ.ޑީން ދިޔައީ އެކި ތާރީޚްތައް ދެމުން. ދެންމެ ދެންމެ ފްލެޓްތަކަށް ބަދަލު ވެވޭނެއޭވެސް ހީވި. އެކަހަލަ ގޮތަކަށް މިއޮތް ހުރިހާ ދުވަހަކު މި ދިޔައީ. ވަރަށް ދެރަކޮށް ކަންތައްތައްވީ. ބައެއް މީހުން އެބައުޅޭ ލޯނު ނަގައިގެން ފްލެޓަށް ފައިސާ ދެއްކި މީހުންވެސް. " މިވަގުތު ވިލިނގިލީގައި ދިރިއުޅެމުންދާ ޙާމިދާ ބުންޏެވެ. ލ.މުންޑޫ މުހަންމަދުފުޅަކީ 54 އަހަރުގެ މީހެކެވެ. އޭނާ ވަނީ ސަރުކާރުން އެޅުއްވި ފިޔަވަޅަށް ވަރަށް ބޮޑަށް ޝުކުރުވެރިވާކަން ހާމަކޮށްފައެވެ. ފްލެޓް ލިބުނުކަން ޔަޤީން ވެގެންދިއުމަކީ ކެތްތެރިކަމުގެ ފޮނި މޭވާ އެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ." ހަޤީގަތުގައި ބުނަންޏާ މަގުމަތި ވެފައި ތިބި ބައެއްގެ އާދޭސް ސަރުކާރުން މި އެއްސެވީ. އަޅުގަނޑު ވަރަށް އުފަލުން މިހުރީ. ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި މާލޭގެ ފަސް ގެއެއްގައި އުޅެވިއްޖެ. ގިނައިން މިތިބީ މުޅިންވެސް އަތޮޅުތަކުގެ މީހުން. މާލޭގެ ހަލަބޮލި މާހައުލުގައި ދަތި ގޮތަކަށް އުޅޭ މީހުން ގިނައީ. އެހެންވީމާ ރަގަޅު ބޯހިޔާވަހި ކަމަކަށް އެންމެވެސް ބޭނުންވެފައި ތިބީ " މުހަންމަދުފުޅު ކިޔައިދިނެވެ. ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ހުޅުމާލޭގައި އެންމެ އަވަހަށް ޢިމާރާތްކުރައްވާ ފްލެޓްތަކުން 184 ފްލެޓެއް ގުޅިފަޅުން ފްލެޓް ގަންނަން ފައިސާ ދައްކާފައިވާ ފަރާތްތަކަށް ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެެ. ފްލެޓްތައް ދެއްވާނީ، ފްލެޓް ގަންނަން މިހާތަނަށް ދައްކާފައިވާ ފައިސާ ކެނޑުއްވުމަށްފަހު ބާކީ ފައިސާ ދައްކާގޮތަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ގުޅިފަޅުގައި އަމިއްލަ ފަރާތަކުން ތަރައްޤީކުރި ފްލެޓްތައް ގަތުމަށް 158 ޢާއިލާއަކުން ވަނީ،  އެތަން ތަރައްޤީ ކުރަމުންދިޔަ އިނގިރޭސިވިލާތުގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވްލޮޕްމަންޓް ކޮމްޕެނީ، ޖީ.ޕީ.ޑީއަށް 37 މިލިއަން ރުފިޔާ ދައްކާފައެވެ. ފްލެޓްތައް ނުނިމި ދިގުލައިގެން ދިއުމާއި، އަދިވެސް ދިމާވި ތަފާތު މައްސަލަތަކާ ހެދި ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި އެ ޢާއިލާތަކުން ތިބީ ކަންބޮޑުވެ މާޔޫސްވެފައެވެ. ނަމަވެސް އެ ޢާއިލާތަކަށް ހުޅުމާލެއިން ފްލެޓް ދެއްވުމަށް ރައީސް ނިންމެވާއެކު، އެ ޢާއިލާތަކަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.