ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްގެ އަވަށެއް ކަމުގައިވާ ގަންގްނަމްގައި ބޮޑު އަލިފާންގަނޑެއް ރޯވެ، ގިނަ ޢަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިއްޖެއެވެ. އަލިފާން ރޯވެފައި ވަނީ ގަންގްނަމް ޑިސްޓްރިކްޓުގެ ވަރަށް ދުވަސްވީ އަވަށެއްގައެވެ. އަދި، ފަގީރު ޢާއިލާތަކުން ދިރިއުޅޭ އަވަށެކެވެ.
އަލިފާން ރޯވުމާ ގުޅިގެން އެ އަވަށުގައި ދިރިއުޅޭ 500 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމުގައި ސޯލްގެ އޮފިޝަލުން ބުނެއެވެ. އެ އަވަށުގެ ޢިމާރާތްތަކުގައި ރޯވެފައި މި ވަނީ، އައު އަހަރު ފާހަގަކުރުމުގެ އިހުތިފާލުތަކަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ.
އަލިފާންގަނޑު އެންމެ ބޮޑަށް ފެތުރިފައި ވަނީ ގަންގްނަމްގެ ގުރިޔޮންގް އަވަށުގައެވެ. މި ހާދިސާގައި އެ އަވަށުގެ 60 އަށްވުރެ ގިނަ ޢިމާރާތް ވަނީ އަނދާ ހުލިވެފައެވެ. އަލިފާންގަނޑު ނިއްވައިލެވިފައި ވަނީ ހަ ގަޑިއިރުގެ މަސައްކަތަށް ފަހުއެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވި ކަން އަދި ކަށަވަރު ނުކުރެވޭ ކަމުގައި ސޯލްގެ އޮފިޝަލުން ބުނެއެވެ.
ގުރިޔޮންގް އަވަށުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ވެސް އަދި ދެނެގަނެވިފައެއް ނުވެއެވެ. އަދި، އެ ކަން ދެނެގަތުމަށް ސޯލްގެ އޮފިޝަލުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ، އެ އަވަށުގައި މި ފަދަ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. އަދި، އަލިފާނުގެ ހާދިސާތަކަކީ، އެ އަވަށުގެ ރައްޔިތުންނަށް ބޮޑު ކަމެއް ނޫނެވެ.
2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް ގަންގްނަމް ޑިސްޓްރިކްޓުގައި މި ފަދަ 12 ހާދިސާއެއް ހިނގާފައިވެއެވެ. އެ އަވަށުގެ ގެތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރަނީ އެންމެ ކުރީގެ ޒަމާންވީ ކޭބަލްތަކާއި ވަސީލަތްތަކެވެ. އަދި، އަލިފާނުގެ ހާދިސާތައް ހިނގުމުގެ ބިރު އޮތް ނަމަވެސް، ސޯލްގެ އޮފިޝަލުން އެ ކަމާ އަޅައިނުލާކަމަށް އެ އަވަށުގެ ރައްޔިތުން ބުނެއެވެ.
ގުރިޔޮންގް އަވަށުގައި މީހުން އާބާދުވެފައި ވަނީ 1988 ވަނަ އަހަރުއެވެ. އެ ތަނަށް ބަދަލުކޮށްފައި ވަނީ، ސޯލްގައި ދިރިއުޅޭ ފާގީރު ޢާއިލާތަކެވެ. އެ ޢާއިލާތައް އެ ސަރަޙައްދަށް ބަދަލުކޮށްފައި ވަނީ، އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް ވަމުންދިޔަ ތައްޔާރީތަކުގެ ތެރެއިންނެވެ. އެ އަވަށުގައި މިހާރު ވެސް 550 ގެ ހުންނަ ކަމަށް ސޯލްގެ އޮފިޝަލުން ބުނެއެވެ. ވަރަށް ދަތި ހާލުގައި ދިރިއުޅެމުންދާ ގުރިޔޮންގްގެ ރައްޔިތުންނަށް ފުރިހަމައަށް ނަރުދަމާގެ ޚިދުމަތް ވެސް ފޯރުކޮށްނުދެއެވެ.