ކުޅިވަރު

ޔުނައިޓެޑް ބަލިކޮށް އާސެނަލުން އުއްމީދު އާކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އުޅޭ އާސެނަލުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، މި ފަހަރު ލީގު ކާމިޔާބުކުރުމަށް ކުރަމުން އަންނަ އުއްމީދު އާކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެތްގައި ޖަހާ ލީޑު ނަގާފައިވަނީ ޔުނައިޓެޑުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިވަގުތު ވަރަށް ފޯމްގައި ހުރި މާކަސް ރަޝްފަޑްއެވެ. މިއީ ވަރލްޑް ކަޕަށްފަހު ޔުނައިޓެޑަށް އޭނާ ކާމިޔާބުކޮށްދިން 9ވަނަ ލަނޑެވެ.

ނަމަވެސް މެޗްގެ 24 ވަނަ މިނެޓްގައި އާސެނަލްއިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދިނީ އެޑީ އެންކޭޓިއަރއެވެ. މިމެޗްގައި އާސެނަލްއިން ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗްގެ 53 ވަނަ މިނެޓްގައި ބުކާޔޯ ސާކާ ޖަހާދިން ލަނޑުންނެވެ. ނަމަވެސް މިލީޑު އާސެނަލްއަށް ދެމެހެއްޓޭވަރުވީ ހަ މިނެޓަށެވެ. ޔުނައިޓެޑަށް އެޓީމްގެ ދެވަނަ ލަނޑު ޖަހާދިނީ ލިސާންޑްރޯ މާޓިނޭޒްއެވެ. މިއީ އޭނާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މިމެޗުން އާސެނަލް މޮޅުވި ލަނޑު މެޗްގެ ފަހު މިނެޓްގައި ޖަހާދިނީ އެޓީމަށް ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އެންކޭޓިއަރއެވެ.

މިކާމިޔާބީއާއެކު އާސެނަލްއިން އަނެއްކާވެސްވަނީ ދެވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އާއި ދެމެދުގައިވާ ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި ބާކީ އެއްމެޗް މަދުން ކުޅެފައިވުމުން މިފަރަގު އަށް ޕޮއިންޓަށް އިތުރު ކުރުމުގެ ފުރުސަތު އާސެނަލްއަށް އެބައޮތެވެ. އާސެނަލްއަށް މިހާރުވަނީ 19 މެޗުން 50 ޕޮއިންޓް ލިބިގެން ގޮސްފައެވެ. އަދި ޔުނައިޓެޑަށް ލިބިފައިވަނީ 20 މެޗުން 39 ޕޮއިންޓެވެ.