ޚަބަރު

ރިބަން ކަނޑާނަމަ މުޅިން އެކަމަށް ހުސްވާންޖެހޭހާ ގިނަ މަޝްރޫޢު މިދައުރުގައި ނިމޭނެ: ރައީސް


ސަރުކާރުގެ މިދަޢުރުގައި ނިންމާ މަޝްރޫޢުތަކުގެ ރިބަން ކަނޑަން ހުސްވެއްޖެނަމަ، މިދަޢުރުގެ ބާކީ ބައިގައި ދެން އެހެން ކަމެއް ކުރެވޭނެ ވަގުތު ނޯންނަހާ ގިނަ މަޝްރޫޢު ނިމެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އއ.ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ތޮއްޑޫގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ޤާނޫނުން ބުނާ އަސާސީ ޙައްގުތައް މިދައުރު ނިމޭއިރު ފުރިހަމަވެފައި ހުންނާނެކަން ކަށަވަރުކުރާނެކަމަށެވެ. އަދި ސަރުކާރުގެ މަސައްކަތްވެސް ހުރީ އެޢަމާޒަށްކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި ރާއްޖޭގެ އުތުރެއް ދެކުނެއް، މާލެއެއް އަތޮޅުތަކުގެ ރަށެއް ތަފާތު ނުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރެވިފައި އޮތީ، ދެ އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދު ރަށްތަކުގައިކަމަށެވެ. މި ބޮޑު ބުރަ މަސައްކަތުގެ ޒިންމާ މި ސަރުކާރުން ނަގާ، މިވަގުތުވެސް ރާއްޖޭގެ 144 ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެެވެ. މިއިން ކޮންމެ ޚިދުމަތަކުން ރައްޔިތު މީހާއަށް ލިބޭ ފަސޭހައާއެކު، އެކަމުން ރަށުގެ އިޤްތިޞާދަށްވެސް މަންފާ ކުރާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވަޒީފާތައް އިތުރުވުމާއި، ރަށުގައި އައު ވިޔަފާރިތައް ފަށާ އާމްދަނީ އިތުރުކުރުމަށް މަގުފަހިވާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގިނަ މަޝްރޫޢުތައް ހުރީ އަހަރުގެ މެދުތެރެއާއި ހަމައަށް ދާއިރު ނިމޭ ހިސާބުގައިކަމަށެވެ.

"މިހާރުވެސް ގިނަ މަސައްކަތްތަކެއް ނިމިއްޖެ. ޖޫން، ޖުލައި، އޮގަސްޓްމަހަށް ދާއިރު ގިނަ މަޝްރޫޢުތައް މުޅިން ނިމޭނެ. ސަރުކާރުން ނިންމާ ކަންކަމުގެ ރިބަން ކަނޑަން ޖެހޭކަމަށްވަންޏާ، ދައުރުގެ ބާކީ އޮތް ބައިގައި އެކަން ކޮށްފަ ދެން އެހެން ކަމެއް ކުރާނެ ވަގުތު ނޯންނަވަރަށް މަޝްރޫޢުތައް ނިމޭނެ."ރައީސް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ މަސައްކަތްތައް މި އަހަރުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ ވަޢުދެކެވެ.

އަދި ރާއްޖޭގެ ގިނަ ރަށްތަކަކަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިކަން ޙައްލުކޮށްދިނުމުގެ ގިނަ މަޝްރޫޢުތައްވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އއ.ތޮއްޑޫގައި މިހާރު ތަރައްޤީކުރަމުންދާ ބަނދަރަށް އަލިއަޅުއްވާލައްވާ ރައީސް ވިއްދާޅުވީ، 2011ވަނަ އަހަރު ތޮއްޑުއަށް ކުރި ދަތުރެއްގައިވެސް ރައްޔިތުން އެންމެ ބޮޑަށް އެދުނު ކަމަކީ ބަނދަރު ތަރައްޤީކޮށްދެއްވުންކަމަށެވެ.

ނަމަވެސް މިހާތަނަށްވެސް މި މަސައްކަތް ނުކުރެވި އޮއްވާ، މި ސަރުކަރުން ތޮއްޑޫގައި އެންމެ ޒަމާނީ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާކަމަށެވެ. ތޮއްޑުއަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާވެފައިވާ އެއް ރަށެކެވެ. މި މަޝްރޫޢާއެކު ރަށުގެ މަލަމަތި ބަދަލުކޮށްލާ، އިޤްތިޞާދީ ގޮތުންވެސް ކުރިއެރުން ލިބޭނެއެވެ.