ޚަބަރު

5 ސްކޫލެއްގައި ޖާގަ އިތުރުކުރުމަށް ބޭނުންވާ އިމާރާތް ހެދުމަށް ހަވާލުކޮށްފި


އަތޮޅުތެރޭގެ 5 ސްކޫލެއްގައި ޖާގަ އިތުރުކުރުމަށް ބޭނުންވާ އިމާރާތްތަކުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ. މީގެތެރޭގައި ހިމެނެނީ ތ.އޮމަދޫ ސްކޫލް، ތ. ގުރައިދޫގައި ހުންނަ ތ.އަތޮޅު މަދަރުސާ، ފ.ބިލެއްދޫ ސްކޫލް، ފ.ފީއަލީގައި ހުންނަ ފ.އަތޮޅު ސްކޫލް އަދި ށ.މަރޮށީގައި ހުންނަ ށ.މުނައްވަރާ ސްކޫލްގެ މަސައްކަތެކެވެ. މިއީ މުޅިންވެސް 2022ގެ ބަޖެޓުގެ ޕީއެސްއައިޕީގައި ހިމެނޭ މަޝްރޫޢުތަކެވެ.

ތ.އޮމަދޫ ސްކޫލްގެ 02 ބުރީގެ އިމާރާތާއި، މަލްޓިޕަރޕަސް ހޯލާއި ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަންޓޯލްޑް ޕްރައިވެޓް ލިމިޓެޑާއެވެ. 2022ވަނަ އަހަރުގެ ޕީއެސްއައިޕީގައި ހިމަނައިގެން ކުރިއަށްގެންދާ މި މަސައްކަތަށް، 20.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނެއެވެ. މިމަސައްކަތް ހަވާލުކުރީ 400 ދުވަހުން ނިންމާގޮތަށެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. އަދި އަންޓޯލްޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝައްފާން ޝަމޫންއެވެ.

ތ.އަތޮޅު މަދަރުސާގެ 6 ކްލާސްރޫމާއި ހެލްތު ރޫމާއި ކައުންސެލިންގ ރޫމް ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރުގެ މުއްދަތުން ނިންމާގޮތަށް، 9.7 މިލިއަން ރުފިޔާއަށެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ޒުބައިރުއެވެ.

ފ.ބިލެއްދޫ ސްކޫލާއި ފ. އަތޮޅު މަދަރުސާގެ ސައިންސް ލެބް ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ.

މީގެތެރެއިން ފ.ބިލެއްދޫ ސްކޫލްގެ ސައިންސް ލެބް އިމާރާތުގެ މަސައްކަތް ހަވާލުކުރީ 2.3މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އަދި ފ.އަތޮޅު މަދަރުސާ ސައިންސް ލެބް އިމާރާތުގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީވެސް 2.3 މިލިއަން ރުފިޔާއަށެވެ. މި ދެ ސްކޫލްގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ 95 ދުވަހުގެ މުއްދަތުން ނިންމާގޮތަށެވެ.

ފ.ބިލެއްދޫ ސްކޫލާއި ފ. އަތޮޅު މަދަރުސާގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޢަބްދުﷲ ސައީދުއެވެ.

ދެން ހަވާލުކޮށްފައިވަނީ ށ.މަރޮށީގައި ހުންނަ މުނައްވަރާ ސްކޫލްގެ ސައިންސް ލެބް އިމާރާތުގެ މަސައްކަތެވެ. މި މަސައްކަތް ޙަވާލުކުރީ ކޮންސްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. 2.1މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 145 ދުވަހުންނެވެ.

މި އެއްބަސްވުމުގައި ކޮންސްޓެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިބްރާހިމްއެވެ.