ޚަބަރު

ފުވައްމުލަކު މޭޔަރު ރައީސަށް ދެއްވީ އޭ ޕްލަސް


ފުވައްމުލައް ސިޓީގެ ރައްޔިތުން އެދޭފަދަ ބަދަލެއް ގެނެސްދެވޭނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޒަޢާމަތުގައިކަމަށާއި، އެމަނިކުފާނު އެ ސިޓީއަށް ކޮށްދެއްވި ކަންކަމަށް ދެއްވާނީ "އޭ ޕްލަސް" ރިޕޯޓެއްކަމަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤް ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި އޮތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ފުވައްމުލައް ސިޓީގެ މޭޔަރު ވިދާޅުވީ، ރާއްޖެއަށް ހެޔޮ ބަދަލު ގެނެސްދޭނީ އެމްޑީޕީން ކަމަށާއި، އެހެންކަމުން އެޕާޓީ ވެރިކަމުގައި ދެމިއޮތުން މުހިންމުކަމަށެވެ. މޭޔަރު ވިދާޅުވީ، ބޭނުންފުޅުވަނީ ފުވައްމުލަކަށް ޚާއްޞަކޮށްގެން ހިންގާ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ދިއުންކަމަށެވެ.

މޭޔަރު ވިދާޅުވީ، ކުރީގެ ވެރިކަމުގައި 2013 ވަނަ އަހަރު ފުވައްމުލަކުގައި 2.9 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ފެށިކަމަށާއި، އެތައް ފަހަރަކު ހުއްޓި އެ މަޝްރޫޢު އަލުން ކުރިއަށް ގެންދަން ޖެހުނުކަމަށެވެ. ނަމަވެސް މިސަރުކާރުން އެރަށުގެ މަގުތައް ތަރައްޤީކުރުން ހުއްޓުމެއް ނެތި ކުރިއަށްގެންދާކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ، ފުވައްމުލަކާއި، މުޅި ރާއްޖޭގެ ތަރައްޤީއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިސްކަން ދެއްވާކަމަށެވެ. އޭނަ ވިދާޅުވީ ކޯވިޑްގެ އެންމެ ދަތި ދުވަސްވަރު އެރަށުގެ މަގުތަށް ތަރައްޤީކުރަން ފަށާނެކަމަށް އެއްވެސް މީހަކު ޤަބޫލު ނުކުރާނެކަމަށާއި، ނަމަވެސް އެދުވަސްވަރުވެސް އެ މަޝްރޫޢު ބާރަށް ކުރިއަށް ދިޔަކަމަށެވެ. އަދި މާލަސްތަކެއް ނުވެ 18.5 ކިލޯ މީޓަރުގެ މަގު ތަރައްްީކޮށް ނިންމާލެވޭނެކަމަށް މޭޔަރު ވިދާޅުވިއެވެ. އެފަދަ ޔަޤީންކަން މިނޫން އެތައް މަޝްރޫޢުއަކަށް އޮތްކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަދި ފުވައްމުލަކު ރައްޔިތެއްގެ ހައިސިއްޔަތުންވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ދެއްވާނީ "އޭ ޕްލަސް"އެއްކަމަށެވެ.


"ދިވެހިވެހި ރައްޔިތެއްގެ ހައިސިއްޔަތުންވެސް އަދި ފުވައްމުލަކު ރައްޔިތެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑު ދޭނީ އޭ ޕްލަސްއެއް" ފުވައްމުލަކު މޭޔަރު ވިދާޅުވިއެވެ.

މޭޔަރުގެ ވާހަކަފުޅުގައި ރައީސް ޞާލިޙާއި އެކު މަސައްކަތް ކުރައްވަން ފަސޭހަކަން ފާހަގަކުރައްވަމުން ވަނީ އެމަނިކުފާނަކީ ހަމައެކަނި ރައްޔިތުންގެ އަޑުއައްސަވާފައި ދޫކޮށްލައްވާނެ ބޭފުޅެއް ނޫންކަމަށް ވިދާޅުވެފައެވެ. މިސާލެއްކަމަށް މޭޔަރު ދެއްކެވީ ރައްޔިތުން އެދޭ ގޮތަށް މަޝްރޫޢުތަކަށް ބަދަލު ގެނައުމެވެ.

"އަޅުގަނޑުމެންނަށް ރައީސްއާއެކު މަސައްކަތް ކުރަން ފަސޭހައޭ. ފުވައްމުލަކު ރައްޔިތުން އެދޭ ކަންތައްތައް ކޮށްދެއްވާކަން. އެކަން ހަމައެކަނި އަޑު އައްސަވާފައި ދޫކޮށް ނުލައްވާނެކަން." ވައްމުލަކު މޭޔަރު ވިދާޅުވިއެވެ.


އެގޮތުން އެރަށުގައި 200 ހައުސިން ޔުނިޓް އެޅުމަށް ފުރަތަމަ ސަރުކާރުން ނިންމެވި މަޝްރޫޢު 400 ޔުނިޓަށް ބަދަލުކުރެއްވި ކުރެއްވުންވެސް މޭޔަރު ފާހަގަކުރެއްވިއެވެ. އަދި މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 10 ކިލޯމީޓަރުގެ ބަދަލުގައި 12 ކިލޯމީޓަރު މަގު ހެދުންވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު ވަނީ ރައީސް ޞާލީޙްގެ ޒަޢާމަތުގައި އެ ސިޓީއަށް އިތުރު އެތައް މަޝްރޫޢުއެއް ރޭވިފައިވާކަމަށް ވިދާޅުވެފައެވެ. މޭޔަރު ސިފަކުރެއްވީ ރައީސް ޞާލިޙަކީ ފުވައްމުލައް ސިޓީގެ ތަރައްޤީގެ ބާނީގެ ގޮތުގައެވެ.