ޚަބަރު

މާލޭ ރައްޔިތުންނަށް ޚާއްޞަ ބޯހިޔާވަހިކަން، ފްލެޓްތައް ތަނަވަސްވެފައި އަގުހެޔޮ


މާލޭގެ ރައްޔިތުންނަށް ދިމާވެފައިވަ އެންމެ ބޮޑު އެއް ދައްޗަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. ހިތްހަމަޖެހިލައިގެން އާއިލާއާއިއެކު ދިރިއުޅެވޭނެ ބޯހިޔާވަހިކަމެއް މާލޭ ރައްޔިތުން މިހާރު ތިބީ ކެތްމަދުވެފައެވެ. ބޯހިޔާވަހިކަމުގެ މިބޮޑު މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ތަޞައްވުރެކެވެ. މާލޭގައި ތޮއްޖެހުން ކުޑަކޮށް، އެންމެ ބޭނުންވެފައިވާ އާއިލާތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ސަރުކާރުގެ "ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ އެ 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ 2 ކުންފުނިކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެން.ބީ.ސީ.ސީ ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓްްގައި ޖުމްލަ 32 ޓަވަރު ހިމެނެއެވެ. މިއީ 17 ނުވަތަ 18 ފަންގިފިލާ ޓަވަރުތަކެކެވެ. މީގެތެރެއިން 13 ޓަވަރެއްގެ މަސައްކަތް އަންނަ އޯގަސްޓް މަހަށް ނިންމައި މީހުން ދިރިއުޅޭވަރު ކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

މި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ޖޭ.އެމް.ސީއާއި ޙަވާލުކޮށްގެން ތަރައްޤީކުރާ ޓަވަރުތަކަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ދީފައިވަނީ "އަމާން އުދަރެސް" މި ނަމެވެ. އަދި އެން.ބީ.ސީ.ސީއާ ޙަވާލުކޮށްގެން ތަރައްޤީކުރާ ޓަވަރުތަކަށް ކިޔާނެ ނަންވެސް ވަރަށް އަވަހަށް ހާމަކުރާނެކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ. މިފެލްޓަތަކުގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓާއި 2 ކޮޓަރީގެ އެޕާޓްމަންޓެވެ. ކޮނެމް އެޕާޓްމަންޓެއްވެސް ތަރައްޤީކޮށްފައިވަނީ ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތަށް، ޖާގަ ތަނަވަސް އަދި ޒަމާނީ ފެންވަރަށެވެ.

މިފެލެޓްތަކާއި ގުޅޭގޮތުން ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރު ވިދާޅުވީ މިފްލެޓްތަކަކީ ވަރަށް ގިނަ ދުވަހުގެ ވަރަށް ބުރަ މަސައްކަތްކަމަށެވެ. އޭނާ ވިދާޅުވީ، ފަހިދިރިއުޅުން ކޯޕަރޭޝަނުން މި 4000 ހައުސިން ޔުނިޓްގެ ޑިޒައިން މަރުހަލާގައިވެސް އެންމެ ބޮޑަށް އިސްކަން ދީފައިވަނީ، އެންމެ ފުރިހަމަ އަދި ހުރިހާ ގޮތަކުންވެސް ތަނަވަސް ތަނެއް ތަރައްޤީކުރުމަށްކަމަށެވެ.

ޖާގަ ތަނަވަސް އެޕާޓްމަންޓްތަކެއް

ސަލްފިއްޔާ ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އެ ފްލެޓްތަކުގެ މަސައްކަތް މަޑުޖެހުނުކަމަށެވެ. ނަމަވެސް އެ ހާލަތުން އަރައިގަނެ ފްލެޓްތަކުގެ މަސައްކަތް ވިހާވެސް އަވަހަށް ފެށީކަމަށް ސަލްފިއްޔާ ވިދާޅުވިއެވެ.

" ވަރަށް ހިތްގައިމު، ހިތްފަސޭހަ ދިރިއުޅުމަކަށް އަޅުގަނޑުމެންނަށް މިތަން ބޭނުންކުރެވޭނެ. ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ. އަޅުގަނޑުމެން ވިސްނިން ބަދިގެވެސް ވަކިކޮށްލާފަ ހެދޭތޯ. އެގޮތަށް އަޅުގަނޑުމެންނަށް ހެދުނު. ލިވިންގ ރޫމްއާއި ޑައިނިންގް ވަކިން އިންނައިރު ފުޅާމިނުގައިވެސް 12 ފޫޓު އިންނާނެ. ދިގުމިނުގައި 21 ފޫޓު ހުންނާނެ. " ސަލްފިއްޔާ ވިދާޅުވިއެވެ.

މި ފްލެޓްތަކުގެ އެޕާޓްމަންޓްތައް އެކުންފުނިންވަނީ މީޑިއާތަކަށް ދައްކާލާފައެވެ. އެގޮތުން ކޮންމެ އެޕާޓްމަންޓެއްގައިވެސް ދޮންނަ މެޝިން ބަހައްޓަން ވަކިން ތަނެއްހަދާފައި ހުރެއެވެ. ސަލްފިއްޔާ ވިދާޅުވީ، ގިނަ ގެތަކުގައި ދޮންނަމެޝިން ބަހައްޓަނީ އެގެއްގެ ބެލްކަނީގައިކަމަށެވެ. ބެލްކަނީގެ ބޭނުން ރަނގަޅުގޮތުގައި އޮންނަނީ ނުހިފިފައިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ހައްލުހޯދައިނުމަށް ދޮންނަ މެޝިން ބަހައްޓަން ވަކިން ތަނެއް އެ އެޕާޓްމަންޓްތަކުގައި ވަނީ ތަރައްޤީކޮށްފައެވެ.

އަލިފާނުން ރައްކާތެރިކޮށްދޭނެ

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވީ މިހައުސިން ޔުނިޓްތައް ތަރައްޤީކޮށްފައިވާނީ އަލިފާނުގެ ހާދިސާތަކުން ސަލާމަތްވެވޭނެ ޒަމާނީ ވަސީލަތްތަކާއިއެކުކަމަށެވެ. އެގޮތުން، ކޮންމެ އެޕާޓްމަންޓެއްގެ ވަންނަ ދޮރަކީ "ފަޔަ ޕްރޫފް' ދޮރެކެވެ. މީގެ މާނައަކީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެދޮރުގައި އަލިފާން ހިފުމުގެ 90 މިނެޓް ފަހުން ނޫނީ އަލިފާނުގެ އަސަރު ގޭތެރޭގައި ތިބޭ މީހުންނަށް ނުކުރާނެއެވެ. އޭގެ ސަބަބުން ސަލާމަތީ ގޮތްތައް ހޯދަން ވަގުތު ލިބިގެންދާނެކަން ސަލްފިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، މިހައުސިން ޔުނިޓްގެ ކޮންމެ ޓަވަރެއްގައި "ޑްރައި ރައިޒަރ ސިސްޓަމް" އަދި "ހޯސްރިލް ސިސްޓަމް" ޤާއިމްކޮށްފައިވެއެވެ. މިސިސްޓަމްތަކުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަލިފާންގަނޑު ކޮންޓްރޯލްކުރޭވެނެ މިންވަރަށް ޓެންކުގައި ފެން ހުންނާނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވިއެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި އަލިފާން ނިއްވާ ފުޅީގެ އިތުރުން އެލާމް ސިސްޓަމްތައްވެސް ޤާއިމްކުރެވިފައި ހުންނާނެކަމަށްވެސް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.

އެޕާޓްމަންޓްތަކުގެ ކުލި ކުޑަވާނެ

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން އަންނަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަމުންނެވެ. މިސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހުންނާނީ އަތްފޯރާ އަގެއްގައިކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މި4000 ހައުސިން ޔުނިޓްތަކުގެ ތެރެއިން 3 ކޮޓަރީގެ އެޕާޓްމަންޓްގެ ކުއްޔަކީ 13ހާސް ރުފިޔާއެވެ. އަދި 2 ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަކީ 7 ހާސް ރުފިޔާއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެފައިވަނީ އެކުންފުނިން ފުރަތަމަ ތަރައްޤީކުރި 13 ޓަވަރުގައި އަންނަ އޯގަސްޓްމަހަށް ނިންމައި މީހުން ދިރިއުޅޭވަރު ކުރެވޭނެކަމަށެވެ.