ދުނިޔޭގެ ވިޔަފާރި

ދެކުނު ކޮރެއާގެ ޖީޑީޕީ ދަށްވާނެ ކަމަށް ލަފާކޮށްފި

އެކްސްޕޯޓަށް ބަރޯސާވެފައި އޮންނަ ދެކުނު ކޮރެއާގެ ޖީޑީޕީ މި ހިނގާ މާލީ އަހަރުގެ 4 ވަނަ ކުއާޓަރުގައި ދަށްވާނެ ކަމަށް ރޮއިޓަރސް ނޫހުގެ ޕޯލަކުން ދައްކައިފިއެވެ. ޕޯލުން މިގޮތަށް ލަފާކޮށްފައި ވަނީ ބޭރުގެ ޑިމާންޑް ދަށްވެ އިންޓަރެސްޓު ރޭޓު މަތިވުމުގެ ސަބަބުންނެވެ.

އޭޝިއާގެ 4 ވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ ދެކުނު ކޮރެއާގެ އިޤްތިޞާދީ ދުވެލި އޮކްޓޫބަރު - ޑިސެމްބަރު ކުއާޓަރުގައި %0.3 އަށް މަޑުޖެހޭނެ ކަމަށް ޕޯލުން ދައްކައެވެ.

މި މަހުގެ 16 ން 19 އަށް ރޮއިޓާސް އިން ނެގި މި ޕޯލްގައި ބައިވެރިވި 13 އިޤްތިޞާދީ މާހިރުންގެ ތެރެއިން އެކަކު ފިޔަވައި އެހެން ހުރިހާ މާހިރުން ލަފާކުރާ ގޮތުގައި މި ކުއާޓަރުގައި ދެކުނު ކޮރެއާގެ އިޤްތިޞާދީ ދުވެލި މަޑުޖެހޭނެއެވެ. އެގޮތަށް މަޑުޖެހިއްޖެނަމަ މި މަޑުޖެހުމަކީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދީ ދަތިކަން ކުރިމަތިވި ދުވަސްވަރު ކަމަށްވާ 2020 ވަނަ އަހަރުގެ މެދުތެރެއަށް ފަހު މަޑުޖެހޭ އެންމެ ބޮޑު މަޑުޖެހުމެވެ.

އަހަރުން އަހަރަށް ބަލާއިރު، ދެކުނު ކޮރެއާގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީ.ޑީ.ޕީ 4 ވަނަ ކުއާޓަރުގައި %1.5 އަށް އިތުރުވުން އެކަށީގެންވާ ކަމަށް 21 އިޤްތިޞާދީ މާހިރުންގެ މީޑިއަން ލަފާކޮށްފައިވާއިރު، މިއީ 3 ވަނަ ކުއާޓަރުގައި އިތުރުވި %3.1 ގެ ދެބައިކުޅަ އެއްބައެވެ.

ދުނިޔޭގެ އިޤްތިޞާދު ރިސެޝަނަނަކަށް ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައާއި ދެކުނު ކޮރެއާގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާ، ޗައިނާގައި ކޯވިޑުގެ ބަލިމަޑުކަން ފެތުރެމުންދާ މި ދަނޑިވަޅުގައި އެ ޤައުމުގެ އެކްސްޕޯޓު ވަނީ %9.5 ދަށްވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރަށް ދަށްވާނެ ކަމަށް ޕޯލުން ލަފާކުރެއެވެ.

މީގެއިތުރުން އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް ބޭންކް އޮފް ކޮރެއާ، ބީ.އޯ.ކޭ އިން އިންޓަރެސްޓު ރޭޓު މަތިކުރަމުންދާތީ، އެކަމުގެ އަސަރުވެސް އެ ޤައުމުގެ އިޤްތިޞާދަށް ކުރާނެ ކަމަށް ދިރާސާ ކުރި ފަރާތްތަކުން ލަފާކުރެއެވެ.

ބީ.އޯ.ކޭ އިން ވަނީ މިދިޔަ ހަފްތާގައި ކީ ޕޮލިސީ ރޭޓް 25 ބެސިސް ޕޮއިންޓް %3.50 އަށް މަތިކޮށް، އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް 2021 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖުމްލަ 300 ބޭސިސް ޕޮއިންޓް އިތުރުކޮށްފައެވެ.

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުން ގޭބިސީތަކުގެ އާމްދަނީ ދަށްވެ، ކޮރެއާގައި ކޮންސިއުމަންޓްގެ ކުރިމަގު އަނދިރިވަމުންދާއިރު، ކޮރެއާގައި އަމިއްލަ ޚަރަދުތައް ޖުމްލަ ޑޮމެސްޓިކް ޕްރޮޑަކްޓްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާކުރެއެވެ.

"އަޅުގަނޑުމެން ލަފާކުރާ ގޮތުގައި މި އަހަރު އެކްސްޕޯޓް ވަރަށް ބޮޑަށް ދަށްވާނެ. އަދި އެޗް1 ގައި ޕްރައިވެޓް ކޮންސިއުމަންޓާއި ފިކްސްޑް އިންވެސްޓްމަންޓް ކުއާޓަރލީ ކޮންޓްރެކްޓްވާނެ ކަމަށް،" އޮކްސްފޯޑް އިކޮނޮމިކްސްގެ ސީނިއާ އިކޮނޮމިސްޓް ސުންގް އީން ޖަންގް ވިދާޅުވިއެވެ.