ދުނިޔޭގެ ވިޔަފާރި

ފޯޑުން ޔޫރަޕްގައި މުވައްޒަފުން މަދުކުރަނީ


މުޅި ޔޫރަޕްގައި 3،200 ވަޒީފާ މަދުކޮށް، ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ނުވަތަ ބައެއް ތަކެތި އުފެއްދުން އެމެރިކާއަށް ބަދަލުކުރުމަށް އެމެރިކާގެ އޮޓޯ އުފައްދާ ކުންފުނި ފޯޑުން މަސައްކަތް ފަށައިފިއެވެ. ފޯޑުން ބޭނުންވަނީ ޕްރޮޑަކްޓް ޑިވެލޮޕްމަންޓްގެ ދާއިރާއިން 2،500 ވަޒީފާ އާއި އިދާރީ 700 ކަމަށް ޖަރުމަނުވިލާތުގެ އައިޖީ މެޓަލް ޔޫނިއަނުން ބުންޏެވެ.

ގާތްގަނޑަކަށް 14،000 މީހުން ވަޒީފާ އަދާކުރާ އެމެރިކާގެ ފޯޑުގެ ކޮލޯން ސައިޓުގެ މަސައްކަތްތެރިން، މާކެނިޗް ސަރަހައްދުގެ ޑިވެލޮޕްމަންޓް ސެންޓަރެއްގައި މަސައްކަތް ކުރާ 3،800 މީހުންވެސް ހިމެނޭގޮތަށް މި ޕްލޭންތަކުގެ މައުލޫމާތު ހޯމަ ދުވަހު ވޯކްސް ކައުންސިލްގެ ބައްދަލުވުންތަކުގައި ވަނީ ދީފައެވެ.

ޖަރުމަނުވިލާތުގައި ހުންނަ ފޯޑްގެ ތަރުޖަމާނު ބުނީ އިލެކްޓްރިކް ވެހިކަލް، އީވީ އުފެއްދުމަށް ބަދަލުވުމަށް ސްޓްރަކްޗަރަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ޕްލޭންތައް ފައިނަލް ނުވަނީސް އިތުރު އެއްޗެއް ނުބުނާނެ ކަމަށެވެ.

މިޝިގަންގައި ހުންނަ ފޯޑުގެ މައި އޮފީހުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ޖަރުމަނުވިލާތުގެ ވޯކްސް ކައުންސިލްތަކާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އީވީއަށް ބަދަލުވާއިރު ކުންފުނިން އިތުރަށް ވާދަވެރި ވާން ޖެހޭ ކަމަށެވެ. ނަމަވެސް ވަޒީފާތަކާއި ބެހޭ އެއްވެސް މައުލޫމާތެއް އެނާ ހާމައެއް ނުކުރެއެވެ.

ފޯޑުން މިދިޔަ އަހަރު ވަނީ މާސް މާކެޓަށް ހުރިހާ އިލެކްޓްރިކް މޮޑެލްއެއް އުފެއްދުމަށް ކޮލޯން ކާރުޚާނާގެ އުފެއްދުންތައް ފުޅާކުރުމަށް 2 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް އިއުލާންކޮށްފައެވެ. އެ ކާރުޚާނާ އިން މިހާރު އުފައްދަނީ ފޯޑް ފިއެސްޓާގެ އިތުރުން އިންޖީނާއި ޓްރާންސްމިޝަންތަކެވެ.

ޔޫރަޕްގައި ގާތްގަނޑަކަށް 45،000 މީހުން ވަޒީފާ އަދާކުރާ ފޯޑުން ރާވަމުންދަނީ އެ ސަރަހައްދުގައި އާ 7 އިލެކްޓްރިކް މޮޑެލްއަކާއި ޖަރުމަނުވިލާތުގައި ބެޓެރީ އެސެމްބްލީ ސައިޓާއި ތުރުކީގައި ނިކަލް ސެލް އުފެއްދުމުގެ ޖޮއިންޓް ވެންޗާއެއް އުފެއްދުމަށެވެ. އަދި ޖަރުމަނުވިލާތުގެ ކާރު އުފައްދާ ކުންފުނީގެ އެމްއީބީ އިލެކްޓްރިކް ޕްލެޓްފޯމްގައި 6 އަހަރު ދުވަހުގެ ތެރޭގައި 1.2 މިލިއަން އުޅަނދު އުފެއްދުމަށް ފޯކްސްވޭގަންއާއި އެކު ފޯޑުން ވަނީ ޕާޓްނަޝިޕް ހަދާފައެވެ.

އެ ޕާޓްނަޝިޕް އަދިވެސް އޮތް ކަމަށް ފޯޑާއި ފޯކްސްވޭގަންގެ މަންދޫބުން ވިދާޅުވި ނަމަވެސް ފޯޑްގެ އެމެރިކާގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ ފޯޑްގެ އަންނަ ޖީލުގެ ޔޫރަޕްގެ އިލެކްޓްރިކް ވެހިކަލްތަކުގައި ފޯކްސްވޭގަންގެ ދައުރު އަދިވެސް ކަނޑައެޅިފައި ނުވާ ކަމަށެވެ. ނަމަވެސް އީވީ އުފެއްދުމަށް ބަދަލުވުމުން ކާރު އެސެމްބްލް ކުރުމަށް މަސައްކަތްތެރިން މަސައްކަތް ކުރަން ޖެހޭ ގަޑި މަދުވާނެތީ، ސްޕެއިންގައި ހުންނަ ކާރުޚާނާއާއި ޖަރުމަނުވިލާތުގެ ސާރލޫއިސްގައި ހުންނަ ކާރުޚާނާ އިން ކައިރި މުސްތަގުބަލެއްގައި ވަޒީފާތައް މަދުވާނެ ކަމަށް މިދިޔަ ޖޫން މަހު ފޯޑުން ވަނީ ބުނެފައެވެ.

ޔޫރަޕްގައި ފޯޑްގެ ޕްރީޓެކްސް ފައިދާގެ ނިސްބަތަކީ މިދިޔަ އަހަރުގެ ފުރަތަމަ 9 މަސް ދުވަހުގެ ތެރޭގައި %2.2 ވިޔަފާރި ކަމަށްވީއިރު، މިއީ އުތުރު އެމެރިކާގެ ވިޔަފާރި ވީ މިންވަރަށް މާ ދަށް އަދަދެކެވެ. އަދި ޔޫރަޕްގެ އިގްތިޞާދީ ހާލަތު ހީނަރުވަމުންދާ ކަމުގެ އިންޒާރު ވެސް އޮކްޓޯބަރު މަހު ފޯޑުން ވަނީ ދީފައެވެ.