ޚަބަރު

"އައިދީން" ކާޓޫން އިފްތިތާހްކޮށްފި


ކުޑަކުދިންނަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގައި އުފެއްދި ފުރަތަމަ ކާޓޫނު އިފްތިތާހްކުރައްވައިފިއެވެ."އައިދީން"ގެ ނަންދީފައިވާ މި ކާޓޫނަކީ މޫސުމަށް އަންނަ ބަދަލުތަކާއި، އިންސާނުންކުރާ ކަންކަމުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވެވިދާނެގޮތްތައް ދައްކުވައިދޭ މެސެޖްތަކެއް އެކުލެވޭ ކާޓޫނެކެވެ. މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ހިންގަވާ ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން އުފެއްދި މި ކާޓޫނު، ޝްވެކް ސިނަމާގައި މިއަދު އިފްތިތާހްކުރައްވާފައިވަނީ މާލޭގައި ހިންގާ އެގާރަ ސްކޫލެއްގެ ސާޅީހަށްހަށްވުރެ ގިނަ ދަރިވަރުންނަށް ދައުވަތުދީގެންނެވެ.ކާޓޫނު ބެލުމަށްފަހު ބައެއް ކުދިންބުނީ މި ކާޓޫނުން އާ މަޢުލޫމާތުތަކެއް ލިބިއްޖެ ކަމަށާއި ތިމާވެށި އޮންނަންޖެހޭގޮތް ވަޒަންކުރެވުނުކަމަށެވެ.އައިދީން ކާޓޫން އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓްރީގެ ނައިބު ހުސައިން ލިރާރް ވިދާޅުވީ، މި ކާޓޫނުން ތިމާވެއްޓާބެހޭ މަޢުލޫމާތު މުއްސަނދިވެގެންދާނެކަމަށެވެ. އަދި ކިޔަވާކުދިންނަށް ގިނަ ފައިދާތަކެއް މި ކާޓުން ކުރާނެކަމަށްވެސް ލިރާރް ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ނާއިބް ނާހީދު މުޙައްމަދު ރަޝާދު ވިދާޅުވީ، ޒަމާނީ މިފަދަ ވަސީލަތްތަކުގެ އެހީގައި ކުރެވޭ މިފަދަ ކަންކަމުގެ ފައިދާ ސްކޫލުތަކުން ފެނިގެންދާނެކަމަށެވެ.އައިދީން ކާޓޫން ކުރިއަށް އޮތްތަނުގައި ޓީ ވީ އެމް މެދުވެރިކޮށް އާންމުކޮށް ދެއްކުމަށް ހަމަޖެހިފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި މިއަދު މި ކާޓޫނުގެ ސީޑީވެސް ވަނީ ޕީއެސްއެމްއާއި ހަވާލުކޮށްފައެވެ. 37 މިނެޓްގެ އައިދީން ކާޓޫނު ތައްޔާރުކޮށްފައިވަނީ ކާޓޫން އެނިމޭޓަރ ޔާމީން ރަޝީދެވެ.