ޚަބަރު

ފޮނަދޫގައި ނައިޓް މާކެޓެއް، ބައިވެރިވާން ފުރުޞަތު ހުޅުވާލައިފި


ހައްދުންމަތީ ފޮނަދޫގައި ނައިޓް މާކެޓެއް ބޭއްވުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

'ފޮނަދޫ ނައިޓް މާކެޓް' ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗު މަހުގެ 02 އިން 06 އަށެވެ. ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ފޮނަދޫ ބަނދަރުގެ ދެކުނު ފަރާތުން ސްޓޭޖް ސަރަހައްދުގައެވެ.

މި ނައިޓް މާކެޓްގައި ސްޓޯލް ނުވަތަ މޭޒު ބަހައްޓަން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ. ނައިޓް މާކެޓުގައި ބައިވެރިވެވޭނީ ފޮނަދޫގެ އެޑްރެހެއްގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ އަދި ކުންފުނިތަކަށާއި، ފޮނަދޫގައި ވިޔަފާރި އެކްޓިވިޓީއެއް ހިންގާ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ އަދި ކުންފުނިތަކަށެވެ.

މި ނައިޓް މާކެޓްގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ޖާގައެވެ. ފޮނަދޫ ކައުންސިލުން ބުނީ ނައިޓް މާކެޓްގައި ސްޓޯލް ނުވަތަ މޭޒު ބެހެއްޓުމުގެ ފީއަކީ ކޮންމެ މޭޒަކަށް ފަނަރަ ސަތޭކަ ރުފިޔާކަމަށެވެ. ފައިސާ ދައްކަން އަންގާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ފޯމް ހުށަހަޅާފައިވާ ތަރުތީބުން އިތުރު ފަރާތަކަށް ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ނައިޓް މާކެޓުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ގޫގަލް ފޯމް މެދުވެރިކޮށް އެކަމަށް އެދުމަށް ކައުންސިލުން ވަނީ އަންގާފައެވެ.