ޚަބަރު

ސަރުކާރުގެ އައު އޮފީސް ޢިމާރާތް މަރްހޫމް ޢުމަރު ޒާހިރުގެ ނަންފުޅަށް


ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ސަރުކާރުގެ އޮފީސް އިމާރާތަށް ޤައުމީ ޚިދުމަތުގައި 50 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަލްމަރްޙޫމް ނ.އ.އ.ވ ޢުމަރު ޒާހިރުގެ ނަންފުޅުން ނަންދީފިއެވެ.

އަލްމަރުޙޫމް އުމަރު ޒާހިރަކީ ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި، އެމަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެ ވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ. އެމަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ ޢުމްރާނީ ތަރައްޤީގެ އެއް ތަނބެވެ. ޢުމަރު ޒާހިރު ފާހަގަވެފައިވަނީ މާލޭ ސަރަޙައްދަށް ޒަމާނީ ތަރައްޤީއާއި ކުރިއެރުން ގެނައުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ.

އެގޮތުން މާލޭގެ ތަރައްޤީގެ ބޮޑެތި ހުރިހާ މަސައްކަތްތަކެއްގައިހެން އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި މާލޭގެ މަގު ހެދުމުގެ މަޝްރޫޢާއި، މާލޭގެ އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫޢާއި، ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާއި، ކުނި ނައްތާލުމުގެ މަޝްރޫޢާއި، ތިލަފުށި ހިއްކުމާއި، އެކަމާގުޅޭ އެންމެހާ މަސައްކަތްތަކަކީ ސީދާ ޢުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢުތަކެކެވެ.

މީގެ އިތުރުން ރަށްރަށުގެ ބަނދަރުތައް ތަރައްޤީކުރުމާއި، މުޅި ރާއްޖޭގައި ކުޅިވަރު ރޫޙާއި ޖޯޝާއި ފޯރި ގަދަކުރެއްވުމުގައި ޢުމަރު ޒަހީރު ވަނީ ފާހަގަކޮށްލެވޭ ފަދަ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

ޢުމަރު ޒާހިރު ވަނީ 1953އިން ފެށިގެން 2008އާ ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަޤާމެއް އެމަނިކުފާނު ފުރުއްވާފައިވެއެވެ. އެމނަިކުފާނު އަވަހާރަވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ސަރުކާރުގެ އޮފީސް އިމާރާތަށް އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އެ އޮފީސް އިމާރާތް މިހާރު ހުޅުވުމަށް އަމާޒު ހިފާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހަށެވެ.

ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް ތަރައްގީކުރުމަށް މި ސަރުކާރުން ނިންމެވީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށްގެން އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން ހިންގަންޖެހޭތީ، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްޙުރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް 2019 ވަނަ އަހަރު ނިންމެވި ނިންމެވުމާއި ގުޅިގެންނެވެ.

6 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި އޮފީސް އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ހުނާން އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑުންނެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތަރައްޤީކޮށްފައިވާ މި އޮފީސް ޢިމާރާތުގެ ގްރައުންޑް ފްލޯރ އަދި ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ޕާކިންގއަށް ބޭނުންކުރުމަށެވެ. އިމާރާތައް ބަދަލުކުރާ އޮފީސްތައް ހިންގާނީ 2 ވަނަ ފަންގިފިލާއިން ފެށިގެން 5 ވަނަ ފަންގިފިލާއާއި ހަމައަށެވެ. އަދި އިމާރާތުގެ އެންމެ މަތި 6 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ މީޓިން ރޫމްތަކާއި، ސެމިނާ ރޫމެއްގެ އިތުރުން ޓެރަހަށެވެ.

އައު އޮފީސް އިމާރާތް ބެހިފައިވާގޮތް


* ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ - ޕާކިންގ އޭރިއާ
* 2 ވަނަ ފަންގިފިލާ - މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
* 3 ވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
* 4 ވަނަ ފަންގިފިލާ – އެމެރިކަން އެމްބަސީ
* 5 ވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
* 6 ވަނަ ފަންގިފިލާ – ކުދި މީޓިންގ ރޫމްތަކާއި ސެމިނާ ރޫމްއެއް އަދި ޓެރަސްއެއް

މި އޮފީސް އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓުގެ ޖާގަ ހުންނާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މިއީ ސަރުކާރުން 185 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ ތަނެކެވެ.

ސަރުކާރުން ވަނީ ފޮރިން މިނިސްޓްރީގެ ޢިމާރާތްވެސް މަރާމާތަށްފަހު، ކުރީގެ ޚާރިޖީ ވަޒީރު ފަޠުހުﷲ ޖަމީލުގެ ނަންފުޅުން ނަންދެއްވާފައެވެ.