ޚަބަރު

އޯކިޑް ބަށިމުބާރާތުގެ ޗެމްޕިއަންކަން ބާރަށު ޓީމް ހޯދައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރައްވާ ޑިމޮކްރަސީ ހަފްތާގައި ބޭއްވެވި އޯކިޑް ބަށިމުބާރާތުގެ ޗެމްޕިއަންކަން ހއ. ބާރަށު ޓީމް ހޯދައިފިއެވެ.އެޓީމް ޗެމްޕިއަންކަން ހޯދީ އެއަތޮޅު އިހަވަންދޫ ޓީމާ ވާދަކޮށްގެންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައެޅިފައިވަނީ 3000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް 2000 ރުފިޔާއެވެ. މި މުބާރާތަކީ އިލެކްޝަންސް ކޮމިޝަނާއި ނޭޝަނަލް ބަށިބޯލް އެސޯސިއޭޝަން ގުޅިވަޑައިގެން ބޭއްވެވި މުބާރާތެކެވެ. މި މުބާރާތުގައި ބާރަށާއި އިހަވަންދުގެ އިތުރަށް އުތީމާއި ޑިމޮކްރަސީ ހަފްތާ ފާހަގަކުރާ ހޯރަފުށި ވާދަކުރިއެވެ.ޑިމޮކްރަސީ ހަފްތާގެ ތެރެއިން ހޯރަފުށީގެ ޢާއިލާތަކަށް ޚާއްޞަކުރައްވައިގެން މިއަދު ކުޑަކުދިންގެ ހަވީރެއް ފާހަގަކުރެއްވިއެވެ. އިލެކްޝަންސް ކޮމިޝަނާއި ފުލުންނާއި ސިފައިން އަދި ރައްޔިތުން ގުޅިވަޑައިގެން ފާހަގަކުރެއްވި ކުޑަކުދިންގެ ހަވީރުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިވިއެވެ. މި ހަވީރުގައި ހއ. އަތޮޅު މަދަރުސާގެ ދަރިވަރުން ވަނީ ސްޓޭޖް އައިޓަމްތަކެއް ހުށައަޅައިދީފައެވެ.ޑިމޮކްރަސީ ހަފްތާ ފާހަގަކުރެއްވުމަށް ހިންގަވާ ހަރަކާތްތަކުގެ ތެރެއިން މުޅި އަތޮޅަށް ހުޅުއްވާލައްވައިގެން މިއަދު ވަނީ މަސްރޭހެއްވެސް ބާއްވާފައެވެ. ނުވަ ޓީމެއް ވާދަކުރި މި މަސް ރޭހުގައި ބައިވެރިވި ޓީމްތަކުގެ ތެރޭގައި ހޯރަފުށީގައި ހުރި ސަރުކާރުގެ ގިނަ މުއައްސަސާތަކުގެ ޓީމްތަކާއި، ހޯރަފުށީ ރައްޔިތުންގެ ތެރެއިން ހޮވާލެވުނު ޓީމަކާއި، ހޯރަފުށީ އަންހެނުންގެ ޓީމެއްގެ އިތުރުން އިހަވަންދޫގެ ޓީމެއްވެސް ހިމެނެއެވެ.މިމަހުގެ ސާދައިން މިއަދުގެ ނިޔަލަށް ކުރިއަށްދާ ޑިމޮކްރަސީ ހަފްތާގެ ޙަރަކާތްތައް ނިންމުމުގެ ގޮތުން މިރޭ ޚާއްޞަ މިއުޒިކް ޝޯވއެއްވެސް ވަނީ ބާއްވާފައެވެ.