ޚަބަރު

ހެއްކާބެހޭ ޤާނޫނާއެކު ޝަރީޢަތްކުރުމުގެ ނިޒާމު ފުރިހަމަވެއްޖެ: ޝަމީމް


ހެއްކާބެހޭ ޤާނޫނާއެކު ޝަރީޢަތްކުރުމުގެ ނިޒާމް ފުރިހަމަވެ، ޝަރުޢީ މަރުހަލާގައި މައްސަލަތައް އަވަހަށް ކުރިއަށްގެންގޮސް ނަތީޖާ ނެރެވޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 18ގައެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ވިދާޅުވީ، އަލަށް ޢަމަލުކުރަން ފެށި ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ހަމައަށް، މިހާތަނަށް ޢަމަލުކުރަމުންދިޔައީ މީގެ 46 އަހަރުކުރިން ޢަމަލުކުރަން ފެށި އެންމެ 7 މާއްދާގެ މައްޗަށް އެކުލެވޭ 2 ސަފްޙާގެ ޤާނޫނަކަށްކަމަށެވެ. އަދި އެ ޤާނޫނަށް މިވީ މުއްދަތުގެ ތެރޭގައި އެއްވެސް އިސްލާޙެއް ގެނެވިފައިނުވާތީ، ޒަމާނަށް ފެތޭ ހެއްކާބެހޭ އުޞޫލުތައް އެކަށައަޅަމުންދިޔައީ ކޯޓުތަކުގެ ނިންމުންތަކުންކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، ޖިނާޢީ މައްސަލަތަކުގައި މީހެއްގެ މައްޗަށް ކުށެއް ސާބިތުވާނީ އާއްމުކޮށް ކަމެއް ސާބިތުވާވަރަށްވުރެ މައްޗަށް އެކަމެއް ސާބިތުވެގެންކަމަށެވެ. އަދި އެ މިންވަރަށް ސާބިތުކުރަން ބޭނުންކުރާ އެއްޗަކީ ހެކިކަމަށާއި، މިހާތަނަށްވެސް މަސައްކަތްކުރަމުން އައީ އެ ހެކި ހުށަހަޅާނެގޮތުގެ ތަފްޞީލްތައްނެތިކަމަށް ޝަމީމް ވިދާޅުވިއެވެ. އެކި ކޯޓުތަކުން އެކިގޮތަށް ހެއްކާގުޅޭ އުޞޫލުތައް ކަނޑައަޅަމުންދިއުން ވެގެންދިޔައީ މުޅި ނިޒާމު ފުރިހަމަގޮތުގައި ކުރިއަށްގެންދިއުމަށް ކުރިމަތިވި ގޮންޖެހުމެއްކަން ފާހަގަކުރައްވާ ޕީޖީ ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ތަޖުރިބާވެސް ހިއްސާކުރައްވާފައެވެ.

"2004 ގައި އޭރު ޤާނޫނީ ނިޒާމު އޮތްގޮތުން ގިނަ މައްސަލަތައް ސާބިތުވަނީ އިޢުތިރާފުގެ މައްޗަށް. 2008 ވަނަ އަހަރު އަޅުގަނޑުމެން މި ހިޖުރަކުރީ މުޅިން އައު ޤާނޫނު އަސާސީއަކަށް. އައު ޤާނޫނު އަސާސީގައި މި އޮތީ ހެކީގެ މައްޗަށޭ ކުށް ސާބިތުކުރާނީ. އެކަމަކު ހެކި ވަޒަންކުރާނެގޮތުގެ މިންގަނޑެއް އޭރަކުވެސް ނެތް. އެހެންވީމަ އެންމެ ބޮޑު ގޮންޖެހުމަކަށް އޭރުވެސްވީ އެ ހެކި ހޯދާނެގޮތާއި، ވަޒަންކުރާނެގޮތާއި، ބުރަދަންދޭނެ ގޮތެއް ނެތުން. އެގޮންޖެހުން އޭރުންސުރެއް އޮތް" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، އައު ހެއްކާބެހޭ ޤާނޫނާއެކު، ހެއްކާގުޅޭގޮތުން ޢަމަލުކުރަންޖެހޭ ތަފްޞީލީ އުޞޫލުތަކެއް ޤާނޫނަކުން ކަނޑައެޅިފައިވާކަމަށެވެ. މިއާއެކު ޝަރީޢަތްކުރުމާބެހޭ ނިޒާމު މުޅިންހެން ފުރިހަމަވެފައިވާކަމަށާއި، މީގެ ހެޔޮ ނަތީޖާވެސް ނިޒާމުގެ ތެރެއިން ފެނިގެންދާނެކަމަށް ޕީޖީ ވިދާޅުވިއެވެ.

"ހަޤީޤަތުގައި 2008 ވަނަ އަހަރުގައި ޤާނޫނު އަސާސީއިން ޖިނާޢީ އަދުލުގެ ނިޒާމަށް ގެނައި ބަދަލުތަކުގެ ތެރެއިން މައިގަނޑު ބޮޑު 3 ޤާނޫނެއް މިހާރު ވުޖޫދުވެގެން މިއައީ. ފުރަތަމަ ޤާނޫނަކީ ޕީނަލް ކޯޑް، އެއީ ޤާނޫނުލްއުޤޫބާތު. ދެވަނަ ޤާނޫނަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު. ތިންވަނަ ޤާނޫނަކީ ހެއްކާބެހޭ ޤާނޫނު. މިހާރު މި 3 ޤާނޫނު އައީމަ ޝަރީޢަތްކުރުމާބެހޭ ނިޒާމު މުޅިހެން ފުރިހަމަވީ. އެއީ ވަރަށް ބޮޑު ބަދަލެއް މުޅި ނިޒާމަށް އަންނާނެކަމެއް. އަދި ހަލުވިކަމެއްވެސް އަންނާނެ ކަމެއްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު ކަށަވަރު

ޕީޖީ ޝަމީމް ވިދާޅުވީ، ހެއްކާބެހޭ ޤާނޫނާއެކު އަންނާނެ އެންމެ ބޮޑު ބަދަލަކީ އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަ މާނައިގައި އެންމެ ފުރިހަމަގޮތުގައި ލިބިގެންދިއުންކަމަށެވެ.

ވަކިން ޚާއްސަގޮތެއްގައި މިހާރު ޝަރީޢަތްކުރުމާގުޅޭ އިޖުރާޢަތްތައް ބަޔާންކުރާ ޤާނޫނުތަކާއި ޖިނާޢީ ކުށް ބަޔާންކުރާ ޒަމާނީ ޤާނޫނުތަކަށް ޢަމަލުކުރަމުންދާއިރު މުޅި ނިޒާމު އޮތީ މިފަދަ ޤާނޫނަކަށް ވަރަށް ބޮޑަށް ބޭނުންވެފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަލަށް ޢަމަލުކުރަން ފެށި ހެއްކާބެހޭ ޤާނޫނުގައި މިހާރު ޝަރުޢީ މަރުހަލާގައި ދިމާވާ ވަރަށް ބައިވަރު މައްސަލަތަކުގެ ހައްލު އެބަހުރިކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާން އެބަހުރި ވަރަށްފަހުން މަރުގެ ޙާދިސާއެއްގައި، އެ ޙާދިސާގައި އަނިޔާވި މީހާގެ ގައިން ލޭތިކި ބުރައިގެންދިޔަ މީހެއް. އެތާ ކައިރީގައި ހުރި މީހެއް. އޭނަ ތަޙުޤީޤަށް ބަޔާންވެސް ދިން ތިމަންނަ ދުށީމޭ، މިހެންނޭ އެކަންވީ ކިޔާ އެވާހަކަ ކިޔައިދިން. އެކަމު ޝަރީޢަތުގެ މަޖިލީހަށް ގެންދިޔާމަ އެވާހަކަ ހަނދާނެއްވެސް ނެތް. ކުރީގެ ޤާނޫނު އޮތްގޮތަކުން އަޅުގަނޑުމެންނަށް އެމީހުންގެ ބަޔާނަކަށް ބުރަދަނެއްވެސް ނުދެވޭ. އެމީހުންނަކަށް ކޯޓަށް ޙާޞިރުވާން މަޖުބޫރެއްވެސް ނުކުރެވޭ. އެކަމު މިހާރު އެކަން ކުރެވޭނެ" ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، އިސްލާމީ ޝަރީޢަތުގައިވެސް ހެކިބަސް ދިނުމަކީ ކުރަންޖެހޭކަމެއްކަމަށާއި، އެއީ އަމިއްލަ އިޚްތިޔާރު އޮތްކަމެއްނޫންކަމަށެވެ. އަދި ހެކިބަސް ދިނުމަކީ ދީނީގޮތުންވެސް ކުރަންޖެހޭ ލާޒިމުކަމެއްކަން ފާހަގަކުރައްވާ، މި ޤާނޫނު ލިޔެވިފައިއޮތީ އެމަގަށް ބާރުއަޅާގޮތަށް، މުޅި ނިޒާމު މަސައްކަތްކުރާގޮތަށްވެސް މުހިއްމު ބަދަލުތަކެއް އަންނާނެގޮތަށްކަމަށް ޕީޖީ ވިދާޅުވިއެވެ.

ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިފަދަ ޤާނޫނެއްގެ ސަބަބުން އާއްމުންނަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ މި ނިޒާމަށް އޮންނަ ޔަޤީންކަމާއި އިތުބާރު އިތުރުވުންކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އަދި މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީވެސް ވަކިގޮތަކަށް ކަންތައްތައް ހިނގާނެކަމުގެ ޔަޤީންކަން މީހުންނަށް އޮތުންކަމަށެވެ. މިފަދަ ޤާނޫނެއްގެ ސަބަބުން ހެކިބަސް ދިނުން ލާޒިމްކުރެވޭ ބައިތަކާއެކު ޕީޖީ އޮފީހުގެ މަސައްކަތްތަކަށްވެސް ބޮޑު ބަދަލެއް އަންނާނެކަމަށް ޕީޖީ ވިދާޅުވިއެވެ.

އެގޮތުން މީހަކު ހެކިބަސްދޭން އަންނަން މަޖުބޫރުކުރެވޭނެ ޙާލަތްތަކާއި، ތަފާތު އެކި ސަބަބުތަކާހެދި ހެކިބަސް ދޭން ޖެހިލުންވާ މީހުން، އެ ޖެހިލުންވާ ސަބަބު ކޯޓަށް ސާބިތުކޮށްދެވޭނަމަ، އެ ބަޔާންތަކަށް ބާރު ދިނުމުގެ ނުވަތަ ބުރަދަން ދިނުމުގެ ބާރު ކޯޓުތަކަށް ޤާނޫނުގައި އެބައޮތްކަމަށެވެ. އަދި އިލެކްޓްރޯނިކް އެވިޑެންސް ހޯދާނެގޮތާއި، ހުށަހަޅާނެގޮތްވެސް ޤާނޫނުގައި ބަޔާންކޮށްފައިވާކަން ޕީޖީ ޝަމީމް ވިދާޅުވިއެވެ.