ޚަބަރު

ކާށިދޫ އާއި ނިލަންދޫ ފަޅާއެކު ރިސޯޓު ތަރައްޤީކުރަން 14 މަޝްރޫޢެއް

ކ. ކާށިދޫ އާއި ފ.ނިލަންދޫގެ ފަޅު ހިމެނޭހެން ފަތުރުވެރިކަން ތަރައްޤީކުރުމަށް އައު ރަށްތަކެއް ބީލަމަށް ހުޅުވާލައިފިއެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިބުރުގައި 9 އަތޮޅަކުން 14 މަޝްރޫޢެއްވަނީ ހުޅުވާލާފައެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކުރާ ރަށްރަށާއި ފަޅުތައް:

* ހއ. އަލިދުއްފަރުފިނޮޅު
* ހއ. މެދަފުށި
* ހދ. ކުޑަފަރުފަސްގަނޑު
* ރ.އެއްތިގިލި އަދި ރ. އަލިފުށި ފަޅުން 10 ހެކްޓަރު ހިއްކުން
* ކ.ކާށިދޫފަޅުގެ ސަރަހައްދުން ބައެއް
* މ. ބޯހުރާ
* ފ. ނިލަންދޫފަޅުގެ ސަރަހައްދުން ބައެއް -1
* ފ. ނިލަންދޫފަޅުގެ ސަރަހައްދުން ބައެއް – 2
* ތ. އޮޅުފުށި ( އޮޅުފުށިފިނޮޅާއި އެކު)
* ގއ ބޭރަމައުއްޑޫ
* ގއ. ފުނަދޫވިލިގިއްލާ
* ގދ. ހާދުއާ
* ގދ. ކަޅެހުއްޓާ
* ގދ. ފެރޭތަވިލިނގިލި (ކްލަސްޓަރއެއްގެ ގޮތުގައި)

އަލަށް ހުޅުވާލާފައިވާ ރަށްތަކުގެތެރެއިން އެންމެ ބޮޑު ލީޒް އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ކ.ކާށިދޫ އާއި ފ.ނިލަންދޫ ފަޅުން ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަށެވެ. އެގޮތުން މިއިން ކޮންމެ މަޝްރޫޢަކަށް އެންމެ މަދުވެގެން ލީޒް އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި 2.2 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

މިރަށްތަކުގައި ރިސޯޓު ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ 6ވަނަ ދުވަހާއި މާރޗުމަހުގެ 5ވަނަ ދުވަހު ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީއަށް ހާޟިރުވެ ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށަހެޅުމަށް އެމިނިސްޓްރީން އެދިވަޑައިގަންނަވައެވެ.

ހއ.ހދ، ކ. އަތޮޅުގެ ބީލަންތައް ހުށަހެޅުން އޮންނާނީ 28 މާރޗުގައެވެ. މ، ފ، ތ.އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހެޅުން އޮންނާނީ 29 މާރޗުގައެވެ. އަދި ގއ. އާއި ގދ.އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހެޅުން އޮންނާނީ 30 މާރޗުގައެވެ.

ރިސޯޓު ތަރައްޤީކުރުމަށް އިތުރު ރަށްތައް ހުޅުވާލުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލީ ޝިނާން ވިދާޅުވީ ފަޅު ހިއްކައިގެން ރިސޯޓު ތަރައްޤީކުރުމަށް ހިމަނާފައިވަނީ އެކަމުގައި ގިނަ ކަންތައްތަކަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

"ޑީޓެއިލް މެޓަމެޓްރިކްސް ސަރވޭއެއްވެސް ކުރިއަށްގެންދިޔައިން ކާށިދޫ ފަޅާއި ގުޅޭގޮތުންވެސް، އަދި މީގެއިތުރުން ނިލަންދޫ ފަޅުތެރޭގައި ރިސޯޓު ތަރައްޤީކުރަން ހުޅުވާލުމުގެ ކުރިންވެސް ކައުންސިލާއި މަޝްވަރާތައް ކުރުމާއި، ކަަމާއި ގުޅުންހުރި ފަރާތްތަކާވެސް ކޮންސަލްޓުކޮށްފައިވާނެ މިިކަމާއި ގުޅޭގޮތުން،" ޝިނާން ވިދާޅުވިއެވެ.

މިފަހަރު އިއުލާންކުރި ރަށްތަކުގެތެރޭގައި މީގެކުރިންވެސް ފަތުރުވެރިކަމަށް ހުޅުވާލި ރަށްތަކެއްވެސް ހިމެނެއެވެ. ޝިނާން ވިދާޅުވީ މި ބުރުގައި ހުޅުވާލި ރަށްތަކަށް އިންވެސްޓަރުން ހޯދުމަށް ގިނަ މަސައްކަތްތަކެއް މިިނިސްޓްރީން ކުރުމަށް ރާވާފައިވާ ކަމަށެވެ.

"ބިޑިންއަށް މަޑު ޖައްސާލާފަ މިހުޅުވާލީވެސް، ބަންދުތައް ނިމޭއިރަށް ހުޅުވާލުމަށް، އުންމީދަކީ މިއަހަރު ހުޅުވާލި ރަށްތަކަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް،" ޝިނާން ވިދަޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މިހާރުގެ އަންދާޒާއަކީ މިހުރިހާ ރަށަކުން އެންމެ މަދުވެގެން 1750 އެނދު ފަތުރުވެރިކަމަށް ނެރެވޭނެ ކަމަށެވެ. އެހެންނަމަވެސް މިއަދަދު އިތުރުވުން އެކަށީގެންވާކަން އެމިނިސްޓްރީން ފާހަގަކުރެއެވެ.

ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ހުޅުވާލި ރިޒޯޓްތަކުގެ ތެރެއިން ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށް މިިސަރުކާރުން އަންނަނީ އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ.