ޚަބަރު

ފަރުމާތައް ފާސްނުކޮށް ޢާންމު ބޭނުންތަކުގެ ޚިދުމަތްދޭ ރިސޯޓްތަކާމެދު ފިޔަވަޅުއަޅަނީ


ފަރުމާތައް ފާސްނުކޮށް ފެނާއި ނަރުދަމާއާއި، ކަރަންޓް އަދި ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ހިންގާ ރިސޯޓުތަކާމެދު ފިޔަވަޅު އަޅާނެކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ހާމަކޮށްފިއެވެ.

ރިސޯޓުތަކުގައި ޤާއިމްކުރާ ފެނާއި ނަރުދަމާ، ކަރަންޓް އަދި ކުނި މެނޭޖްކުމުގެ ނިޒާމުގެ ފަރުމާތަކަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން ތަންފީޒުކުރަމުންދާ ފެނާއި ނަރުދަމާގެ ޤާނޫނު، ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނު، އަދި ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން ފާސްކުރުން ލާޒިމުކަމެކެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވިދާޅުވީ، އަންނަމަހުގެ އެއްވަނަ ދުވަހުގެ ފަހުން އަލަށް ތަރައްޤީކުރާ ރިސޯޓުތަކުގެ ފެނާއި ނަރުދަމާ، ކަރަންޓް އަދި ކުނި މެނޭޖްކުރުމުގެ ނިޒާމުތަކުގެ ފަރުމާ ރިޕޯޓުތައް އެ އޮތޯރިޓީއަށް ހުށަހަޅާ ފާސްކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. އަދި މިހާރު އޮޕަރޭޓްކުރަމުންދާ ރިސޯޓުތަކުގައި ފެނާއި ނަރުދަމާ، ކަރަންޓް އަދި ކުނި މެނޭޖްކުރުމުގެ ނިޒާމުތަކުގެ ފަރުމާ ރިޕޯޓުތައް ތައްޔާރުކޮށްފައި ނުވާ ރިސޯޓުތަކުން 6 މަސްދުވަސްތެރޭގައި، އެ އޮތޯރިޓީއަށް ހުށަހަޅާ ފާސްކުރަންޖެހޭނެ ކަމަށްވެސް ޔުޓިލިޓީ އޮތޯރިޓީން ވިދާޅުވިއެވެ. އެއީ އަންނަ ޖުލައިމަހުގެ 22ވަނަ ދުވަހުގެ ކުރިންނެވެ.

އަދި މި މުއްދަތުތަކުގެ ތެރޭގައި ފަރުމާތައް ފާސްނުކޮށް ފެނާއި ނަރުދަމާ، ކަރަންޓް އަދި ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ހިންގާ ރިސޯޓުތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ހާމަކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފައްދަވައިފައިވަނީ 2020ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުގެ ދަށުން އުފެއްދުމަށް ލާޒިމުކޮށްފައިވާ އިދާރާއެކެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަކީ ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ކަންކަން އިންތިޒާމުކުރުމަށްޓަކައި އިދާރާއެއް އުފެއްދުމާއި، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، އަދި ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ ޢާންމު އުސޫލުތައް ކަނޑައެޅާފައިވާ ޤާނޫނެކެވެ.

ފަރުމާތައް ފާސްނުކޮށް ފެނާއި ނަރުދަމާއާއި، ކަރަންޓް އަދި ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ހިންގާ ރިސޯޓުތަކާމެދު ފިޔަވަޅު އަޅާނެކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވިދާޅުވެފައި މިވަނީ، ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލާ ރިޕޯޓް ހެދުމެއްނެތި ރިސޯޓެއްގައި ބަނދަރެއް ތަރައްޤީކުރި މައްސަލައެއްގައި ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 28މިލިއަނަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވެސް ވަނިކޮށެވެ.