ޚަބަރު

މާފުށީ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އެމްޓީސީސީއަށް


ކ.މާފުށީގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ރަށެވެ. މިއާއެކު ރަށުގައި ޑިންގީއާއި، ޑައިވިން ދޯނިތަކާއި ލޯންޗްތައް އިތުރުވެ ބަނދަރުގެ ޖާގައިގެ ދަތިކަންވެސް ބޮޑު ރަށެކެވެ. އަދި ރަށަށް ދަތުރުކުރާ މީހުން އިތުރުވުމާއި، މަސްވެރިކަމަށް ނިކުންނަ ދޯނި ގެންގުޅޭ ރަށަކަށްވުމާއެކު ބަނދަރު ބޭނުންކުރުމުގައިވެސް ދަތިތައް ދިމާވެއެވެ. މިހާރު އެރަށުގައި ބޭނުންކުރަމުން އަންނަ ބަނދަރަކީ ޒަމާންވީ ބަނދަރަކަށް ވުމާއެކު، ބަނދަރުގެ ބައިތައް ހަލާކުވެ ޖާގަ ވަނީ ކުޑަވެފައެވެ.

މާފުށީގެ އާބާދީއަކީ ދެހާހެއްހާ މީހުން ނަމަވެސް، އެކި މަސައްކަތްތަކުގައި ރަށުގައި ދިރިއުޅޭ މީހުންނާއެކު މި އަދަދު 5000އިން މައްޗަށް އަރައެވެ.

ރަށުގެ ރައްޔިތުން ފާހަގަކުރާ ގޮތުގައިވެސް ރަށުގެ އިގްތިޞާދު ކުރިއެރުވުމުގައިވެސް ރަށަށް މިހާރު އެންމެ ބޭނުންވަނީ ފަސޭހައިން ލަފާފުރޭނެ ޒަމާނީ ބަނދަރެކެވެ. އަދި ގިނަ އުޅަނދު ފަހަރަށް ބަނދަރަށް ވަދެ، ފަސޭހައިން ޚިދުމަތް ހޯދޭނެފަދަ ޖާގަ ތަނަވަސް ބަނދަރެކެވެ.

މާފުށީ ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤްއެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 374 މީޓަރުގެ ބަނދަރެއް ތަރައްޤީކުރުމަށެވެ. މީގެތެރޭގައި މިހާރުގެ ބަނދަރާއި ބަނދަރަށް އަލަށް އިތުރުކުރާ ބައި ހިމެނެއެވެ.

މި ޕްރޮޖެކްޓްގައި ހިމެނެނީ 31 މީޓަރުގެ ބޭރު ތޮއްޓެއް ޖެހުމާއި، 64 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 700މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. އަދި 160 މީޓަރުގެ ކޮންކްރިޓް 2 ޖެޓީ ހެދުމާއި، ބަނދަރާއި ބޭރު ތޮށި ގުޅާލުމަށް ކޮންކްރިޓް ބްރިޖެއް ހެދުން ވެސް ހިމެނެއެވެ.

ބަނދަރު ތަރައްޤީކޮށް ނިމޭއިރު އޮންނާނީ ބަނދަރު ބައްތި އާއި މަގު ބައްތި ޖަހާ ޕޭވްމަންޓްވެސް ހަދާފައެވެ.