ޚަބަރު

ވަޢުދާ އެއްގޮތަށް ވިލިނގިއްޔާއި ކޫއްޑޫ ގުޅާލަން ވަނީ ތައްޔާރުވެފައި: ރައީސް


ސަރުކާރުގެ ވަޢުދާ އެއްގޮތަށް ގއ.ވިލިނގިއްޔާއި ކޫއްޑޫ ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވިލިނގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ކޫއްޑޫއަކީ އެސަރަޙައްދުގެ މައި އެއަރޕޯޓް، އަދި އެ ސަރަޙައްދުގެ އިޤްތިސާދީ ހަރަކާތްތަކުގެ މައި ރަށެވެ. ކޫއްޑޫ މަސް ފެކްޓްރީއަކީ ވިލިނގިއްޔާއި ދެކުނުގެ މަސްވެރިންގެ މައި ރަށެވެ. އަދި ވިލިނގިލީގެ އެތައް ރައްޔިތުންނެއް އާމްދަނީ ހޯދުމަށް ވަޒީފާ އަދާކުރާ ރަށެވެ. ވިލިނގިއްޔާއި ކޫއްޑޫ ގުޅާލާ، ރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަކީ ރައީސުލްޖުމްހޫިރއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވަޢުދެފުޅެކެވެ.

ވިލިނގިލީގެ ރައްޔިތުންނާ ބަދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ވިލިނގިލީގެ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވަޢުދުތައް، ރައްޔިތުން ބޭނުންވާ ގޮތަށް ފުއްދާނެކަމަށެވެ. ޚާއްސަކޮށް ރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދެމުންދާ ވިލިނގިއްޔާއި ކޫއްޑޫ ގުޅާލުމުގެ މަޝްރޫޢު ފެށުމުގެ ތައްޔާރީތައް ސަރުކާރުން ވަމުންދާކަމަށެވެ.

ކޫއްޑުއަކީ ވިލިނގިލިން ލޯންޗެއްގައި ފަސްވަރަކަށް މިނިޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އޮތް ރަށެކެވެ.

"ވިލިނގިއްޔާ ކޫއްޑޫ ގުޅާލުމަކީ މި ސަރުކާރުގެ ވަޢުދެއް. ޕްރޮޖެކްޓްގެ އިނީޝިއަލް ޕްލޭންތައް ހެދުމުގެ މަސައްކަތް ނިމި އަގު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް. އަދި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް. ވަޢުދާއި އެއްގޮތަށް މި މަސައްކަތް ކުރިއަށްދާނެ." ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ވިލިނގިލީގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ވިލިނިގލީ ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކުރުމާއި އައު ހޮސްޕިޓަލެއް އެޅުން ހިމެނެއެވެ. ރައީސް ވިދާޅުވީ ރަށުގެ އައު ހޮސްޕިޓަލް އެޅުމަށް، ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ވިލިނގިލީގެ ބަނދަރަކީވެސް ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. މަސްވެރިރަށަކަށްވުމާއެކު، ބޮޑެތި މަސް ދޯނިތަކާއި، އަދި ކޫއްޑޫއިން ޚިދުމަތް ހޯދަން އަންނަ އޮޑިފަހަރުންވެސް ބޭނުންކުރާ ބަނދަރެކެވެ. ބަނދަރުގެ އެއްގަމު ތޮށިން ބައިބައި ވެއްޓި ބަނދަރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ސަރުކާރުން ނިންމާފައިވާގޮތަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް މިހާރުދަނީ ކުރިއަށެވެ. ވިލިނގިލީގެ ބަނދަރުވެސް ތަރައްޤީކުރަނީ ރައްޔިތުން ބޭނުންވި ގޮތަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަނީ ރައްޔިތުން ބޭނުންވި 37 ބަނދަލެއް ގެނެސްގެންކަމަށެވެ.